އޯޕަން އޭއައިއިން އެމީހުންގެ އަމިއްލަ އޭއައި ޗިޕް އުފެއްދުމުގެ ވިސްނުން ގެންގުޅޭ ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.

ޗެޓްޖީޕީޓީގެ ފަހަތުގައި ވާ ކުންފުނި، އޯޕަންއޭއައިއިން އާޓިފިޝަލް އިންޓެލިޖެންސް ޗިޕް އުފެއްދުމުގެ ދާއިރާއަށް ވަނުމަށް ވިސްނަމުން ދަނީ އޭއައި ޗިޕްތައް ހޯދުމުގައި ކުރިމަތިވެފައިވާ ދަތިތަކާއި ބޮޑު ޚަރަދުތަކުގެ ސަބަބުން ކަމަށް ކުންފުނީގެ ޕްލޭންތައް އެނގޭ ފަރާތްތަކުން ބުނެއެވެ.

އެކަމާ ބެހޭ ގޮތުން ވަކި ގޮތެއް ނިންމާފައި ނުވި ނަމަވެސް އޯޕަންއޭއައިއިން އަންނަނީ މި އަގުބޮޑު ޗިޕްތަކުގެ ދަތިކަން ހައްލުކުރުމަށް ތަފާތު ގޮތްތައް ހޯދަމުން ކަމަށާއި އޭގެ ތެރޭގައި ޗިޕް ކުންފުންޏެއް އުފެއްދުމުގެ ޚިޔާލު ވެސް ހިމެނޭ ކަމަށް ރިޕޯޓުތަކުގައިވެއެވެ.

މިހާރު އޯޕަންއޭއައި އިން އޭއައި ޗިޕްސް ހޯދަން ވަރަށް ބޮޑަށް ބަރޯސާވަނީ އޭއައި އެޕްލިކޭޝަންތަކަށް އެންމެ އެކަށޭނަ ގްރެފިކްސް ޕްރޮސެސިން ޔުނިޓް (ޖީޕީޔޫ) މާކެޓުގެ ބޮޑު ބާރެއް ކަމަށްވާ އެންވީޑިއާ އަށެވެ. އޭގެ ސަބަބުން އެ ކުންފުންޏަށް ގޮންޖެހުންތަކާ ކުރިމަތިލާން ޖެހެއެވެ.

މިސާލަކަށް ޗެޓްޖީޕީޓީގައި އަހާ ކޮންމެ ސުވާލަކަށް ގާތްގަނޑަކަށް ހަތަރު ސެންޓު ޚަރަދުވެއެވެ. އެ ޚަރަދު ކުޑަކުރަން އޯޕަން އޭއައިއިން ބޭނުންވެއެވެ. އެ ޚަރަދުކުޑަކޮށް، ގޫގުލް ސާޗްއާ އެއްވަރެއްގައި ޚަރަދު ބެހެއްޓުމަށް ބޮޑު އިންވެސްޓްމަންޓެއް ކުރަން ޖެހިދާނެ ކަމަށް ރިޕޯޓުތަކުގައިވެއެވެ.

އެކަމަށް އޯޕަން އޭއައި ފުރަތަމަ ބޭނުންވަނީ ގާތްގަނޑަކަށް 48.1 ބިލިއަން ޑޮލަރުގެ ޖީޕީޔޫ އާއި އޮޕަރޭޝަންތައް ދެމެހެއްޓުމަށް ޗިޕްތަކެއް އުފައްދަން އަހަރަކު ގާތްގަނޑަކަށް 16 ބިލިއަން ޑޮލަރު ޚަރަދު ކުރަން ކަމަށް އެކުންފުންޏާ ހަވާލާދީ ރޮއިޓާސްއިން ރިޕޯޓްކޮށްފައިވެއެވެ.

އަމިއްލަ އޭއައި ޗިޕްސް އުފައްދަން ނިންމައިފި ނަމަ އޯޕަން އޭއައިއަށް ވަދެވޭނީ، ގޫގުލް އާއި އެމެޒޯން ފަދަ ބޮޑެތި ކުންފުނިތަކުން ކުރިހޯދާފައިވާ ޓެކްނޮލޮޖީގެ ރޭހަކަށެވެ.

އޯޕަންއޭއައިއިން އަމިއްލަ ޗިޕްގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމެއް ނުވަތަ ނޫންކަން އަދި ކަށަވަރުކޮށް ބުނެފައި ނުވާއިރު، މި މަސައްކަތުގައި އެކުންފުންޏަށް ކާމިޔާބެއް ލިބުމަކީ ވެސް ވަރަށް ދުރު ކަމެއް ކަމުގައި ބައެއް ފަރާތްތަކުން ބުނެއެވެ.

ޗެޓްޖީޕީޓީ ތައާރަފު ކުރި ފަހުން ސްޕެޝަލައިޒްޑް އޭއައި ޗިޕްތަކަށް އޮތް ޑިމާންޑް ބޮޑުވެފައި ވަނީ މި ޗިޕްތަކަކީ އެންމެ ފަހުގެ ޖެނެރޭޓިވް އޭއައި ޓެކްނޮލޮޖީ ތަމްރީނުކޮށް، އޮޕަރޭޓް ކުރުމަށް ވަރަށް މުހިންމު ޗިޕްތަކަކަށް ވާތީއެވެ.