07 Oct 2023, 15:49
ޣައްޒާ (07 އޮކްޓޯބަރު 2023) : ފަލަސްތީނުގެ މިނިވަންކަމަށްޓަކައި އިސްރާއީލާ ދެކޮޅަށް ކުރަމުންގެންދާ ޖިހާދުގައި ހަމާސް ޖަމާއަތުން އިސްރާއީލާ ދެކޮޅަށް ހިންގި ކުއްލި އަސްކަރީ އޮޕަރޭޝަންގައި އިސްރާއީލުގެ 22 މީހުން މަރާލައި 500 އަށްވުރެ ގިނަމީހުން ޒަޚަމްކޮށް 35 މީހަކު އަސީރުންގެ ގޮތުގައި ހައްޔަރުކޮށްފައިވާކަން އެ ޖަމާއަތުން ހާމަކޮށްފިއެވެ.
ހަމާސްއިން ބުނިގޮތުގައި މިއީ ފަލަސްތީނުގެ މިނިވަންކަމުގެ ޖިހާދުގެ ތާރީޚުގައި އިސްރާއީލާ ދެކޮޅަށް ފަލަސްތީނުން ހިންގި އެންމެ ކާމިޔާބު އަދި އިސްރާއީލު އެންމެ ބޮޑަށް ސިއްސާލެވުނު އަސްކަރީ އޮޕަރޭޝަނެވެ.
މި އޮޕަރޭޝަން ރާވައި ހިންގުމަށް ހަމާސްއިން ތައްޔާރުވަމުންދާތާ އެތައް ދުވަހެއް ވެފައިވީނަމަވެސް މިއިން އެއްވެސް ކަމެއް އިސްރާއީލަށް ރޭކާލާފައެއް ނުވެއެވެ. ޖާސޫސީ އެއްވެސް މައުލޫމާތެއްވެސް ހޯދިފައެއް ނުވެއެވެ. މީގެ އިތުރުން ހަމާސްގެ ކުއްލި އޮޕަރޭޝަން ހިންގަމުންދާ ގޮތްވެސް އަދިވެސް އިސްރާއީލުގެ ސިފައިންގެ ލަޝްކަރުތަކަށް ރޭކާލާފައެއް ނުވެއެވެ.
މި އޮޕަރޭޝަންގައި ހަމާސްގެ މުޖާހިދުން ކުއްލިގޮތަކަށް ފުރަތަމަ ވަދެގަތީ ޣައްޒާގެ ވަށައިގެން އިސްރާއީލު ބިނާކޮށް ޔަހޫދީން ވަޒަންވެރި ކުރުވާފައިވާ ޔަހޫދީ އަވަށްތަކަށެވެ. މި ތަންތަނަށް ހަމާސްގެ މުޖާހިދުން ވަދެގަތީ އެ މީހުން އަމިއްލައަށް އުފައްދާފައިވާ ވައިކުޑަތަކާއި އަމިއްލައަށް އުފެއްދި ވަރަށް އާދައިގެ ހެލިކޮޕްޓަރުތަކެއް ބޭނުންކޮށްގެންނެވެ.
މިއާއެކު ހަމާސްއިންވަނީ އިސްރާއީލުގެ އެތެރޭގެ ތަންތަނަށް އަމާޒުކޮށް 500 އަށްވުރެ ގިނަ ރޮކެޓް ހަމަލާތައް ދީފައެވެ. ހަމާސް އިން މިކަން ކުރިކަންވެސް އިސްރާއީލުގެ ލަޝްކަރުތަކަށް ރޭކާލީ މި ހިސާބުން ކަމަށް އަލްޖަޒީރާ ބުނެއެވެ.

ފަލަސްތީނުގެ މުޖާހިދުން އިސްރާއީލު ސިފައިންގެ އަސްކަރީ ޓޭންކެއް އަންދާލަނީ
މިއާއެކު އިސްރާއީލުން ވަނީ ވަނުވާނޭންގި އޮޅުންބޮޅުންބޮޑު އެކި ބަޔާންތައް ދޭންފަށާފައެވެ. މީގެތެރޭގައި ޣައްޒާގެ ވަށައިގެންވާ ޔަހޫދީ ހުރިހާ އަވަށްތަކެއް ހަމާސް އިން ހިފިކަމަށް އެއްފަހަރު އިސްރާއީލުން ބުނާއިރު އަނެއްފަހަރު އިސްރާއީލު ބުނަނީ ހަމާސް ގެ އަތްދަށަށް ގޮސްފައިވަނީ އޭގެތެރެއިން ބައެއް އަވަށްތައް ކަމުގައެވެ. އިސްރާއީލު ގެ ލަޝްކަރުތަކާއި ޖާސޫސީ އިދާރާ އޮތީ ވާނުވާ ނޭންގޭ ހާލަތުގައެވެ. އިސްރާއީލުގެ މޮޅުކަމަށް ބުނާ ޖާސޫސީ އިދާރާ (މޫސާދު) ވަނީ ވަނުވާނޭންގި ބަސްހުއްޓިފައެވެ.
