08 Oct 2023, 09:05
ސްޕެނިޝް ލަލީގާގައި އިނގިރޭސި މިޑްފީލްޑަރު ޖޫޑް ބެލިންހަމްގެ ދެ ގޯލާ އެކު ރެއާލް މެޑްރިޑުން އޮސަސޫނާ އަތުން ފަސޭހަ މޮޅެއް ހޯދައިފިއެވެ.
ރެއާލްގެ އަމިއްލަ ދަނޑު، ސެންޓިއާގޯ ބެނަބާއޯގައި ރޭ ކުޅުނު ލީގު މެޗުގައި އޮސަސޫނާގެ މައްޗަށް ރެއާލުން ކުރި ހޯދާފައިވަނީ 4-0ގެ ނަތީޖާއަކުންނެވެ.
މެޗުގެ ނުވަވަނަ މިނެޓުގައި ރެއާލުން ވަނީ އެޓީމުގެ ފުރަތަމަ ގޯލު ޖަހައި ލީޑު ހޯދައިފައެވެ. ޑެނިއެލް ކާވަހަލް ދިން ބޯޅައަކުން ރެއާލަށް އެ ގޯލު ކާމިޔާބުކޮށްދިނީ ބެލިންހަމްއެވެ. އޭނާ އެ ގޯލު ކާމިޔާބުކުރީ ވަރަށް ހުސްކޮށް ހުރެ، ޕެނަލްޓީ އޭރިއާ ތެރެއިން ފޮނުވާލި ހަމަލާއަކުންނެވެ.
މެޗުގެ ފުރަތަމަ ހާފުގައި ރެއާލަށް ގޯލު ޖަހާނެ އިތުރު ފުރުސަތުތަކެއް ވެސް ލިބިގެންދިޔައެވެ. އެގޮތުން ހާފުގެ އެންމެ ފަހު މިނެޓުގައި ލޫކާ މޮޑްރިޗް ދިން ބޯޅައަކުން ސްޕެއިން ފޯވަޑް ޖޯސެލޫއަށް ލިބުނު ފުރުސަތު ފާހަގަކޮށްލެވެއެވެ. އޭނާ ފޮނުވާލި ހަމަލާ، އޮސަސޫނާގެ ގޯލާ އަމާޒުވެފައެއް ނުވެއެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0ގެ ނަތީޖާއަކުން ރެއާލް ކުރީގައި އޮވެގެންނެވެ.
ދެވަނަ ހާފުގެ ފުރަތަމަ ނުވަ މިނެޓުގެ ތެރޭގައި ރެއާލުން ވަނީ އިތުރު ގޯލެއް ޖަހައި ލީޑު ފުޅާކޮށްފައެވެ. ފެޑެރީކޯ ވަލްވާޑޭ ދިން ބޯޅައަކުން ރެއާލަށް އެ ގޯލު ކާމިޔާބުކޮށްދިނީ އެ ޓީމުގެ ފުރަތަމަ ގޯލު ވެސް ކާމިޔާބުކޮށްދިން ބެލިންހަމްއެވެ. ޕެނަލްޓީ އޭރިއާ ތެރެއިން ހުސްވެލައި، ބޯޅަ ހޯދުމަށް ފަހު ވަލްވާޑޭ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލާފައިވަނީ އޮސަސޫނާގެ ކީޕަރު ސާޖިއޯ ހެރޭރާގެ ދެ ފައި ދޭތެރެއިންނެވެ.
މެޗުގައި ރެއާލުން ޖެހި ތިންވަނަ ގޯލު ފެނިގެންދިޔައީ 65 ވަނަ މިނެޓުގައެވެ. ވަލްވާޑޭ ދިން ބޯޅައަކުން ރެއާލަށް އެ ގޯލު ކާމިޔާބުކޮށްދިނީ ބްރެޒިލް ފޯވަޑް ވިނީޝިއަސް ޖޫނިއާއެވެ. އޭނާ އެ ގޯލު ކާމިޔާބުކުރީ ކައުންޓާ އެޓޭކެއްގައި ލިބުނު ބޯޅަ ހިފައިގެން ޕެނަލްޓީ އޭރިއާ ތެރެއަށް ވަދެ، ކީޕަރު ހެރޭރާ ކައިރިން ނައްޓާލުމަށް ފަހު ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިގެންނެވެ.
އޭގެ ފަސް މިނެޓު ފަހުން ރެއާލުން ވަނީ ހަތަރު ގޯލުގެ ލީޑެއް ހޯދައިފައެވެ. ވިނީޝިއަސް ދިން ބޯޅައަކުން ރެއާލަށް އެ ގޯލު ކާމިޔާބުކޮށްދިނީ ޖޯސެލޫއެވެ. ޕެނަލްޓީ އޭރިއާ ތެރެއިން އޭނާ އެ ގޯލު ކާމިޔާބުކުރީ އޮސަސޫނާ ގޯލުގެ ކަނަކަށް އަމާޒުކޮށްލައިގެންނެވެ.
މެޗު ނިމެން ހަ މިނެޓަށް ވެފައިވަނިކޮށް، ރެއާލަށް ފަސްވަނަ ގޯލެއް ކާމިޔާބުކުރުމަށް ޕެނަލްޓީއެއް ވެސް ލިބިގެންދިޔައެވެ. ރެއާލަށް އެ ޕެނަލްޓީ ލިބިގެންދިޔައީ ޓޯނީ ކްރޫސް ފޮނުވާލި ހަމަލާއެއް ޕެނަލްޓީ އޭރިއާ ތެރެއިން އޮސަސޫނާގެ ކިކޭ ބާޖާގެ އަތުގައި ޖެހުމާ ގުޅިގެންނެވެ. ނަމަވެސް ރެއާލްގެ ޖޯސެލޫ ފޮނުވާލި ޕެނަލްޓީ، އޮސަސޫނާގެ ކީޕަރު ހެރޭރާ ވަނީ މަތަކޮށްފައެވެ.
ސްޕެނިޝް ލަލީގާ ތާވަލުގެ އެއްވަނައިގައި ރެއާލް އޮތީ ކުޅުނު ނުވަ މެޗުން ލިބުނު 24 ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް ގިރޯނާއަށް ނުވަ މެޗުން 22 ޕޮއިންޓް ލިބިފައިވާ އިރު، ތިންވަނައިގައި އޮތް ބާސެލޯނާއަށް އަށް މެޗުން ލިބިފައިވަނީ 20 ޕޮއިންޓެވެ. އަދި، ހަތަރުވަނައިގައި އޮތް އެތުލެޓީކް ކްލަބަށް ނުވަ މެޗުން ލިބިފައިވަނީ 17 ޕޮއިންޓެވެ.