އުންމީދަކީ ހަމައެކަނި ލަފައިދޭން ތިބޭ ބައެއްގެ ގޮތުގައި ބޭއްތިބުމުގެ ބަދަލުގައި ސަރުކާރު ހިންގުމުގެ މަސައްކަތުގެ ތެރެއިން ވެސް ޖާގައެއް ލިބުންކަމަށް ދަ ޑިމޮކްރެޓްސްއިން މިއަދު ބުނެފިއެވެ.

އަލަށް އުފައްދާ ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުގައި ޝާމިލުވާނެ ކަމަށް އެންމެ ފުރަތަމަ ވިދާޅުވީ ޑިމޮކްރެޓްސްގެ އިންޓެރިމް ޗެއާޕާސަން ހަސަން ލަތީފް ކުރެއްވި ޓުވީޓެއްގައެވެ. އޭގެ ފަހުން ޑިމޮކްރެޓްސްގެ ބާނީ ރައީސް މުޙައްމަދު ނަޝީދު ވެސް ވަނީ އާ ސަރުކާރުގައި އެމަނިކުފާނުގެ ބައިވެރިވުން އޮންނާނެ ކަމަށް ވިދާޅުވެފައެވެ.

އެ މަނިކުފާނު އެ ފަދަ މޭރުމަކުން ވާހަކަފުޅު ދެއްކެވީ އުފެދެން އުޅޭ ސަރުކާރާމެދު މިހާރުގެ ބައެއް ވަޒީރުން ނުރުހުން ފާޅުކޮށް ބޭރުގެ ފަރާތްތަކަށް މެސެޖު ކުރާކަމަށް ވިދާޅުވެ އެ ކަން ނުކުރެއްވުމަށް އެދެމުންނެވެ.

މިއަދު ދަ ޑިމޮކްރެޓްސްއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ވާހަކަތަކާ ގުޅިގެން ސުވާލުކުރުމުން ހަސަން ލަތީފް ވިދާޅުވީ ޑިމޮކްރެޓުންގެ އުންމީދަކީ ސަރުކާރުގެ ތެރެއިން ޑިމޮކްރެޓުންނަށް ވެސް މަގާމެއް ލިބުންކަމަށެވެ.

"ދެން އަޅުގަނޑުމެން އުންމީދުކުރަނީ ސަރުކާރު ހިންގުމުގައި ވެސް ބައިވެރިވުން. ކޮންމެހެން އަދި ސަރުކާރުގެ މަޝްވަރާއާއި ލަފާ ދިނުމާ އެ ގޮތްގޮތުން ބައިވެރިވުން އެކަންޏެއް ނޫން. ސަރުކާރު ހިންގުމުގައި ވެސް ބައިވެރިވުން، އެ މާނައިގައި އަޅުގަނޑު އޭރު ވެސް އެ ވާހަކަ [ޓްވީޓުގައި] ދެންނެވީ،" ހަސަން ލަތީފް ވިދާޅުވިއެވެ.

އެއީ ސަރުކާރު ހިންގުމުގައި ބައިވެރިވުންކަމަަށް އޭނާ ވިދާޅުވިއެވެ. ޑިމޮކްރެޓްސްގެ ވިސްނުންހުރީ ޑރ. މުއިއްޒުގެ ސަރުކާރުގައި މަސައްކަތްކުރުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ ކުރިން "ސަން"އާ ވާހަކަދައްކަވަމުން އިންތިޚާބީ ރައީސް ޑރ. މުއިއްޒު ވިދާޅުވީ ކެބިނެޓާއި ސަރުކާރުގެ އިސް މަގާމުތައް އެކުލަވައިލާއިރު، އެ މަނިކުފާނުގެ ބަސް ވިކޭ، ފުރިހަމައަށް ތަބާވާނެ އެންމެހައި ބޭފުޅުންނަށް ވެސް ފުރުސަތު ދެވެން އޮތް މިންވަރަކުން ދެއްވާނެ ކަމަށާއި ވަކި ފިކުރަކަށް ވީތީ ބާކީކޮށްނުލާނެ ކަމަށެވެ.