ދަ ޑިމޮކްރެޓްސްގެ ހިންގުން ހަރުދަނާކުރުމަށް ޓަކައި އެ ޕާޓީގެ އިންޓެރިމް ކައުންސިލުން, ޕާޓީ ތެރޭ ގޮފި އުފައްދައިގެން މަސައްކަތްކުރެވޭ ގޮތަށް ފާސްކޮށްފިއެވެ.

ޑިމޮކްރެޓްސްގެ އެތެރޭގެ މަގާމުތަކަށް ބޭފުޅުން އިންތިޚާބުކުރުން އޮތީ އަންނަ ޑިސެމްބަރު މަހުގައެވެ.

އެ ޕާޓީ ހިންގުމުގައި މިވަގުތު އިސްކޮށް ހުންނެވި ހަސަން ލަތީފް ވަނީ އެ ޕާޓީގެ ގޮފިތަކާއި، ގޮފިތައް ހިންގާނެ ގޮތުގެ ތަފްސީލް މިއަދު ނޫސްވެރިންނާ ހިއްސާކުރައްވައިފައެވެ.

އެގޮތުން ނޫސްވެރިންނާ ވާހަކަދައްކަވަމުން ހަސަން ވިދާޅުވީ ގޮފިތަކުގެ ގަވައިދެއް އެކުލަވައިލައިފައިވާ ކަމަށެވެ.

އާންމު ގޮފި؛މިއީ މަދުވެގެން ޕާޓީގެ 20 މެމްބަރަކު ހިމަނައިގެން އެ ގޮފި ރަޖިސްޓްރީކުރާ ރަށުގެ 60 ޕަސެންޓު މީހުން ހިމެނޭހެން އުފެއްދޭ ގޮތްޕެކެވެ. މި ފަދަ ގޮފި ކޮންމެ ރަށެއްގައި ވެސް އެއް ގޮތްޕަށް ވުރެ ގިނައިން އުފެއްދޭނެއެވެ.

ސަރަހައްދީ ގޮފި؛މިއީ މަދުވެގެން ޕާޓީގެ 200 މެމްބަރުން ހިމަނައިގެން ރަޖިސްޓްރީކުރާ ގޮތްޕެކެވެ. މިއީ ޕާޓީ ތެރޭގައި ވަކި ފިކުރެއް ކުރިއަރުވަން އުފައްދާ ގޮތްޕެކެވެ. މިއީ ސަރަހައްދީ ނުވަތަ ގައުމީ ފެންވަރުގައި މަސައްކަތްކުރެވޭނެ ގޮތްޕެކެވެ.

ފިކުރު ގޮފި؛މިއީ މަދުވެގެން 20 މެމްބަރުން ހިމަނައިގެން ރަށެއްގައި ވަކި ފިކުރެއް ކުރިއަރުވަން އުފައްދާ ގޮތްޕެކެވެ. މީގެ ތެރޭގައި ވަކި ފަންނުތައް ކުރިއަރުވަން ވެސް ގޮފި އުފެއްދޭނެއެވެ. މަދުވެގެން 60 ޕަސެންޓް މެމްބަރުން ވާންވާނީ އެ ރަށެއްގައި ދިރިއުޅޭ ނުވަތަ އެ ރަށެއްގެ މީހުންނަށެވެ.

ގޮފިތަކުގެ މެމްބަރުން ބަލަހައްޓާނެ ގޮތާއި، ގޮފީގެ އިންތިޚާބު ބާއްވާނެ ގޮތާއި، އިންތިޚާބުވާ މެމްބަރުންގެ އަމަލުތައް ބަހައްޓާނެ ގޮތް އަސާސީ ގަވައިދުގައިވާނެ ކަމަށް ހަސަން ވިދާޅުވިއެވެ.

"މި މަސައްކަތް ފެށުމަކީ މި ވަގުތު ޑިމޮކްރެޓްސްއަށް ވަރަށް މުހިންމު މަސައްކަތެއް. އެނގިވަޑައިގަންނަވާނެ އަޅުގަނޑުމެންގެ ރިޔާސީ އިންތިޚާބު މިހާރު މި އޮތީ ނިމިފައި. ނިމިގެން ޕާޓީ އަނެއްކާ ވެސް، ޕާޓީގެ އެތެރޭގެ މަސަައްކަތައިގެން ފަށައިގަންނަންޖެހޭ ވަގުތު މި ވަގުތަކީ،" ހަސަން ލަތީފް ވިދާޅުވިއެވެ.

އޭނާވަނީ މި މަސައްކަތުގައި ޕާޓީގެ ހުރިހާ މެމްބަރުން ވެސް ބައިވެރިވުމަށް އެދިލައްވައިިފައެވެ.

ޕާޓީގެ ތެރޭގައި ގޮފިތައް އުފައްދައިގެން މަސައްކަތް ކުރުމަކީ ރާއްޖޭގެ ހުރިހާ ސިޔާސީ ޕާޓީއެއްކަހަލަ ގޮތަކަށް އަމަލު ކުރަމުން އައި ޒަމާންވީ އުސޫލެކެވެ.