އިސްރާއީލުގެ ހަރުކަށި ބޮޑުވަޒީރު ބެންޖަމިން ނަތަންޔަހޫ ވަނީ އިސްރާއީލު ވަނީ ކުއްލި ހަނގުރާމައެއްގެ ތެރޭގައި ކަމަށް ވިދާޅުވެ ސަރުކާރުން އަންގާ އެންގުންތަކަށް އަމަލުކުރުމަށް އިސްރާއީލުގެ ރައްޔިތުންނަށް އިލްތިމާސްކުރައްވައި ސިހިފައިވާ ހާލަތެއްގައި ބަޔާނެއް ދެއްވާފައެވެ.
ހަމާސްއިން އިސްރާއީލުގެ އިސްތިއުމާރާ ދެކޮޅަށް މި ހިންގި އަސްކަރީ އޮޕަރޭޝަނަށް ދީފައިވާނަމަކީ "މަސްޖިދުލްއަގްސާގެ ތޫފާން" މިނަމެވެ. މިއީ ތަކުރާރުކޮށް މާތްވެގެންވާ މަސްޖިދުލްއަގްސާއާ ދެކޮޅަށް އިސްރާއީލުން ހިންގަމުންގެންދާ އުދުވާނާ ދެކޮޅަށް ފެށި އޮޕަރޭޝަނެއްގެ އިތުރުން މިއީ އިސްރާއީލުން ކޮންމެ ދުވަހަކު ފަލަސްތީނު ރައްޔިތުންނަށް ހަމަލާދީ މީހުން މަރައި ފަލަސްތީނު މީހުންގެ ގެދޮރު ތަޅައި ހަލާކުކޮށް އިސްރާއީލުގެ ޖަލުތަކުގައިވާ ފަލަސްތީނު ރައްޔިތުންނަށް ބޭސްފަރުވާކޮށް ނުދީ އެ މީހުން އަނިޔާވެރިގޮތްގޮތަށް މަރަމުންގެންދާތީ އެކަމާދެކޮޅަށް ހިންގި އޮޕަރޭޝަނެއްކަމަށް ހަމާސްއިން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.
ހަމާސްގެ ބަޔާނުގައި އިސްރާއީލުގެ ޖަލުތަކުގައި ފަލަސްތީނުގެ އެތައް ހާސް ބަޔަކު (ކުޑަކުދިންނާއި އަންހެނުން ހިމެނޭގޮތަށް) ވިހި ތިރީސް އަހަރަށް ޖަލަށްލައި ލާއިންސާނީ އަނިޔާތައް ކުރަމުން ގެންދާއިރު އަދި އޭގެތެރެއިން އެތައް ބަޔަކު ކެންސަރު ބައްޔާއި ހިތުގެ ބަލިތައްފަދަ ބަލިތަކުގެ ޝިކާރައަކަށްވެގެން ކޮންމެ ދުވަހަކު މަރުވަމުންދާއިރު ދުނިޔެ އޮންނަނީ ހިމޭނުންނެވެ.
އިސްރާއީލުން ފަލަސްތީނުގެ އެތައް ހާސްބަޔަކު ހައްޔަރުކޮށް ޖަލުތަކުގައި އެ މީހުންނަށް ލާއިންސާނީ އަނިޔާތައް ދީ މަރަމުންގެންދާކަން ފާހަގަކޮށްލާ ފަރާތެއްވެސްނެތެވެ. މި މީހުންގެ ހަމައެކަނި ކުށަކީ ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތް ކުރުމެވެ.
އިސްރާއީލުން ފަލަސްތީނުގެ ހުރިހާ ބިންތަކެއް ފޭރިގަނެ ރައްޔިތުން އަޅުވެތިކޮށް އެ މީހުން މަރަމުން ގެންދާތާ 70 އަށްވުރެ ގިނަ އަހަރުވީއިރު އެކަމާ އަޅާލާނެ ފަރާތެއް އަދި އެކަމަށް ހުއްޓުވަން އިސްރާއީލަށް އަދަބު ދޭނެ ފަރާތެއް ދުނިޔޭގައި ނެތެވެ.
