ޔޫރަޕްގެ ގައުމުތަކުގެ މެދުގައި ކުޅޭވޭ އެންމެ ސަރަފްވެރި ފުޓްބޯޅަ މުބާރާތް ކަމުގައިވާ "ޔޫރޯ 2012" އަންނަ މަހު ފަށާއިރު، މުބާރާތުގެ ގްރޫޕް ސީ ގައި ވާދަކުރާ އިޓަލީގެ ގައުމީ ޓީމުގެ ސްކޮޑަށް މެންޗެސްޓާ ސިޓީގެ ފޯވާޑް މާރިއޯ ބަލޮޓެލީ ނަގައިފި އެވެ.

އިޓަލީ ވިލާތަށް އުފަން ބަލޮޓެލީ، 2010 ވަނަ އަހަރު މެންޗެސްޓާ ސިޓީ އާއި ގުޅުނީ އިންޓަމިލާނަށް ތިން އަހަރު ދުވަހު ކުޅުމަށް ފަހު އެވެ. އިންޓަމިލާނަށް ކުޅުނު 59 މެޗުން ބަލޮޓެލީ ވަނީ ވިހި ގޯލު ކާމިޔާބު ކޮށްފައެވެ. އިޓަލީގެ ސީނިއާ ގައުމީ ޓީމަށް ވެސް ކުޅެމުން އަންނަ ބަލޮޓެލީ ވަނީ އެގައުމުގެ 21 އަހަރުން ދަށުގެ ޓީމަށް ވެސް ވަނީ ކުޅެފައެވެ.

އިޓަލީގެ ގައުމީ ސްކޮޑަށް އުމުރުން 22، އަހަރުގެ ބަލޮޓެލީ ނެގުމަށްފަހު، އިޓަލީގެ ކޯޗް ސެސާ ޕްރެންޑެއްލީ ބުނެފައިވަނީ، މިސީޒަންގައި ބަލޮޓެލީ ދެއްކި ކުޅުމާމެދު ހިތް ހަމަޖެހޭ ކަމަށާއި ބަލޮޓެލީއަކީ އިޓަލީ ޓީމަށް ވަރަށް މުހިންމު ކުޅުންތެރިއެއް ކަމަށެވެ.

ނަވާރަ ސަތޭކަ ފަސްދޮޅަސް އަށް ވަނަ އަހަރު ޔޫރޯގެ ޗެމްޕިއަންކަން ހޯދި، އިޓަލީގެ ސްކޮޑަށް މިފަހަރު ނެގި ކުޅުންތެރިން ޖުމްލަ އަދަދަކީ 32 ކުޅުންތެރިންނެވެ.

އިޓަލީގެ ގައުމީ ސްކޮޑް އިއްޔެ އިއުލާން ކުރިއިރު، ގޯލްކީޕަރުންގެ ގޮތުގައ ޖުމްލަ ހަތަރު ގޯލް ކީޕަރުން ވަނީ ލިސްޓުގައި ހިމަނައިފައެވެ. އެއީ ބުފަން އާއި ސަލަވަތޯރޭ އާއި މޮރިގަން އަދި އެމެއިލިއާނޯ ވިވިއާނޯއެވެ.

އިޓަލީގެ ފޯވާޑުންގެ ތެރޭގައި ހިމެނެނީ، ބަލޮޓެލީ އާއި އައި އޭސީ މިލާނުގެ އެންޓޯނިއޯ ކަސާނޯ އާއި ޕާމާގެ ސެބަސްޓިއަން ޖިއޮވިންކޯ އާއި އުދިނޭޒީގެ ތަޖުރިބާކާރު ފޯވާޑް އެންޓޯނިއޯ ޑި ނަޓޭލީ އާއި ސިއެނާގެ މަޓިއާ ޑެސްޓްރޯ އަދި ރޯމާގެ ފަބިއޯ ބޮރިނީ އެވެ.

މިޑްފީލްޑަރުންގެ ތެރޭގައި ޑި ރޮސީއާއި އަންދްރޭ ޕިރްލޯ އާއި ކްލައިޑިއޭ މާޝީސިއޯ އާއި އެންޓޯނިއޯ ނޮސެރީނޯ އާއި ތިއާގޯ މޮޓާ އަދި ފިއޮރެންޓީނާގެ ރިކާޑޯ މޮންޓޮލީވޯ ހިމެނއެވެ. އަދި ޑިފެންޑަރުންގެ ތެރޭގައި ޖުމްލަ 11 ޑިފެންޑަރުން ވަނީ ހިމަނައިފައެވެ.


މިފަހަރުގެ މުބާރާތުގައި އިޓަލީ އާއެކު ގްރޫޕް ސީގައި ހިމެނޭ ޓީމް ތަކަކީ 1964 އަދި 2008 ގެ ޗެމްޕިއަން ސްޕޭން އާއި ކްރޭސިއާ އަދި އައިލެންޑެވެ.

އިޓަލީގެ ފުޓްބޯޅައާ ބެހޭ މައި އިދާރާއިން ބުނެފައި ވަނީ، މިފަހަރުގެ ޔޫރޯ މުބާރާތަށް 32 ކުޅުންތެރިންގެ ސްކޮޑެއް އަދި ނެގި ކަމުގައި ވިޔަސް، މިމަހުގެ 29 ވަނަ ދުވަހު، ޓީމުގެ ސްކޮޑް 23 ކުޅުންތެރިންނަށް ބަދަލު ގެންނަން ނިންމާފައި ވާކަމަށެވެ.