07 Oct 2023, 21:57
ގަތަރަށް ބަދަލުވީ ފައިސާއަށް ކަމަށް ޕެރިސް ސެއިންޓް ޖާމައިން (ޕީއެސްޖީ)ގެ ކުރީގެ މިޑްފީލްޑަރު ޖޫލިއަން ޑްރެކްސްލާ ބުނެފިއެވެ.
ޖަރުމަން މިޑްފީލްޑަރު ޑްރެކްސްލާ، މިދިޔަ ސީޒަނަށްފަހު ޕީއެސްޖީ ދޫކޮށްލާފައިވަނީ އެ ކްލަބުގައި އޭނާއަށް ފުރުސަތުތައް ހަނިވުމާ ގުޅިގެންނެެވެ. ޕީއެސްޖީއަށް 190 މެޗު ކުޅުމަށްފަހު ގަތަރުގެ އަލް އަހްލީއާ އޭނާ ގުޅުނީ ދެ އަހަރު ދުވަހުގެ ކޮންޓްރެކްޓެއްގެ ދަށުންނެވެ. އަދި މިހާރު ޑްރެކްސްލާ ވަނީ އެ ނިންމުމާ ގުޅޭގޮތުން ވާހަކަދައްކައިފައެވެ.
"އަހަރެން އެ ނިންމުން ނިންމާފައިވާނީ އާ ސަގާފަތެއް ތަޖުރިބާކޮށްލަން. ހަމައެއާއެކު ފައިސާ ވެސް އެ ނިންމުމުގައި ހިމެނޭ. ޕީއެސްޖީގައި އަހަރެން ހޭދަކުރީ އުފާވެރި ދުވަސްތަކެއް،" އުމުރުން 30 އަހަރުގެ ޑްރެކްސްލާ ބުންޏެވެ.
ޑްރެކްސްލާ ބުނީ ޔޫރަޕުގެ ލީގަކަށް ބަދަލުވުމުގެ ބަދަލުގައި ގަތަރަށް ބަދަލުވުމާ ގުޅިގެން ގިނަ ބަޔަކު ސުވާލު އުފައްދަމުންދާ ކަމަށާއި ޔޫރަޕުގެ ކްލަބަކާ ގުޅިފައިނުވަނީ އެހެން ކްލަބަކާއެކު އެއްބަސްވުމަކާ ހަމައަށް ނުދެވުމުން ކަމަށެވެ. އަދި ފުރަތަމަ 11ގައި ހިމެނި ކުޅެން ބޭނުންވެފައި ހުރިކަން ވެސް އޭނާ ފާހަގަކުރިއެވެ.
ޑްރެކްސްލާގެ ފުޓުބޯޅަ ކެރިއަރު ފެށީ ޖަރުމަންގެ ޝާލްކޭ އިންނެވެ. ހަތަރު އަހަރު ޝާލްކޭގައި ހޭދަކުރުމަށްފަހު، 2017ގައި ޕީއެސްޖީއާ ގުޅުމުގެ ކުރިން އޭނާ ވަނީ ވީއެފްއެލް ވުލްފްސްބާގަށް ވެސް ކުޅެފައެވެ. ޑްރެކްސްލާ ވަނީ ޖަރުމަން ގައުމީ ޓީމާއެކު 2014ގެ ވޯލްޑް ކަޕް ވެސް ކާމިޔާބުކޮށްފައެވެ.