ދިވެހި ފިލްމު އިންޑަސްޓްރީގައި މަގުބޫލުކަން ހޯދަމުން އަންނަ ދެ ތަރިން ކަމަށްވާ އަބްދުﷲ ޝަރަފާއި އައިމިނަތު ރަޝްފާ (އާޝާ) އެކީގައި ދެ ފިލްމަކުން ފެނުމަށް ތައްޔާރުވެއްޖެއެވެ.

އާޝާ އާއި ޝަރަފް ވަނީ މި އަހަރުގެ ތެރޭގައި ގިނަ ޕްރޮޖެކްޓުތަކެއްގައި މަސައްކަތް ކޮށްފައެވެ. އެގޮތުން ދެ މީހުން އެކީގައި ވެސް ވަނީ ދާދި ފަހުން ފެނިގެން ގޮސްފައެވެ. ދެ މީހުން ޖޯޑެއްގެ ގޮތުގައި ފެނިގެން ގޮސްފައިވަނީ މީޑިއާނެޓްގެ "ހިނދުކޮޅެއް"ގެ ތެރެއިންނެވެ.

ޑާކްރެއިން އެންޓަޓެއިންމެންޓުން ވަނީ އެ ޕްރޮޑަކްޝަންގެ އާ ރިލީޒްތަކާއި އެ ސިނަމާތަކަށް ނެރޭނެ ދުވަސްތައް އާންމުކޮށްފައެވެ. އެގޮތުން ދެ ފިލްމެއް ކަމަށްވާ "ބަޅިނދު" އަދި "މިއީ އިޝްގު"ގެ ރޯލުތަކުން އާޝާ އާއި ޝަރަފް ފެނިގެންދާނެކަން ވެސް ވަނީ އިއުލާނު ކޮށްފައެވެ. އޭގެ ތެރެއިން މިއީ އިޝްގުގައި ދެ މީހުން ފެންނާނީ ޖޯޑެއްގެ ރޯލުންނެވެ.

މި ދެ ފިލްމު ވެސް އަންނަ އަހަރަށް ރިލީޒް ކުރުމަށް ޑާކްރެއިންއިން ވަނީ ތާވަލުކޮށްފައެވެ. ނަމަވެސް މި ދެ ފިލްމު ރިލީޒް ކުރާނެ ސީދާ ތާރީހެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

އާޝާއާއި އެކީ ފެންނަ މިއީ އިޝްގަކީ ދެ މީހުންގެ ރޮމޭންޓިކް ޑްރާމާ ފިލްމެވެ. އަޒްހާން އިބްރާހީމް ލިޔެ ޑައިރެކްޓުކޮށްފައިވާ މި ފިލްމުގައި ކިޔައިދޭނީ އާރިޒް އާއި ސަބާގެ ވާހަކައެވެ. ދެ މީހުންގެ ދެމެދުގައި ލޯބީގެ ގުޅުމެއް އުފެދޭތަން ފެންނަ މި ޑްރާމާ ފިލްމަކީ ދެމީހުންގެ އެކްޓިން ހުނަރު ދައްކާލަން ލިބުނު ފުރުސަތެކެވެ.

ދެ މީހުން ދެން ފެންނަ ބަޅިނދަކީ ޑާކްރެއިންއިން މީގެ ތިން އަހަރުން ކުރީން ފެށިގެން ޕްރޮމޯޓު ކުރަން ފަށާފައިވާ ފިލްމެކެވެ. ހޫދު އިބްރާހީމް ޑައިރެކްޓު ކުރި ބަޅިނދަކީ ބިރުވެރި ފިލްމެކެވެ. މި ފިލްމުގައި ދެ މީހުންގެ ފަރާތުން ފެނިގެން ދާނީ ތަފާތު އެކްޓިން ހުނަރުތަކެވެ. މި ދެ ފިލްމުން ވެސް ދެ މީހުންގެ އެކްޓިން ރޭންޖު ދައްކާލުމަށް ފުރުސަތު ލިބިގެން ދާނެއެވެ.

ބަޅިނދުގެ އިތުރު ރޯލުތަކުން ފެންނާނީ ނުޒުހަތު ޝުއައިބާއި މަރިޔަމް މަޖުދާ އަދި އިސްމާއިލު ޖުމައިހެވެ. މި ފިލްމު ވެސް އަންނަ އަހަރަށް ތާވަލުކޮށްފައިވާއިރު ސީދާ ދުވަހެއް އަދި ހާމަކޮށްފައެއް ނުވެއެވެ.