މިފަހަރުގެ އިނގިރޭސި ޕްރިމިއާ ލީގް މެންޗެސްޓާ ސިޓީއަށް ހޯދައި ދިނުމުގައި އެންމެ މުހިންމު އެއް ރޯލެއް އަދާކުރީ ޓީމުގެ ސަޕޯޓަރުން ކަމަށް އެޓީމުގެ ކޯޗް ރޮބާޓޯ މަންޗިނީ ބުނެފި އެވެ.

ކުއީންސް ޕާކް ރޭންޖާސް (ކިއުޕީއާރް) އަތުން 3-2އިން މޮޅުވެ، ލީގުގެ ތަށި ސިޓީއިން ރޭ އުފުލައިލި މެޗަށް ފަހު، ކޯޗް ރޮބާޓޯ މަންޗިނީ ބުނީ، މިފަހަރު މިލިބުނު ކާމިޔާބީގެ ހައްގު އިނާމް ރާއްދުވާ އެއްބަޔަކީ ދެ ގޮތެއް ނެތް ސިޓީގެ ސަޕޯޓަރުން ކަމަށެވެ. އެގޮތުން މޮޅުވުމަށް މަޖުބޫރުވެފައިވާ ރޭގެ މެޗުގެ އެންމެ މުހިންމު ރޯލެއް ދަނޑުމަތީގައި އަދާ ކުރަމުް އައި ކުޅުންތެރިންގެ ފަހަތުގައި ހިތްވަރު ދިނުމަށްޓަކައި ޓީމުގެ ސަޕޯޓަރުން ކުރި، "ސަޕޯޓު"ގެ ސަބަބުން ކުޅުންތެރިންގެ އުންމީދުތައް އާވެގެން ދިޔައީ ސާޖިއޯ އަގުއޭރޯއާއި އެޑިމް ޒެކޯ މެޗުގެ ފަހުވަގުތު ހީނުކުރާ ކަހަލަ ގޮތަކަށް ކާމިޔާބު ކޮށްދިން ލަނޑުތަކުން ނެވެ.

"މިފަހަރު މިލިބުނީ ހީނުކުރާވަރުގެ ބޮޑު ކާމިޔާބީއެއް. ސިޓީއިން މިފަހަރު މިހޯދި ފުރިހަމަ ކާމިޔާބީގެ ފަހަތުގައި ތިބީ ޓީމުގެ ސަޕޯޓަރުން. މިއީ ތާރީހުގަ ފުރަތަމަފަހަރަށް ދެޓީމެއް ޕޮއިންޓްގެ ގޮތުން އެއްވަރުވެ ގޯލްގެ ތަފާތުން ކުރި ހޯދައިގެން ވާދަވެރި މެންޗެސްޓާ ޔުނައިޓެޑް ރޮއްވާލުމަށްފަހު މެންޗެސްޓާ ސިޓީއަށް ލިބުނު ބޮޑު ހިތްވަރެއް." މެޗަށް ފަހު ކޯޗް މަންޗިނީ ބުންޏެވެ.

މަންޗިނީ ބުނީ، އޭނަގެ ޓީމުން މެޗުގެ ފަހުވަގުތާ ހަމައަށް ވެސް ކުރި މަސައްކަތަކީ ޓީމުގެ ހުރިހާ ކުޅުންތެރިން ގުޅިގެން ކުރި މަސައްކަތުގެ ނަތީޖާ ކަމަށާއި އެމަސައްކަތުގެ ނަތީޖާ ނިކުތީ ކުޅުންތެރިން ބޭނުންވާ ގޮތަށް ކަމަށެވެ. އަދި މެޗުގެ ފުރަތަމަ ހާފުގައި ޓީމް ދެއްކި ކުޅުމަށް ވުރެ، ދެ ވަނަ ހާފުގައި ޓީމް ދެއްކީ ސަޕޯޓަރުންގެ އުންމީދުތައް އާވެގެންދާ ކަހަލަ މޮޅު ކުޅުމެއް ކަމަށް ވެސް މަންޗިނީ ވަނީ ބުނެފައެވެ.
މެޗަށް ފަހު މަންޗިނީ ވަނީ ޓީމުގެ ކުޅުންތެރިންނާއެކު، ލިބުނު ބޮޑު އުފަލުގައި ބައިވެރިވެ، އުފާ ފާޅު ކޮށްފައެވެ.
މިއީ 44 އަހަރު ފަހުން ޕްރިމިއާ ލީގް ސިޓީއިން ކާމިޔާބު ކުރި ފުރަތަމަ ފަހަރުވެސް މެއެވެ.