އިންޑިޔާގެ ކެރެލާގައި މީހެއްގެ ހެލްމެޓް ތެރެއިން ނުރައްކާތެރި ކޯބްރާ ހަރުފައެއް ފެނިއްޖެއެވެ.

ސޮޖޯން ނަމަކަށްކިޔާ އެ މީހާ މަސައްކަތަށް ގޮސް ހެލްމެޓް ސައިކަލްމަތީގައި ބާއްވާފައި، މަސައްކަތް ނިންމާފައި އަނބުރާގެއަށް ދާން ތައްޔާރުވިއިރު، ހެލްމެޓްތެރެއަށް އެއްޗެއް ވަތްހެން ހީވިކަމަށް އޭނާ ކިޔައިދީފައިވެއެވެ. އަދި, އޭނާއަށް އެއީ ހަރުފައެއްހެން ހީވެގެން ކަމާ ގުޅުންހުރި ޑިޕާޓްމަންޓަށް އެންގީ ކަމަށާއި، ހަރުފަ ހެލްމެޓް ތެރެއިން ފެނުނީ، ހަރުފަ ހިފާ މީހަކު އެ ތަނަށް އައިސް ހެލްމެޓް ރަނގަޅަށް ބެލި ފަހުން ކަމަށް ބުނެފައިވެއެވެ.

މި ހާދިސާގެ ވީޑިއޯއިން ފެންނަ ގޮތުގައި ހަރުފަ އޮތީ، ހެލްމެޓްގެ އެންމެ އެތެރެ ބައިގައެވެ. އެއީ, ގާތްގަނޑަކަށް އުމުރުން އެންމެ ދެ މަހުގެ ކުޑަ ކޯބްރާ ހަރުފައެއް ކަމަށާއި، ކުދި ހަރުފަ ވިހަލުމުން މާ ނުރައްކާތެރިވާނެ ކަމަށް ހަރުފަ ހިފި މީހާ ކިޔާދީފަވެއެވެ.

ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން ހާމަކުރާ ގޮތުގައި ހަރުފަ ވިހަލައިގެން އަހަރަކު 5 މިލިއަނަށްވުރެ ގިނަ ހާދިސާ ރެކޯޑްކުރެވޭ ކަމަށާއި، އަދި ހަރުފަ ވިހަލައިގެން އަހަރަކު 80،000 ގިނަ މީހުން މަރުވާކަމަށް އެ ޖަމިއްޔާއިން ހާމަކޮށްފައިވެއެވެ.