14 May 2012, 13:14
މަސްތުވާތަކެތީގެ ފަރުވާދޭ މަރުކަޒުތައް ހިންގުމުގެ ލައިސަންސް ދިނުމުގެ ގަވާއިދު އާންމުކޮށްފި އެވެ.
މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ 50 ވަނަ މާއްދާގެ ދަށުން ބާރު ލިބިގެން ހަދާފައިވާ ގަވާއިދު ގެޒެޓްގައި އާންމުކޮށްފައި ވަނީ މިދިޔަ ބުރާސްފތި ދުވަހު އެވެ.
އެ ގާވާއިދު ތަންފީޒު ކުރާނީ ނެޝެނަލް ޑްރަގް އެޖެންސީންނެވެ. އަދި ލައިސަންސަށް އެދި ހުށަހަޅަން ޖެހެނީ ވެސް އެ އެޖެންސީ އަށެވެ.
މަސްތުވާތަކެތީގެ ފަރުވާދޭ މަރުކަޒުތައް ހިންގުމުގެ ލައިސަންސް ދިނުމުގެ ގަވާއިދުގައި ލައިސަންސަށް އެދޭ ފަރާތުގެ ޝަރުތުތަކުގެ ތެރޭގައި ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި ޖިނާއީ ކުށެއްގެ ހުކުމް ކޮށްފައިވާ ފަރާތަކަށް ވެގެންނުވާނެ އެވެ.
އަދި އެ ގަވާއިދުގެ ދަށުން ނެޝެނަލް ޑްރަގް އެޖެންސީން ފަރުވާދޭ މަރުކަޒުތަކާ ގުޅޭ ގޮތުން އާންމުކޮށްފައިވާ ގަވާއިދުތަކާ ތަކުރާރުކޮށް ޚިލާފުވާ މަރުކަޒުތަކުގެ ލައިސަންސް ބާތިލު ކުރެވޭނެ އެވެ.
އެގާވައިދުގެ 11 ވަނަ މާއްދާގައި ބުނެފައި ވަނީ އޮޕިއޮއިޑް ސަބްސްޓިޓިއުޝަން ތެރަޕީ ޕްރޮގްރާމްގެ ލައިސަންސަށް އެދޭ ފަރާތްތަކުން އޯއެސްޓީގެ ގޮތުގައި ދޭ ބޭސް ރާއްޖެ އަށް އެތެރެ ކުރުމަށް މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ 182 ވަނަ މާއްދާގެ 1 ވަނަ ނަމްބަރުގެ ދަށުން ހެލްތު މިނިސްޓްރީން ހަދާ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ހުއްދަ ހޯދުމަށް ފަހު، އެ ހުއްދަ، ލައިސަންސަށް އެދެ ފޯމާ އެކު ހުށަހަޅަންވާނެ ކަމަށް ބުނެފައިވެ އެވެ.
މީގެ އިތުރުން ވެސް އެގަވާއިދުގެ ބުނެފައި ވަނީ "ފަރުވާދޭ މީހުންގެ ދަފުތަރު" އާއި އެހެނިހެން ތަފާސްހިސާބު ބެލެހެއްޓުމަށް ޓަކައި ޑްރަގް އެޖެންސީން އެކަމަށް ކަނޑައަޅާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތީން ތަފާސްހިސާބު ބަލަހައްޓައި އެ އެޖެންސީ އަށް ހުށަހަޅަން ވާނެ ކަމަށެވެ.