މާލިއްޔަތު ގަވާއިދާ ހިލާފަށް ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނަށް ނެޓްވޯކް ސާވާއަކާއި އެއާ ގުޅޭ އެހެނިހެން ސާމާނުތަކެއް ހޯދަން ކޮށްފައިވާ އިޢުލާން ބާތިލުކުރުމަށް އެޑިޕާޓްމަންޓަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އަންގައިފި އެވެ.

އޭސީސީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެތަކެތި ހޯދުމަށް އެޑިޕާޓްމަންޓުން ކޮށްފައިވާ އިޢުލާނަކާ ގުޅިގެން އެ ކޮމިޝަނަށް ހުށަހެޅުނު މައްސަލައެއް އެ ކޮމިޝަނުން ބެލިއިރު އެތަކެތި ގަތުމުގައި ވަކި ބްރޭޑޭންޑެއްގެ ސާމާނު ގަތުމަށް ހާއްސަ ސަމާލުކަމެއް ދީފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން މާލިއްޔަތު ގަވާއިދުގައި ބުނެފައިވާ ގޮތަށް ބީލަމުގެ ކަންތައްތައް ވާދަވެރިގޮތެއްގައި ކުރިއަށް ގެންދިއުމަށް ހަމަހަމަ ފުރުސަތެއް، ގާބިލު ފަރާތްތަކަށް ދޭން ވާނެ ކަމަށް ބުނެފައިވާ އިރު އެފަދަ ފުރުސަތެއް އެ ފަރާތްތަކަށް ދެވިދާނެ ކަމާ މެދު ސުވާލު އުފެދޭ ކަމަށެވެ.

"ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުން ކޮށްފައިވާ އިޢުލާންގައި ތަކެތި ބައްލަވައިގަތުމަށް ވަކި ބްރޭންޑެއް ހާއްސަކޮށްފައިވާތީ އެކަމުގެ ސަބަބުން އަންދާސީ ހިސާބު ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް އޮތް ހަމަހަމަ ފުރުސަތު ގެއްލިގެންދާކަން މި ކޮމިޝަނަށް ފާހަގަކުރެވޭތީ އާއި އޭގެ ސަބަބުން ކޮރަޕްޝަނަށް މަގުފަހިވެދާނެ ކަމަށް ފެނޭ،" އޭސީސީގެ ބަޔާނުގައިވެ އެވެ.

ޖޫޑިޝަލް އެޑްމިނިސްޓްޜޭޝަނުން ކުރި އިޢުލާން ބާތިލްކުރުމަށް ފަހު މާލިއްޔަތުގެ ގަވާއިދާ އެއްގޮތަށް އަލުން އިޢުލާންކޮށްގެން އެ މަސައްކަތް ކުރިއަށް ގެންދިއުމަށް އޭސީސީ އިން ވަނީ އެޑިޕާޓްމަންޓަށް އަންގައިފަ އެވެ.

އެކަމާ ގުޅިގެން ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްޜޭޝަންގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.