08 Oct 2023, 10:21
ޣައްޒާ (08 އޮކްޓޯބަރު 2023) : ފަލަސްތީނުގެ މުޖާހިދުން އިސްރާއީލުގެ އިސްތިއުމާރާ ދެކޮޅަށް ހިންގި އަސްކަރީ ކުއްލި އޮޕަރޭޝަންގައި މަރުވި އިސްރާއީލު މީހުންގެ އަދަދު 300 އަށް ވުރެ މައްޗަށް އަރައިފިއެވެ.
އިސްރާއީލުގެ ސިއްހަތާބެހޭ ވުޒާރާ ބުނާގޮތުން ފަލަސްތީނުގެ ހަމަލާތަކުގައި މިހާތަނަށް 300 އަށްވުރެ ގިނަމީހުން މަރުވެފައިވާއިރު 1500 އަށް ވުރެ ގިނަމީހުންވަނީ ޒަޚަމްވެފައެވެ. ޒަޚަމްވި މީހުންގެ ތެރޭގައި 270 އަށްވުރެ ގިނަމީހުން ތިބީ ފުރާނަ ސަލާމަތް ނުކުރެވޭ މިންވަރަށް ޒަޚަމްވެފައެވެ.
ފަލަސްތީނުގެ މުޖާހިދުން އަސީރުންގެ ގޮތުގައި ހައްޔަރުކުރި އިސްރާއީލު ސިފައިންނާއި އޮފްސަރުންގެ އަދަދުވެސް އެތައް ސަތޭކައަކަށް އަރާކަމަށް އަލްޖަޒީރާ ބުނެއެވެ. ނަމަވެސް އަސީރުންގެ ގޮތުގައި ހައްޔަރުވި އިސްރާއީލު ސިފައިންގެ އަދަދު އިސްރާއީލުން ބުނެފައެއް ނުވެއެވެ. އިސްރާއީލު އުޅެނީ މިކަން ސިއްރު ކުރެވޭތޯއެވެ. ނަމަވެސް ޣައްޒާގެ ކައިރީގައިވާ އިސްރާއީލުގެ އެތައް ސަރަހައްދެއް އަދިވެސް އޮތީ ފަލަސްތީނުގެ މުޖާހިދުންގެ އަތްދަށުގައި ކަމަށް އިސްރާއީލުން ވަނީ އެއްބަސްވެފައެވެ.
މުޖާހިދުންގެ ކުއްލި ހަމަލާތަކާ ގުޅިގެން އިސްރާއީލުގެ ސިފައިންނާއި ސަރުކާރަށް ކުއްލި ސިހުމާއި ކުއްލި ހައިރާންކަމެއް ލިބިފައިވާއިރު ބަދަލު ހިފުމުގެ ގޮތުން އިސްރާއީލުންވަނީ ޣައްޒާގައިވާ އާންމުން ދިރިއުޅޭ އިމާރާތްތަކަށް ބޮން އަޅައި ފަލަސްތީނުގެ އާންމުންގެ 230 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލައި ހާހަކަށްވުރެ ގިނަ މީހުން ޒަޚަމްކޮށްލާފައެވެ.
އެމެރިކާގެ ރައީސް ޖޯ ބައިޑެންވަނީ އިސްރާއީލުން ފަލަސްތީނުގެ ބިންތައް ހިފައިގެން އޮވެ ކޮންމެދުވަހު އިސްރާއީލުން ފަލަސްތީނު މީހުން މަރައި ގެދޮރު ތަޅައި ސުންނާފަތިކޮށް ހިންގަމުންގެންދާ އަނިޔާވެރި އަމަލުތަކަށް ލޯމަރާލެއްވުމަށްފަހު ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ މުޖާހިދުންނަކީ ޓެރަރިސްޓުންކަމަށް ސިފަކުރައްވާފައެވެ.

ފަލަސްތީނު މުޖާހިދުން އިސްރާއީލުގެ ޓޭންކެއް ގޮއްވާލަަނީ
ބައިޑެން ވިދާޅުވިގޮތުގައި އިސްރާއީލުވަނީ ޓެރަރިޒަމްގެ ޝިކާރައަކަށްވެފައެވެ. އަމިއްލަ ނަފްސު ދިފާއު ކުރުމުގެ ހައްގު އިސްރާއީލަށް އޮންނާނެއެވެ. އަދި މިކަމުގައި އެމެރިކާ އިސްރާއީލަށް ވާގިވެރިވެ އެހީތެރިވާނެއެވެ. އިސްރާއީލުގެ އަނިޔާވެރިކަމާއި އަޅުވެތިކަމާއި އިސްތިއުމާރުން މިނިވަންވުމުގެ ހައްގު ފަލަސްތީނު މީހުންނަށް އޮންނާނެކަމަށް އެމެރިކާ އެއްވެސް ވަރަކަށް ގަބޫލެއް ނުކުރެއެވެ. އަމިއްލަ ނަފްސު ދިފާއު ކުރުމުގެ ހައްގުވެސް ފަލަސްތީނަށް އޮންނާނެކަމަށް އެމެރިކާ ގަބޫލެއް ނުކުރެއެވެ.
