08 Oct 2023, 08:53
އޭއެފްސީ އޭޝިއަން ފުޓްސަލް ކަޕްގެ ކޮލިފައިންގައި ރާއްޖޭގެ ގައުމީ ފުޓްސަލް ޓީމު ކުޅުނު ފުރަތަމަ މެޗުގައި ނާކާމިޔާބީއާ ކުރިމަތިލާން ޖެހިއްޖެއެވެ.
ކިރްގިސްތާނުގައި ކުރިއަށްގެންދާ އޭޝިއަން ކަޕްގެ ކޮލިފައިންގައި ރާއްޖޭގެ ފުރަތަމަ މެޗުގައި ނުކުންނަން ޖެހުނީ ދުނިޔޭގެ ހަވަނައަށް ރޭންކުކޮށްފައިވާ ވަރުގަދަ އީރާނާ ދެކޮޅަށެވެ. އިއްޔެ ކުޅުނު އެ މެޗުން ރާއްޖެ ބަލިވީ 18-2ގެ ނަތީޖާއަކުންނެވެ.
އެ މެޗުގައި އީރާންގެ ފަރާތުން ވަރުގަދަ ކުޅުމެއް ފެނިގެންދިޔަ ނަމަވެސް، ރާއްޖޭގެ ކުޅުންތެރިންގެ ހުނަރުވެރިކަން ފެނިގެންދިޔައެވެ. މެޗުގައި ރާއްޖެއިން ދެ ގޯލުގައި ވެސް އަލީ ހާފިޒް (ހާއްޕެ)ގެ ބައިވެރިވުން ހިމެނެއެވެ.
ރާއްޖޭގެ ފުރަތަަމަ ގޯލަކީ އީރާން ކީޕަރު ކުރިއަށް ނުކުތުމާ އެކު ދުރުން ފޮނުވާލި ހަމަލާއަކުން ހާއްޕެ ޖެހި ގޯލެކެވެ. އެ ގޯލު ފެނިގެންދިޔައީ މެޗުގެ ފުރަތަމަ ހާފުގެ ތެރޭގައެވެ. މެޗުގެ ދެވަނަ ހާފުގައި ހާއްޕެ ދިން ބޯޅައަކުން ރާއްޖޭގެ ދެވަނަ ގޯލު ކާމިޔާބުކޮށްދިނީ އަލީ ޝިޔާހު (ޝިޔަޅޭ)އެވެ.
ރާއްޖޭގެ ފުޓްސަލް ޓީމުން ކޮންމެ މުބާރާތެއްގައި ވާދަކުރާއިރު ވެސް ކުރިމަތިލާން ޖެހޭ އުނދަގުލަކީ ތަމްރީނުކުރުމުގެ ފުރުސަތު ނުލިބުމެވެ. ބައިނަލްއަޤުވާމީ ފުޓްސަލް މުބާރާތްތައް އިންޑޯ ދަނޑުތަކުގައި ކުޅުނު ނަމަވެސް، ރާއްޖޭގައި ފުޓްސަލަށް ހާއްސަކޮށް އިންޑޯ ފުޓްސަލް ދަނޑެއް ނެތެވެ. އެހެންކަމުން ކޮލިފައިނަށް ވެސް ރާއްޖޭގެ ޓީމު ތަމްރީނުތައް ކުރިއަށްގެންދިޔައީ ބާސްކެޓްބޯޅަ އާއި ވޮލީބޯޅައަށް ހާއްސަކޮށްފައި އޮންނަ ސޯޝަލް ސެންޓަރު އިންޑޯ ކޯޓުގައެވެ.
އޭޝިއަން ކަޕްގެ ކޮލިފައިންގައި ރާއްޖެއިން ދެން ނުކުންނަން ޖެހޭނީ ލުބުނާނާ ދެކޮޅަށެވެ. މިއަދު ކުޅޭ އެ މެޗަށްފަހު، ރާއްޖޭގެ ފަހު މެޗުގައި ނުކުންނަން ޖެހޭނީ ކިރްގިސްތާނާ ދެކޮޅަށެވެ.