ބޮލީވުޑްގެ އެންމެ ކާމިޔާބު ބަތަލާއިން ކަމަށްވާ އާލިއާ ބަޓް އާއި ކަންގަނާ ރަނާވަތު ހިމަނައިގެން ފިލްމެއް އުފެއްދުމުގެ ވިސްނުމަކީ ރަގަޅު ވިސްނުމެއް ނޫން ކަމަށް ޑައިރެކްޓަރު ވިވެކް އަގްނިހޯތުރީ ބުނެފިއެވެ.

ފިލްމު "ހޭޓް ސްޓޯރީ" އާއި "ދަ ކަޝްމީރީ ފައިލްސް" ގެ ޑައިރެކްޓަރު މީޑިއާއަށް ދިން އިންޓަވިއު ގައި ބުނީ ދެ ބަތަލާ އިން ފިލްމަކުން ފެންނާނެ ކަމުގެ ޚިޔާލު ތަސައްވަރު ކުރަން ވެސް ބޭނުން ނުވާ ކަމަށެވެ.

ޓެލެވިޒަން އަދި ރޭޑިޔޯ ހޯސްޓު ސިދާތު ކަންނަން އާއި ވިވެކް އަގްނި ހޯތުރީ ކުރި ސުވާލަކަށް ޖަވާބުދާރީވަމުން ތަޖުރިބާކާރު ޑައިރެކްޓަރު ބުނީ އާލިއާ އާއި ކަންގަނާއާ ދޭތެރޭ އެއްވެސް ކަހަލަ މައްސަލައެއް މިހާތަނަށް ޖެހިފައި ނުވާ ކަމަށެވެ. ބޮލީވުޑްގެ ކާމިޔާބު ދެ ފިލްމީ ތަރިންނަށް އަމާޒުކޮށް ވިވެކް މި މޭރުމުން ވާހަކަ ދައްކާފައި ވަނީ ކީއްވެގެން ކަމެއްވެސް މި އިންޓަވިއުގައި ބުނެދީ ފައެއް ނުވެއެވެ.

ވިވެކް ބުނީ އެއްވެސް ބަތަލާ އެއްގެ ޒާތީ ހަޔާތުގެ ތެރެއަށް ވަންނަން ބޭނުން ނުވާ ކަމަށެވެ.

ކަންގަނާ އަކީ އަބަދުވެސް ބަތަލާ އާލިއާ ބަޓް އާ ދެކޮޅަށް ވަރަށް ބޮޑަށް ފާޑު ކިޔާފައިވާ ބަތަލާ އެކެވެ. އާލިއާ ބަޓް އަކީ ޑައިރެކްޓަރު ކަރަން ޖޯހަރުގެ ނުފޫޒުގަދަ ކަމާއެކު ފިލްމީ ދާއިރާއަށް ތައާރަފް ކުރި ބަތަލާއެއް ކަމަށާއި މިހާތަނަށް އާލިއާގެ ފިލްމީ ކެރިއަރުގައި ހޯދި ފުރުސަތު ތަކަކީ ކަރަން މެދުވެރި ވެގެން ބަތަލާއަށް ލިބުނު ފުރުސަތު ތަކެއް ކަމަށް ކަންގަނާ ވަނީ އެކި ފަހަރު މަތިން މީޑިއާގައި ބުނެފައެވެ.

އިންޑިއާގެ ނެޝަނަލް އެވޯޑް ވެސް ކާމިޔާބު ކޮށްފައިވާ ވިވެކް ބުނެފައި ވަނީ ބަތަލާ އާލިއާ އަދި ކަންގަނާ އަކީ ވެސް އެކި ފަހަރު މަތިން ނެޝަނަލް އެވޯޑް ކާމިޔާބު ކޮށްފައިވާ ދެ ތަރިން ކަމަށެވެ. މި ދެ ތަރިން އެއް ފިލްމަކުން ފެންނަން ކިތަންމެ ބަޔަކު ހިތް އެދުނު ނަމަވެސް އެއީ 'ރިސްކެއް' ކަމަށާއި ޑައިރެކްޓަރެއްގެ ހައިސިއްޔަތުން އެ 'ރިސްކު' ނެގުމުގެ ހިތްވަރު އޭނާގެ ކިބައިގައި ނެތް ކަމަށެވެ.

ވިވެކް އެންމެ ފަހުން ޑައިރެކްޓް ކުރި މެޑިކަލް ޑްރާމާ ފިލްމު "ދަ ވެކްސިން ވޯ" މި ދިޔަ މަހު ފަހު ކޮޅު ރިލީޒް ވެފައިވާއިރު ބޮކްސް އޮފީހުގައި ފިލްމަށް ލިބެމުން އަންނަ ސަމާލުކަން އަދި ކުޑައެވެ.