ފަލަސްތީނުގައި މިހާރު ހިނގަމުންދާ ހަނގުރާމައާއި ގުޅިގެން އިޒްރޭލާ މެދު ނުރުހުން ފާޅު ކުރައްވައި، ސުލްޙަ ކަށަވަރު ކޮށްދޭ ދެ ދައުލަތުގެ ހައްލެއް ހޯދަން ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް މިއަދު ގޮވާލައްވައިފިއެވެ.

ޣައްޒާގައި ވެރިކަން ކުރާ ހަމާސް ޖަމާއަތުން އިއްޔެ ވަނީ ކުއްލި ގޮތަކަށް އިޒްރޭލަށް ހަމަލާތައް ދޭން ފަށައިފައެވެ. ހަމާސް އާއި އިޒްރޭލުން ވެސް ހަނގުރާމަ އިއުލާންކޮށް، އަންނަނީ ހަމަލާތައް ބަދަލު ކުރަމުންނެވެ.

އިޒްރޭލުން ފަލަސްތީނަށް ދެމުންދާ ހަމަލާތައް ކުށްވެރިކޮށް ރައީސް ޞާލިޙް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ދިވެހިރާއްޖެ ދެމިއޮތީ ފަލަސްތީނާ އެކުގައި ކަމަށެވެ. އަދި، އެ ގައުމަށް ވެސް އަމިއްލަ ނިންމުމެއް ނިންމުމުގެ ހައްގު ލިބެންވާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

"ދިފާޢީ ބާރު ނެތް ފަލަސްތީނުގެ ޖަމާޢަތްތަކަށް އިސްރާއީލުން ބާރުގެ ބޭނުންކުރުން ކުށްވެރިކޮށް، އެންމެންނަށް ސުލްޙަ ކަށަވަރުކޮށްދޭ ދެ ދައުލަތުގެ ހައްލަކަށް ގޮވާލަށް،" ރައީސް ވިދާޅުވިއެވެ.

ފަލަސްތީނުގެ ހަމާސް ޖަމާއަތުން އިޒްރޭލުގެ ބައެއް ސަރަހައްދުތަކަށް އިއްޔެ ދިން ހަމަލާތަކާ ގުޅިގެން، ހިސާރުކޮށްފައިވާ ޣައްޒާގައި އާއްމުން ދިރިއުޅޭ އިމާރާތްތަކަށް އިޒްރޭލުން ބޮން އެޅުމުގެ ސަބަބުން 300 އަށް ވުރެ ގިނަ މީހުން ޝަހީދުވެ، ޒަޚަމްވީ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

އެ މައްސަލައިގައި ރޭ ދިވެހި ސަރުކާރުން ވެސް ވަނީ ފަލަސްތީނާ އެކު ދެމިއޮތްކަން ހާމަކޮށް ބަޔާނެއް ނެރެފައެވެ.

ފޮރިން މިނިސްޓްރީން ރޭ ނެރުނު ބަޔާނެއްގައި ބުނީ، ފަލަސްތީނުގެ ސަރުކާރާއި ރައްޔިތުންނާ އެކު ދިވެހި ސަރުކާރާއި ރައްޔިތުން އަބަދު ވެސް ތިބި ކަމަށެވެ. އަދި، އިޒްރޭލުން ފަލަސްތީނުގެ ބިންތައް ހިފައި، ގުދުސަށް ވެރިވެގަތުމާ ދެކޮޅަށް އދ.ގެ ސަލާމަތީ މަޖިލީހުން ފާސްކޮށްފައިވާ ގަރާރުތައް ފުރިހަމައަށް ތަންފީޒު ކުރުމަށް ސަރުކާރުން ވަނީ ގޮވައިލާފައެވެ.

މީގެ އިތުރުން މެދުއިރުމައްޗަށް ދާއިމީކޮށް ސުލްހަ ގެނެވޭނީ، 1967ގެ ކުރިން އޮތް ބޯޑަރުތަކާ އެއްގޮތަށް އިޒްރޭލާއި ފަލަސްތީނުގެ ދެ ދައުލަތް ގާއިމުކޮށް، އިރުމަތީ ގުދުސަކީ ފަލަސްތީނުގެ ވެރި ރަށުގެ ގޮތުގައި ކަނޑައަޅައިގެން ކަމަށް ސަރުކާރުން ބުނާ ބުނުން ތަކުރާރުކުރާ ކަމަށް ވެސް އެ ބަޔާނުގައިވެއެވެ.

ފަލަސްތީންގެ ހެލްތު މިނިސްޓްރީން ބުނީ މިހާތަނަށް އައިއިރު އެ ގައުމުގެ 1،610 މީހުންނަށް އަނިޔާ ލިބި ހޮސްޕިޓަލްތަކުގައި ފަރުވާ ހޯދަމުންދާ ކަމަށެވެ.

ހަމާސްއިން 2007 ވަނަ އަހަރު ޣައްޒާގެ ވެރިކަމަށް އައި ފަހުން، އިޒްރޭލުން ވަނީ އެ ސަރަހައްދު ބަންދުކޮށް، މީހުން އެތެރެވުމާއި ބޭރުވުމުގެ އިތުރުން ކާބޯތަކެއްޗާއި ބޭސް ފަދަ ޒަރޫރީ ތަކެތި އެތެރެކުރުމަށް ވެސް ވަރަށް ބޮޑަށް ހުރަސް އަޅާފައެވެ.