އިނގިރޭސި ޕްރިމިއާ ލީގުގައި ލުޓޮން ބަލިކޮށް، ޓޮޓެންހަމް ހޮޓްސްޕާއިން ތާވަލުގެ އެއްވަނައަށް ޖެހިލައިފިއެވެ.

ރަށުން ބޭރުގައި ރޭ ކުޅުނު ލީގު މެޗުގައި ލުޓޮންގެ މައްޗަށް ޓޮޓެންހަމުން ކުރި ހޯދާފައިވަނީ 1-0ގެ ނަތީޖާއަކުންނެވެ. ޓޮޓެންހަމުން އެ މޮޅު ހޯދާފައިވަނީ މެޗުގެ ބޮޑު ބައެއްގައި ރަތް ކާޑަކާ ގުޅިގެން އެއް ކުޅުންތެރިޔަކު މަދުކޮށް ކުޅެގެންނެވެ.

އެ މެޗުގެ ފުރަތަމަ ހަތަރު މިނެޓުގެ ތެރޭގައި ޓޮޓެންހަމަށް ރަނގަޅު ދެ ފުރުސަތެއް ލިބިގެންދިޔައެވެ. އެ ދެ ފުރުސަތު ވެސް ލިބިގެންދިޔައީ ބްރެޒިލް ފޯވަޑް ރިޗާލިސަންއަށެވެ. އޭނާގެ ފުރަތަމަ ހަމަލާ ލުޓޮންގެ ގޯލާ އަމާޒުވެފައިނުވާ އިރު، ދެވަނަ ހަމަލާގެ ހުރަހަކަށްވީ ލުޓޮންގެ ބެލްޖިއަމް ކީޕަރު ތޯމަސް ކަމިންސްކީއެވެ.

އޭގެ ފަހުން ވެސް ޓޮޓެންހަމަށް ގޯލު ޖެހުމަށް ގިނަ ފުރުސަތުތަކެއް ލިބިގެންދިޔައެވެ. އެގޮތުން ސޮން ހިއުން މިން އާއި ޑެޖާން ކުލުސެވްސްކީ ފޮނުވާލި ހަމަލާތައް ލުޓޮންގެ ކީޕަރު ކިމިންސްކީ މަތަކުރި އިރު، ޖޭމްސް މެޑިސަން ފޮނުވާލި ހަމަލާ ގޯލާ އަމާޒުވެފައެއް ނުވެއެވެ.

މެޗުގެ ފުރަތަމަ ހާފުގެ އިތުރު ވަގުތުކޮޅުގެ ތެރޭގައި ޓޮޓެންހަމްގެ ޔެވޭސް ބިސޫމާއަށް ދެވަނަ ރީނދޫ ކާޑަކާއެކު ވަނީ ރަތް ކާޑެއް ދައްކައިފައެވެ. އެއާ އެކު ޓޮޓެންހަމުން މެޗު ފުރިހަމަކުރަން ޖެހުނީ ކުޅުންތެރިޔަކު މަދުކޮށެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ގޯލެއް ނުޖެހި އެއްވަރުވެގެންނެވެ.

މެޗުގެ ދެވަނަ ހާފު ފެށިތާ ހަތް މިނެޓު ފަހުން ޓޮޓެންހަމުން ވަނީ ގޯލެއް ޖަހައި ލީޑު ހޯދައިފައެވެ. ކޯނަރެއްގެ ތެރެއިން މެޑިސަން ދިން ބޯޅައަކުން ޓޮޓެންހަމަށް އެ ގޯލު ކާމިޔާބުކޮށްދިނީ އެ ޓީމުގެ ނެދަލެންޑްސް ޑިފެންޑަރު މިކީ ވެން ޑެ ވެންއެވެ.

އެ ގޯލަށް ފަހު ލުޓޮނުން މަސައްކަތްތަކެއް ކުރަމުންދިޔަ އިރު، ޓޮޓެންހަމުން ވެސް ވަނީ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އެގޮތުން ޓޮޓެންހަމްގެ ވެން ޑެ ވެންއަށް ލިބުނު ފުރުސަތެއް ފާހަގަކޮށްލެވެއެވެ. ޕެނަލްޓީ އޭރިއާ ތެރޭ ހުރެ، އޭނާ ބޮލުން ފޮނުވާލި ހަމަލާ، ލުޓޮންގެ ކީޕަރު ކަމިންސްކީ ވަނީ މަތަކޮށްފައެވެ.

ޕްރިމިއާ ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލައިލާ އިރު، އަމިއްލަ ދަނޑުގައި މެންޗެސްޓާ ޔުނައިޓެޑުން ވަނީ 2-1ގެ ނަތީޖާއަކުން ބްރެންޓްފޯޑް ބަލިކޮށްފައެވެ. މެޗުގެ 26 ވަނަ މިނެޓުގައި ބްރެންޓްފޯޑަށް މެތިއަސް ޖެންސެން ލީޑު ހޯދައިދީފައި ވަނިކޮށް، މެޗުން ޔުނައިޓެޑް މޮޅުވީ ދެވަނަ ހާފުގެ އިތުރު ވަގުތުކޮޅުގެ ތެރޭގައި ސްކޮޓް މެކްޓޮމިނޭ ކާމިޔާބުކޮށްދިން ދެ ގޯލުންނެވެ.

ރަށުން ބޭރުގައި ޗެލްސީން ވެސް ވަނީ ފަހަތުން އަރައި، 4-1ގެ ނަތީޖާއަކުން ބާންލީ ބަލިކޮށްފައެވެ. ބާންލީއަށް ލީޑު ލިބިގެންދިޔައީ މެޗުގެ 15 ވަނަ މިނެޓުގައި ވިލްސަން އޮޑޮބާޓް ޖެހި ގޯލުންނެވެ. އޭގެ ފަހުން ބާންލީގެ އަމީން އަލް ދާކިލް އަތުން ބައިކޮޅަށް ގޯލެއް ވަން އިރު، ޗެލްސީގެ އަނެއް ތިން ގޯލު ކާމިޔާބުކޮށްދިނީ ކޯލް ޕާމާ އާއި ރަހީމް ސްޓާލިން އަދި ނިކޮލަސް ޖެކްސަންއެވެ.

ޕްރިމިއާ ލީގު ތާވަލުގެ އެއްވަނައަށް ޓޮޓެންހަމް ޖެހިލީ ކުޅުނު އަށް މެޗުން ލިބުނު 20 ޕޮއިންޓާ އެކުއެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީއަށް ހަތް މެޗުން 18 ޕޮއިންޓް ލިބިފައިވާ އިރު، ތިންވަނައިގައި އޮތް އާސެނަލަށް ހަތް މެޗުން ލިބިފައިވަނީ 17 ޕޮއިންޓެވެ. އަދި، ހަތަރުވަނައިގައި އޮތް ލިވަޕޫލަށް ހަތް މެޗުން ލިބިފައިވަނީ 16 ޕޮއިންޓެވެ.

ޕްރިމިއާ ލީގުގައި މިރޭ ވެސް މެޗުތަކެއް ކުޅުމަށް ހަމަޖެހިފައިވެއެވެ. އެގޮތުން އެންމެ ވަރުގަދަ މެޗެއްގެ ގޮތުގައި ފާހަގަކޮށްލެވެނީ އާސެނަލާއި ސިޓީ ބައްދަލުކުރާ މެޗެވެ. އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅޭ އެ މެޗު ފަށާނީ ރާއްޖޭގަޑިން މިރޭ 8:30 ގައެވެ.