ފަލަސްތީނުގައި މިވަގުތު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ދިވެހި ސަރުކާރުން މިރޭ ކަންބޮޑުވުން ފާޅުކޮށް، އދ.އިން އިޒްރޭލުގެ އިސްތިއުމާރާ ދެކޮޅަށް ފާސްކޮށްފައިވާ ގަރާރުތައް ތަންފީޒުކުރަން ގޮވާލައިފިއެވެ.

ދިވެހި ސަރުކާރުން މިގޮތަށް ގޮވާލާފައިވަނީ ޣައްޒާގައި ވެރިކަން ކުރާ ހަމާސް ޖަމާއަތުން އިޒްރޭލަށް ހަމަލާތައްދީ، ހަމާސް އާއި އިޒްރޭލުން ވެސް ހަނގުރާމަ އިއުލާންކޮށްފައިވާ ދަނޑިވަޅެއްގައެވެ.

އެ މައްސަލައާ ގުޅިގެން ފޮރިން މިނިސްޓްރީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، ފަލަސްތީނުގެ ސަރުކާރާއި ރައްޔިތުންނާ އެކު ދިވެހި ސަރުކާރާއި ރައްޔިތުން އަބަދުވެސް ތިބި ކަމަށެވެ. އަދި އިޒްރޭލުން ފަލަސްތީނުގެ ބިންތައް ހިފައި، ގުދުސަށް ވެރިވެގަތުމާ ދެކޮޅަށް އދ.ގެ ސަލާމަތީ މަޖިލީހުން ފާސްކޮށްފައިވާ ގަރާރުތައް ފުރިހަމައަށް ތަންފީޒު ކުރުމަށް ސަރުކާރުން ވަނީ ގޮވާލާފައެވެ.

މީގެ އިތުރުން މެދުއިރުމައްޗަށް ދާއިމީކޮށް ސުލްހަ ގެނެވޭނީ، 1967ގެ ކުރިން އޮތް ބޯޑަރުތަކާ އެއްގޮތަށް އިޒްރޭލާއި ފަލަސްތީނުގެ ދެ ދައުލަތް ގާއިމުކޮށް، އިރުމަތީ ގުދުސަކީ ފަލަސްތީނުގެ ވެރިރަށުގެ ގޮތުގައި ކަނޑައަޅައިގެން ކަމަށް ސަރުކާރުން ބުނާ ބުނުން ތަކުރާރުކުރާ ކަމަށް ވެސް އެ ބަޔާނުގައިވެއެވެ.

ފަލަސްތީނުގައި ޝަހީދުވި މީހެއްގެ ހަށިގަނޑު ގެންދަނީ--

ފަލަސްތީނުގެ ހަމާސް ޖަމާއަތުން އިޒްރޭލުގެ ބައެއް ސަރަހައްދުތަކަށް މިއަދު ދިން ހަމަލާތަކާ ގުޅިގެން، ހިސާރުކޮށްފައިވާ ޣައްޒާގައި އާއްމުން ދިރިއުޅޭ އިމާރާތްތަކަށް އިޒްރޭލުން ބޮން އެޅުމުގެ ސަބަބުން 190 އަށް ވުރެ ގިނަ މީހުން ޝަހީދުވެ، ޒަހަމްވީ މީހުންގެ އަދަދު ވަނީ އިތުރުވެފައެވެ.

ފަލަސްތީންގެ ހެލްތު މިނިސްޓްރީން ބުނީ މިހާތަނަށް އައިއިރު އެ ގައުމުގެ 1،610 މީހުންނަށް އަނިޔާ ލިބި ހޮސްޕިޓަލްތަކުގައި ފަރުވާ ހޯދަމުންދާ ކަމަށެވެ.

އިޒްރޭލާއި ފަލަސްތީނުގެ އޮފިޝަލުން ވިދާޅުވާ ގޮތުގައި މި އަހަރު ތެރޭގައި، ހަމާސް އާއި އިޒްރޭލުން ދީފައިވާ ހަމަލާތަކުގައި އިޒްރޭލުން 32 މީހަކު މަރުވެފައިވާ އިރު ފަލަސްތީނުން މަރުވި މީހުންގެ އަދަދު 247އަށް އަރައެވެ. އޭގެ ތެރޭގައި ހަނގުރާމަވެރިންގެ އިތުރުން އާންމު ރައްޔިތުން ހިމެނެއެވެ.

ހަމާސްއިން 2007 ވަނަ އަހަރު ޣައްޒާގެ ވެރިކަމަށް އައި ފަހުން، އިޒްރޭލުން ވަނީ އެ ސަރަހައްދު ބަންދުކޮށް، މީހުން އެތެރެވުމާއި ބޭރުވުމުގެ އިތުރުން ކާބޯތަކެއްޗާއި ބޭސް ފަދަ ޒަރޫރީ ތަކެތި އެތެރެކުރުމަށް ވެސް ވަރަށް ބޮޑަށް ހުރަސް އަޅާފައެވެ.