14 May 2012, 12:33
އިނގިރޭސީ ޕްރިމިއާ ލީގުގެ ތާރީހުގަ ފުރަތަމަފަހަރަށް ދެޓީމެއް ޕޮއިންޓްގެ ގޮތުން އެއްވަރުވެ ގޯލްގެ ތަފާތުން ކުރި ހޯދައިގެން ވާދަވެރި މެންޗެސްޓާ ޔުނައިޓެޑް ރޮއްވާލުމަށްފަހު މެންޗެސްޓާ ސިޓީ އިނގިރޭސި ލީގު 44 އަހަރު ފަހުން ފުރަތަމަ ފަހަރަށް އުފުލާލައިފި އެވެ.
ލީގުގެ ފަހު މެޗުގައި ރޭ މެންޗެސްޓާ ސިޓީ މޮޅުވެފައި ވަނީ، އެޓީމްގެ އަމިއްލަ ދަނޑުގައި ކިއުޕީއާރާ ދެކޮޅަށް ކުޅުނު މެޗުގައި ފަހަތުން އަރައި، މެޗުގެ ފަހު ވަގުތު ކޮޅުގައި ސާޖިއޯ އަގުއޭރޯއާއި އެޑިން ޖެކޯ ކާމިޔާބު ކޮށްދިން ލަނޑުތަކާއެކު، 3-2 ލަނޑުން ނެވެ.
ރޭގެ މެޗުގެ ފުރަތަމަ ލަނޑު ޖަހާ މެޗުގެ ލީޑް މެންޗެސްޓާ ސިޓީއިން ނެގީ މެޗުގެ ފުރަތަމަ ހާފުގެ 39 ވަނަ މިނެޓުގައި ޕަބްލޯ ޒަބަލޭޓޭ ކާމިޔާބުކުރި ލަނޑުން ނެވެ. އެހެން ނަމަވެސް މެޗުގެ ދެ ވަނަ ހާފުގެ 48 ވަނަ މިނެޓުގައި ކިއުޕީއާރުގެ ޑިބްރީލް ސީސޭ ވަނީ ލަނޑެއް ކާމިޔާބުކޮށް ނަތީޖާ 1-1 ލަނޑަށް ބަދަލުކޮށް، މެޗުގެ ފޯރި އިތުރަށް ވަރުގަދަ ކޮށްފައެވެ.
މެޗުގެ ފުރަތަމަ ހާފަށް ވުރެ، ދެ ވަނަ ހާފުގައި ދެޓީމްގެ ފަރާތުން ވެސް ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މިމެޗުގެ، ލީޑް މެޗުގެ 66 ވަނަ މިނެޓުގައި ކިއުޕީއާރަށް ނަގައި ދިނީ ޖަމި މަސަކީ އެވެ.
މެޗްގެ 55 ވަނަ މިނެޓްގައި ކިއުޕީއާރުގެ ކެޕްޓަން ޖޯއީ ބާޓަން ދަނޑުން ފޮނުވާލުމާއެކު ދިހަ މީހުންނާއި އެކު ކުޅެމުން ދިޔަ ކިއުޕީއާރުން ވަރުގަދައަށް ޑިފެންސްކުރަމުން ދިޔަނަމަވެސް، ސިޓީން ގިނައިރުކުޅެ ނުރައްކާތެރި ހަމަލާތައް އުފެއްދުމުގެ ނަތީޖާއަކަށްވީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅުނެ ނުކުމެ، މެޗުގެ 92 ވަނަ މިނެޓުގައި ސިޓީގެ އެޑިން ޒެކޯ ބޮލުން ފޮނުވާލީ ބާރު ހަމަލާ ގޯލަކަށްވެ ދެޓީމް އެއްވަރު ވުމުން ނެވެ.
ދެ ލަނޑު، ދެލަނޑުން ދެ ޓީމްގެ ނަތީޖާ އެއްވަރުކުރިނަމަވެސް، ލީގުގައި ރޭ މެންޗެސްޓާ ޔުނައިޓެޑާއި ސަންޑަލޭންޑް ކުޅުނު މެޗުން މެންޗެސްޓާ މޮޅުވެފަވާތީ ސިޓީއަށް މޮޅުވާން މަޖްބޫރުވި މިމެޗުގައި، ރެފްރީ އިތުރަށް ދެއްކި ހަމިނެޓުގެ ތެރޭގައި ސިޓީގެ ހުނަރުވެރި ފޯވާޑް ސާޖިއޯ އަގުއޭރޯ މެޗްގެ 94 ވަނަ މިނިޓްގައި ގޯލެއް ޖަހާ ޕޮއިންޓްގެ ގޮތުން ސިޓީއާއި ޔުނައިޓެޑް އެއްވަރުކޮށްދިނެއެވެ.
ސިޓީއާއި ޔުނައިޓެޑް ޕޮއިންޓުގެ ގޮތުން އެއްވަރުވެފައި ވަނީ 89 ޕޮއިންޓާ އެކުއެވެ. އެހެންނަމަވެސް ސިޓީއަށް މިފަހަރުގެ ލީގް ލިބުނީ ގޯލުގެ ތަފާތުން ކުރިހޯދައިގެންނެވެ. ލީގުގައި ސިޓީއަށް ކާމިޔާބު ކުރެވިފައި ވަނީ 64 ގޯލެވެ. އަދި މެންޗެސްޓާއަށް ކާމިޔާބު ކުރެވިފައި ވަނީ 56 ގޯލެވެ.
މެޗަށް ފަހު ސިޓީގެ ސަޕޯޓަރުން ވަނީ ސްޓޭޑިއަމް ބޭރުގައި އުފާފާޅުކޮށްފައެވެ. އަދި އެއުފަލުގައި ސީޓިގެ ބައެއް ކުޅުންތެރިން ބައިވެރިވި ކަމަށް ވެސް ބައެއް މީޑިއާރިޕޯޓްތަކުން ވަނީ ބުނެފައެވެ.
އެންމެ ފަހުން އިނގިރޭސި ޕްރިމިއާ ލީގް މެންޗެސްޓާ ސިޓީ ހޯދާފައި ވަނީ 1968 ވަނަ އަހަރު އެވެ.