07 Oct 2023, 21:19
އިނގިރޭސި ފޯވަޑް ޖޭޑަން ސަންޗޯގެ މައްސަލައިގައި އަދިވެސް އެއްވެސް ކަމެއް ބަދަލުނުވާ ކަމަށާއި އޭނާ އަދި މައާފަށް އެދިފައިނުވާ ކަމަށް މެންޗެސްޓާ ޔުނައިޓެޑުގެ ކޯޗު އެރިކް ޓެން ހާގް ބުނެފިއެވެ.
މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އާސެނަލާ ދެކޮޅަށް ކުޅެ، 3-1ގެ ނަތީޖާއަކުން ޔުނައިޓެޑް ބަލިވި މެޗަށްފަހު އިންސްޓަގްރާމް މެދުވެރިކޮށް ޓެން ހާގްއަށް ސަންޗޯ ރައްދުދިން މައްސަލައިގައި އޭނާ ވަނީ ސްކޮޑުން ބޭރުކޮށްފައެވެ.
ތަމްރީނުތަކުގައި ސަންޗޯ ރަނގަޅަށް މަސައްކަތްނުކުރާ ކަމަށް ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓެން ހާގް ބުނުމާއެކު، އެކަމަށް ރައްދުދެމުން ސަންޗޯ ބުނެފައިވަނީ އެ ވާހަކަތަކަކީ ހަގީގަތެއް ނޫން ކަމަށެވެ. އެއާއެކު މިދިޔަ އަހަރުގެ އޮގަސްޓް 26 އަށްފަހު ޔުނައިޓެޑުގެ އެއްވެސް މެޗަކުން ސަންޗޯއަށް ފުރުސަތު ލިބިފައެއް ނުވެއެވެ. އުމުރުން 23 އަހަރުގެ ސަންޗޯގެ މައްސަލައިގައި ޓެން ހާގް ވަނީ ނޫސްވެރިންނާ ވެސް ވާހަކަދައްކައިފައެވެ.
"އެއްވެސް ކަމެއް ބަދަލެއް ނުވޭ. ސަންޗޯއެއް ނުފެންނާނެ، ސްކޮޑުގައި އޭނާ ނުހިމެނޭނެ. އޭނާ މައާފަށް އެދިފައެއް ނުވޭ. އިތުރު ކޮމެންޓެއް އެކަމުގައި ނެތް. ސަންޗޯ ޓީމަށް ނަގާ ނަމަ، އަހަރެން އެކަން އަންގައިދޭނަން،" ޓެން ހާގް ބުންޏެވެ.
ޔުނައިޓެޑާއެކު ޖެހުނު މައްސަލައާ ގުޅިގެން ސަންޗޯ ދަނީ އެހެން ކްލަބަކަށް ބަދަލުވުމުގެ މަސައްކަތްކުރަމުންނެވެ. އެހެންކަމުން އަންނަ ޖެނުއަރީ މަހުގެ ޓްރާންސްފާގައި އޭނާ އެހެން ކްލަބަކުން ފެނުމަކީ އެކަށީގެންވާ ކަމެކެވެ.
ޔުނައިޓެޑާ ސަންޗޯ ގުޅުނީ ބޮރޫޝިއާ ޑޯޓްމަންޑުގައި ހަތަރު އަހަރު ހޭދަކުރުމަށްފަހު 2021 ވަނަ އަހަރުއެވެ. އޭނާއަކީ އިނގިރޭސި ގައުމީ ޓީމުގެ ވެސް މުހިންމު ކުޅުންތެރިއެކެވެ.