އެމެރިކާ އެކޭ އެއްގޮތަށް ޔޫރަޕްގެ އިއްތިހާދުގެ ހާލަކީވެސް މިއެވެ. އަނިޔާ ލިބޭ ފަލަސްތީނު ކުށްވެރިކޮށް އަނިޔާކުރާ އިސްރާއީލުގެ ދިފާއުގައި ވާހަކަ ދެއްކުމެވެ. އެމެރިކާއާއި ޔޫރަޕްގެ ގެ ލީޑަރުން ވެ ވާހަކަތަކައި ބަޔާންތަކުން އެނގޭގޮތުގައި އަމިއްލަ މިނިވަންކަމަށް މަސައްކަތްކުރުމުގެ ހައްގު އޮންނަނީ ޔުކްރެއިން އަށް އެކަންޏެވެ.
އަސްކަރީ މުހައްލިލުންވަނީ ހަމާސްގެ ކުރިމަތީގައި އިސްރާއީލު ސިފައިން އިނދަޖެހުނުކަމަށާއި ހަމާސްގެ ރޭވުންތައް އިސްރާއީލުގެ ޖާސޫސީ އިދާރާ އަށް ރޭކާނުލުމަކީ އިސްރާއީލު ބަލިކަށިވެފައިވާ މިންވަރު ހާމަކޮށްދޭކަމެއް ކަމަށް ވިދާޅުވެފައެވެ. އޭނާވަނީ އިސްރާއީލުގެ ސިފައިންނާއި ޖާސޫސީ އިދާރާއަށްވެސް ބޮޑެތި ބަދަލުތަކެއް ގެނަސް އެތަންތަން އަލުން އިސްލާހުކޮށް އިސްރާއީލުގެ ވިސްނުމާއި ސިޔަސަތަށްވެސް ބަދަލުގެންނަންޖެހޭކަން ހާމަކުރައްވާފައެވެ.
ޒަމާނީ ހަތިޔާރާއި މަތި ޓެކްނޮލޮޖީއާއި މިނޫންވެސް ހުރިހާ އެއްޗެއް ހިތަކަށް އިސްރާއީލަށް ލިބިފައިވާއިރު އޮއްގައު ބުރިއެއް ނޫނީ އާދައިގެ ބަޑިގަނޑެއް ހިފައިގެން އުޅޭ ފަލަސްތީނު މީހުންގެ އަތުން އިސްރާއީލު ބަލިވެ އަމާންކަމާއި ރައްކާތެރިކަން ނުލިބިގެން އަބަދު އިސްރާއީލު އުޅެންޖެހޭ އަސްލު ސަބަބާމެދު އެންމެ ފަހަރަކުވެސް އިސްރާއީލު ވިސްނާލާތޯ ސުވާލު ކުރައްވާފައެވެ.
ފަލަސްތީނުގެ މުޖާހިދުން އަސީރުންގެ ގޮތުގައި ހައްޔަރުކުރި އިސްރާއީލުގެ ސިފައިންނާއި ސިފައިންގެ އޮފްސަރުންގެ އަދަދު އެތަށް ސަތޭކައަކަށް އަރާއިރު އެމީހުން ބޭނުންކުރާނީ އިސްރާއީލުގެ ޖަލުތަކުގައިވާ ފަލަސްތީނުގެ އެތަށް ހާސްބަޔަކު މިނިވަންކުރަންކަމަށްވަނީ ބެލެވިފައެވެ.
އިސްރާއީލުގެ ޖަލުތަކުގައި ފަލަސްތީނުގެ 6 ހާހަށްވުރެ ގިނަ މީހުން ތިބިއިރު އެމީހުންގެ ހަށިތައް ހަލާކުވެ ވޭން އުފުލައި މަރުވަމުންދަނީ ކެންސަރު ބައްޔާއި އެނޫންވެސް ވޭންދެނިވި އެކި ބަލިތަކުގައެވެ. އިސްރާއީލުގެ ޖަލުތަކުގައި ފަލަސްތީނުގެ ދެހާހަށްވުރެ ގިނައިން އަންހެނުންނާއި ކުޑަކުދިންވެސް އެބަތިއްބެވެ. އަދި ޖަލުގައި ވިހި ތިރީސް އަހަރު ހޭދަކުރުމަށްފަހު ވޭންދެނިވި ބަލިތަކުގައި ފުރާނަ ދޫކޮށްލާ މީހުންގެ އަދަދުވެސް އެހާ ގިނައެވެ.
އިސްރާއީލުން ކޮންމެ ދުވަހަކު ފަލަސްތީނުގެ އެތަށް ބަޔަކު މަރައި ގެދޮރު ހަލާކުކުރުން ފަދަ ލާއިންސާނީ ޖަރީމާތައް ހިންގަމުން ގެންދާއިރު އިސްރާއީލު ހުއްޓުވޭނެ ފަރާތެއް އަދަބެއް ދޭނެ ބައިނަލްއަގްވާމީ މުއައްސަސާއެއް ނެތެވެ. ފަލަސްތީނުގެ ކުއްލި ހަމަލާތަކާ ގުޅިގެން އިސްރާއީލުގެ ވައިގެ ދަތުރުތައްވެސްވަނީ ހުއްޓުމަކަށް އައިސްފައެވެ. ސްކޫލްތަކާއި ޔުނިވާސިޓީތަކުގެ ކިޔެވުންވެސްވަނި ބަންދުކޮށްފައެވެ. އަދި އިސްރާއީލު ގެންދަނީ ހަމާސްގެ ހަމަލާތަކުގައި ލިބިފައިވާ ގެއްލުންތައް ސިއްރުކުރަން މަސައްކަތް ކުރަމުންނެވެ.