މީގެ އިތުރުން ފަލަސްތީނުގެ މިނިވަންކަމަށްޓަކައި އިސްރާއީލާ ދެކޮޅަށް ކުރާ ޖިހާދަކީވެސް ޓެރަރިޒަމްކަމަށް ހަދައި އިސްރާއީލާއި އިސްރާއީލުގެ އަނިޔާވެރިކަމަށް އެމެރިކާއާއި ޔޫރަޕުން ވާގިވެރިވާއިރު ދުނިޔެ އޮންނަނީ ހިމޭނުން ކަމަށް ބުނެފައިވެއެވެ. އެމެރިކާއާއި ޔޫރަޕްގެ ގައުމުތަކުން ފަލަސްތީނުގެ މިނިވަންކަމުގެ މައްސަލައިގެ ހަގީގަތް އޮޅުވާލުމަށާއި އިސްރާއީލަށް ހަތިޔާރު ދީ އުދުވާން ހިންގުމަށް ހުޅަނގުން ހިއްވަރުދޭކަންވެސް ހަމާސްގެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.
ހަމާސް ބުނާގޮތުން އިސްރާއީލާ ދެކޮޅަށް ކުއްލިގޮތަކަށް ހިންގި މި އޮޕަރޭޝަންގެ ކުރީ ސަފުގައި އުޅެނީ އިސްރާއީލުން ހިންގާ މީހުން މެރުމާއި ޓެރަރިޒަމްގެ އަމަލުތަކުގައި ޝަހީދުވެފައިވާ ފަލަސްތީނު މީހުންގެ ދަރިންނާއި އެމީހުންގެ އާއިލާތަކަށް ނިސްބަތްވާ މީހުންނެވެ.
އެ މީހުންގެ މައިންބަފައިންނާއި އަނބިދަރިން އިސްރާއީލުގެ ހަމަލާތަކުގައި ޝަހީދުވެ އެ މީހުންގެ ގެދޮރު އިސްރާއީލުން ބިމާ ހަމަކޮށްލާފައިވާތީ އިސްރާއީލާ ދެކޮޅަށް ހިންގި މި އޮޕަރޭޝަންތަކުން އެ މީހުންނަށް އިތުރަށް ގެއްލޭނެ އެއްޗެއްނެތްކަމަށް ހަމާސުން ބުނެފައިވެއެވެ. ހަތްދިހަ އަހަރަށް ދިގު ދެމިގެން ގޮސްފައިވާ އިސްރާއީލުގެ އަނިޔާވެރިކަމުން މިހާލަތަށް ފަލަސްތީނުގެ ރައްޔިތުން ވަނީ ގޮސްފައެވެ.
މި ޚަބަރުތައް ހުޅަނގުގެ މީޑީއާ ތަކުން ގެނަސްދޭއިރު ފަލަސްތީނުގެ މައްސަލައިގެ ހަގީގަތް އެއްވެސް ވަރަކަށް ހާމައެއް ނުކުރެއެވެ. އިސްރާއީލުން ފަލަސްތީނު ހިފައި ފަލަސްތީނު އަޅުވެތިކޮށްފައިވާކަމާއި އިސްރާއީލުން ކޮންމެ ދުވަހަކު ފަލަސްތީނު މީހުން މަރަމުންގެންދާކަން ހާމައެއް ނުކުރެއެވެ. ހަމާސްގެ މުޖާހިދުން ހިންގި މި އޮޕަރޭޝަނަށް ތާއީދުކުރުމުގެ ގޮތުން ފަލަސްތީނުގެ އާންމުން ހުޅަނގު އައްސޭރިއާއި ޣައްޒާގެ މަގުތަކަށް ނުކުމެ މުޖާހިދުންނަށް ހިއްވަރުދޭކަމާއި މިއީ ރައްޔިތަކު އިސްތިއުމާރީ ބާރަކާ ދެކޮޅަށް ކުރަ މިނިވަންކަމުގެ ޖިހާދެއްކަން ބަޔާނެއް ނުކުރެއެވެ.
އިސްރާއީލުގެ ޖަލުތަކުގައި އެތައް ހާސް ފަލަސްތީނު ބަޔަކު ވިހިތިރީސް އަހަރަށް ހައްޔަރުކޮށްފައިވާއިރު ކެންސަރު ފަދަ ބަލިތަކުގެ ޝިކާރައަކަށްވެ ފަރުވާނުލިބި އެމީހުން މަރުވަމުންދާކަން ފަދަ އިސްރާއީލުގެ އަނިޔާވެރި އަމަލުތަކަށް ހުޅަނގުގެ މީޑިއާ ގެންދަނީ ލޯމަރާލަމުންނެވެ. މީގެ ބަދަލުގައި ހުޅަނގުގެ މީޑިއާއިން ބުނަނީ ހަމާސް އިން އިސްރާއީލަށް ހަމަލާދޭ ވާހަކައެވެ. ފަލަސްތީނުގެ މިނިވަންކަމަށްޓަކައި އިސްރާއީލާ ދެކޮޅަށް ޖިހާދު ކުރުމުގެ ކަމެއްގެ ގޮތުގައި މިކަން ސިފަކުރަން ޔަހޫދީންގެ ކޮންޓްރޯލް އޮންނަ ހުޅަނގުގެ މީޑީއާ ތަކަކަށް ނުކުރެއެވެ.