ޑައިރެކްޓަރު ރޯހިތު ޝެޓީގެ ކޮޕް ޔުނިވާސްގެ ކާމިޔާބު ސީރީސް "ސިންގްހަމް"ގެ ތިން ވަނަ ބައިން ވެސް ބަތަލާ ކަރީނާ ކަޕޫރު ފެންނާނެކަން ކަށަވަރު ވެއްޖެއެވެ.

"ސިންގްހަމް އަގެއިން"ގެ ނަމުގައި އުފައްދާ މި ސީރީސްގެ ތިން ވަނަ ބައިގެ ކާސްޓުގައި ބަތަލާ ކަރީނާ ކަޕޫރު ހިމެނޭ ކަން މިހާތަނަށް ފިލްމު ގެނެސްދޭ ކުންފުނިން ރަސްމީ ކޮށް އިއުލާނު ކޮށްފައެއް ނުވެއެވެ.

ދެވަނަ ފަހަރަށް ފިލްމު "ސިންގްހަމް"ގެ ސީރީސް ގައި މަސައްކަތް ކުރާ ބަތަލާ ވަނީ އަމިއްލަ އިންސްޓަގްރާމް މެދުވެރި ކޮށް ފިލްމުގެ މަންޒަރެއް ބެލުންތެރިންނާ ހިއްސާކޮށް ފައެވެ. އަދި މިއީ ކަރީނާއަށް އެންމެ މަގުބޫލު ޑައިރެކްޓަރު ރޯހިތު ޝެޓީ އާއެކު މަސައްކަތް ކުރާ ހަތަރު ވަނަ ފިލްމު ކަމަށް ވަނީ ބުނެފައެވެ.

މީގެ ކުރިން ކަރީނާ ވަނީ ރޯހިތު އާއެކު ހެއްވާ މަޖާ ފިލްމު "ގޯލް މާލް3"ގައި ވެސް މަސައްކަތް ކޮށްފައެވެ. ފިލްމު "ސިންގްހަމް އަގެއިން" އިން ކަރީނާ ބަތަލާގެ ރޯލްއިން ފެންނާނެ އިރު މި ފިލްމުން ދިޕިކާ ޕަދުކޯން ވެސް ފެންނާނެއެވެ. ދިޕިކާ ޕަދުކޯން ފިލްމުގައި ފެންނާނީ އަޖޭ ދޭވްގަންގެ ކޮއްކޮގެ ރޯލް އިންނެވެ. މި ފަހަރުގެ ފިލްމުގެ ވިލެންގެ ރޯލްއިން ފެންނާނީ ބޮލީވުޑުގައި ފައިތިލަ ސާބިތު ކޮށްފައިވާ އެކްޓަރު އަރުޖުން ކަޕޫރެވެ.

އަންނަ އަހަރު ސިނަމާތަކަށް ގެންނަން ތައްޔާރުވާ މި ފިލްމުން ރޯހިތު ޝެޓީގެ ކޮޕް ޔުނިވާސްގެ ފިލްމުތައް ކަމަށްވާ "ސިމްބާ" އަދި "ސޫރްޔަވަންޝީ"ގެ ލީޑް ތަރިން ރަންވީރު ސިންގް އާއި އަކްޝޭ ކުމާރުގެ ހާއްސަ ފެނިލުންތައް ހިމެނެއެވެ. އަޖޭ ދޭވްގަންގެ ވަރުގަދަ އެކްޝަން ސީންތައް އެކުލެވޭ ފިލްމުގެ ސްކްރިޕްޓް ކުރީ ބައިތަކަށްވުރެ ވަރުގަދަ ވާނެކަމަށް ރޯހިތު ވަނީ ބުނެފައެވެ.