08 Oct 2023, 08:50
ތާރީޚުގެ ތެރެއިން ފާހަގަކޮށްލެވޭ އާޓިސްޓެއް ކަމަށްވާ ޕާބްލޯ ޕިކާސޯގެ ކުރެހުމެއް، 120 މިލިއަން ޑޮލަރަށް ވިއްކާލުމަށް ތައްޔާރުވެއްޖެއެވެ.
ތާރީޚުގެ ތެރޭގައި އެންމެ ފާހަގަކުރެވޭ ވަރުގަދަ އާޓިސްޓުންގެ ލިސްޓެއް ވާނަމަ އެ ލިސްޓުގެ އެންމެ ކުރީކޮޅުގައި ހިމެނޭނެ އެކަކަކީ ޕިކާސޯއެވެ. އެއާ އެކު އޭނާގެ އެކި ކުރެހުންތަކަކީ ގިނަ ބަޔަކަށް އެނގޭ މަގުބޫލު ކުރެހުންތަކެކެވެ.
ދާދި ފަހުން ނީލަމަށް ލައިގެން ވިއްކާލާފައިވަނީ ޕިކާސޯގެ ކުރެހުމެއް ކަމަށްވާ "ފެމް އަ ލާ މޮންޓްރޭ" އެވެ. ފެންކުލައިން ތައްޔާރުކޮށްފައިވާ މި ކުރެހުމަކީ ޕިކާސޯ 1967 ވަނަ އަހަރުގައި ފުރިހަމަ ކުރި ކުރެހުމެކެވެ.
މި ހަފުތާގެ ތެރޭގައި ބޭއްވުމަށް ހަމަޖެހިފައިވާ އިވެންޓެއްގައި ނީލަމަށް ލައިގެން މި ކުރެހުން ވިއްކާލުމަށް ވަނީ ހަމަޖެހިފައެވެ. ތާރީޚާއި އާޓުގެ މާހިރުން ބުނާގޮތުގައި މި ކުރެހުމުގެ އަގު 120 މިލިއަން ޑޮލަރަށް އަރާނެއެވެ.
ނަމަވެސް މި އަހަރުގެ ތެރޭގައި ބޮޑެތި އުފެއްދުންތައް ނީލަމަށް ލައިގެން ފެނިގެން ދިޔައީ ލަފާކުރި އަދަދަށް ވުރެ ބޮޑު ތަނުން އެއްޗެހި ވިކުންތަނެވެ. އެއާ އެކު މި ކުރެހުން ވެސް ވިކޭނެ ކަމަށް ލަފާ ކުރާ އަދަދަށް ވުރެ ބޮޑު އަގެއްގައި ވިކުމަކީ އެކަށީގެންވާ ކަމެކެވެ.
މި ކުރެހުމުގައި ފެންނާނީ ޕިކާސޯގެ ކުރެހުންތަކަށް ބޭނުންކުރާ މޮޑެލް އެކެވެ. މޮޒެއިކް ސްޓައިލްތަކުން ޕިކާސޯގެ އަމިއްލަ ދިރިއުޅުން ވެސް ކުރެހުމުން ސިފަ ކޮށްދެއެވެ. އޭގެ ތެރެއިން އެކައްޗަކީ ކުރެހުމުގައި މޮޑެލް އަޅައިގެން އިންނަ ގަޑިއެވެ. ތަފާތު ސްޓައިލްތަކުގެ ގަޑިތަކަކީ ޕިކާސޯއަށް ވަރަށް ކަމުދާ އެއްޗެކެވެ. އެއާ އެކު ކުރެހުންތަކުން ވެސް މިކަން ފެނިގެން ދެއެވެ.