އަންނަ ހޯމަ ދުވަހާ ހަމައަށް މެދު ރާއްޖެތެރެއާއި ރާއްޖޭގެ ދެކުނަށް ވިއްސާރަ ކުރާނެ ކަމަށް، މޫސުމާ ބެހޭ ގައުމީ އިދާރާއިން މިއަދު ބުނެފިއެވެ.

މެޓް އޮފީހުން މިއަދު ބުނީ މެދު ރާއްޖެތެރެއާއި ދެކުނަށް މޫސުން ގޯސްވި ނަމަވެސް އުތުރުގެ ރަށްތަކަށް ކުރިއަށް އޮތް ދެތިން ދުވަހު ވެސް މޫސުން ރަނގަޅު ވާނެ ކަމަށެވެ.

އެވެޖްކޮށް މުޅި ރާއްޖެއަށް ވައި ޖެހެމުން އަންނަނީ ފަސް މެއިލާއި 15 މެއިލާ ދެމެދުގެ ބާރު މިނެއްގައި ކަމަށް ވެސް މެޓްއިން ބުންޏެވެ.

މި ދުވަސްވަރު ރާއްޖޭގެ ހުރިހާ ހިސާބުތަކެއްގެ ކަނޑުތައް ވެސް މަޑު ކަމަށް މެޓުން ބުންޏެވެ.

މެޓުން ލަފާ ކުރާ ގޮތުގައި ހޯމަ ދުވަހަށް ފަހު ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް މޫސުން ރަނގަޅު ވާނެއެވެ. ނަމަވެސް އަންނަ ހުކުރު ދުވަހުން ފެށިގެން މުޅި ރާއްޖެއަށް ވިއްސާރަ ކުރާނެ ކަމަށް މެޓުން ލަފާ ކުރެއެވެ.

ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ބުރާސްފަތި ދުވަހާއި އިއްޔެ ހަތަރު ރަށެއްގައި ފެންބޮޑުވެގެން ރިޕޯޓުކޮށްފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓު އޮތޯރިޓީ (އެންޑީއެމްއޭ)އިން ބުނެއެވެ. އެއީ ޅ. ނައިފަރާއި ށ. ގޮއިދޫގެ އިތުރުން އއ. ފެރިދުއާއި ބ. މާޅޮހެވެ.