އިނގިރޭސި މިޑްފީލްޑަރު ކޮނޯ ގަލެގާއަށް އާ ކޮންޓްރެކްޓެއް ހުށަހެޅުމަށް ޗެލްސީން މަޝްވަރާތައް ފަށައިފިއެވެ.

ރިޕޯޓުތައް ބުނާގޮތުގައި ޗެލްސީން އެ މަސައްކަތް ފަށާފައިވަނީ ގަލެގާގެ ކޮންޓްރެކްޓު ހަމަވާން 18 މަހަށް ވެފައިވުމުންނެވެ. ޗެލްސީގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ މިހާރު އާންމުކޮށް ބޭނުންކުރާ ގަލެގާ ދަނީ ރީސް ޖޭމްސް އާއި ބެން ޗިލްވެލްއަށް އަނިޔާވުމާ ގުޅިގެން ބައެއް މެޗުތަކުގައި ކެޕްޓަންކަމުގެ ދައުރުވެސް އަދާކުރަމުންނެވެ.

މިދިޔަ ސީޒަނަށްފަހު ގަލެގާ ވަނީ ޗެލްސީ ދޫކޮށް ދިއުމަށް ވެސް މަސައްކަތްތަކެއް ކޮށްފައެވެ. އޭނާ ހޯދުމަށް ވެސްޓް ހާމް ޔުނައިޓެޑް، ޓޮޓެންހަމް ހޮޓްސްޕާ އަދި ބަޔާން މިއުނިކުން މަސައްކަތްތަކެއް ކުރި ނަމަވެސް، ޗެލްސީން އެ ހުށަހެޅުންތައް ގަބޫލުކޮށްފައެއް ނުވެއެވެ.

މިސީޒަނުގައި މޮއިސެސް ކައިސޭޑޯ އާއި ރޯމިއޯ ލަވިއާ ގުޅުމާއެކު ޗެލްސީގެ މިޑްފީލްޑްގެ ވާދަވެރިކަން ބޮޑެވެ. އެހެންކަމުން 23 އަހަރުގެ ގަލެގާ ވެސް ފުރަތަމަ 11 އިން ޖާގަ ހޯދުމަށް ބުރަ މަސައްކަތްތަކެއް ކުރަން ޖެހޭނެއެވެ.

މިސީޒަނުގައި ޗެލްސީގެ ނަތީޖާތައް ރަނގަޅެއް ނޫނެވެ. ޕްރިމިއާ ލީގުގެ 11 ވަނައިގައި އޮތް ޗެލްސީން މިހާތަނަށް ކުޅުނު ހަތް މެޗުން ހޯދިފައިވަނީ އަށް ޕޮއިންޓެވެ. އެ ހަތް މެޗުގެ ތެރެއިން ޗެލްސީ މޮޅުވެފައިވަނީ އެންމެ ދެ މެޗުންނެވެ.