އިންތިގާލީ މަރުހަލާގެ މަސައްކަތްތައް ކުރާނެ ކޮމިޓީތައް މިހާރު އެކުލަވައިލައިފައިވާއިރު އަމާޒަކީ ވީހާ ވެސް އަވަހަށް ނަމަވެސް ފަރުވާތެރިކަމާއެކު މަސައްކަތްތައް ކުރުންކަމަށް އިންތިގާލީ މަރުހަލާގެ ކަންކަމާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް އައްޔަންކޮށްފައިވާ ތަރުޖަމާނު ފިރުޒުލް އަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.

އިންތިޚާބީ ރައީސްގެ އޮފީހުން ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ފިރުޒުލްވަނީ މިހާރު އެ މަސައްކަތް ހިނގަމުން އަންނަ ގޮތުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރައްވައިފައެވެ.

ފިރުޒުލް ވިދާޅުވީ އިންތިގާލީ މަރުހަލާގެ މަސައްކަތުގައި ޖުމްލަ 15 ޓީމަކުން ހަރަކާތްތެރިވާނެ ކަމަށެވެ. އެއީ ސަރުކާރު ހިއްސާވާ ކުންފުނިތަކުން މައުލޫމާތު އެއްކުރުމުގެ މަސައްކަތްކުރާނެ ހަތް ޓީމަކާއި، ސަރުކާރު ވުޒާރާތަކުންނާއި އޮފީސްތަކުން މައުލޫމާތު އެއްކުރާނެ އަށް ޓީމެކެވެ.

މި ޓީމުތަކުން މައިގަނޑު ގޮތެއްގައި މައުލޫމާތު އެއްކުރާނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިހާރު ވެސް އާންމުކޮށްފައިވާ ކަންކަމާ ގުޅޭގޮތުން ކަމަށް ފިރުޒުލް ވިދާޅުވިއެވެ. އަދި އެ މުއައްސަސާއަކާ ގުޅުން ހުރި ޚާއްސަ ކަމެއްވާނަމަ އެ ކަމެއް ވެސް ބަލާނެކަމަށް އޭނާ ވިދާޅުވިއެވެ.

"މި ނުކުތާގައި އަޅުގަނޑު އިތުރަށް ފާހަގަކޮށްލަން ބޭނުން މި މަސައްކަތް އަޅުގަނޑުމެން ކުރިއަށް ގެންދަން ބޭނުންވަނީ ވަރަށް ފަރުވާތެރިކަމާއެކު އެ ކަމަކު ހަމަ ވަރަށް ބާރު ސްޕީޑުގައި. އަޅުގަނޑަށް އެނގޭ މިހެން ދަންނަވާއިރު ވެސް މިއީ ވަރަށް އިދިކީލަކޮށް ނުވަތަ އެންޓި ތީސީސްކޮށް އޮންނަ ދެ ކަންތައްކަން،" އޭނާ ވިދާޅުވިއެވެ.

ނަމަވެސް މަސައްކަތް ބައްޓަންކުރާނީ ހަމަހަމަ ގޮތެއްގައި ކަމަށް އޭނާ ވިދާޅުވިއެވެ. އެއާއެކު ފިރުޒުލްވަނީ އިންތިގާލީ މަރުހަލާގެ މަސައްކަތްތަކަށް ސަރުކާރުން ދޭ އެއްބާރުލުމަށް ޝުކުރު އަދައިކުރައްވައިފައެވެ.

"ދެން އަޅުގަނޑު ފާހަގަކޮށްލަން ބޭނުން މިއަދުގެ ސަރުކާރުގެ އެންމެ މަތިން ރައީސުލްޖުމްހޫރިއްޔާއާ ހަމައިން ފެށިގެން މިހާތަނަށް ހަމަ އެކަށީގެންވާ އެއްބާރުލުން އަޅުގަނޑުމެން ހިތްހަމަޖެހޭ މިންވަރަށް ދެއްވަމުން ގެންދަވާ. އެ ކަމަށް ޓަކައި އަޅުގަނޑު ހަމަ އެ ބޭފުޅުންނަށް ޝުކުރު ދަންނަވަން،" ފިރުޒުލް ވިދާޅުވިއެވެ.

އިތުރަށް ވާހަކަދައްކަވަމުން ފިރުޒުލްވަނީ މިހާރު، އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުއިއްޒު ހުވައިކުރައްވާ ހަފްލާއަށް ވެސް ބޭރުގެ އަވަށްޓެރި ގައުމުތަކަށާއި އެކުވެރިކަން އޮންނަ ގުޅުން ގާތް ގައުމުތަކުގެ އިސްވެރިންނަށް ދައުވަތު ފޮނުވުމުގެ މަސައްކަތް ވެސް ފެށުުމަށް ތައްޔާރުވަމުން އަންނަކަމަށް ވިދާޅުވެފައެވެ.