ނިޔަމްގެ ހިތުގެ ހިނގުން މަޑުޖެހިލިއެވެ. އައިސްފައިވާ ރުޅި ފިނިވި ގޮތްވެސް އޭނާއަށް ނޭނގުނެވެ. ޒައިލްގެ ކޮންމެ އަދާއަކުން އޭނާގެ ހިތާއި ކުޅެލަނީ ޖާދުވީ ގޮތަކަށެވެ. ނިޔަމްއަށް އަމިއްލަ ހިތުގެ މައްޗަށް ބާރެއް ނުފޯރުވެއެވެ. ޒައިލްދެކެ އޭނާ އަދިވެސް އިންތިހާއަށް ލޯބިވެއެވެ. ދެމީހުން އެކުގައި ގޮސް އިށީނީ ރާޅުފަށުގައެވެ. މީހުންގެ ހިލަމެއް ނުވާހާ ދުރުގައެވެ. ވެލިގަނޑަށް ބީއްސާލާ ރާޅުގެ އަޑު ފިޔަވާ އިތުރު އަޑަކަށް އިވެމުން ދިޔައީ، ތަންކޮޅެއް ދުރުން އިވެމުންދިޔަ ދޫނިތަކުގެ އަޑެވެ.

********

ދެމީހުންކުރެ އެކަކުވެސް ބަހެއް ނުބުނެއެވެ. ދައްކަން ބޭނުންވާ ވާހަކައެއް ނެތުމަކުން ނޫނެވެ. ހިތްވަރު ނުލިބިގެންނެވެ. ނިޔަމް އޭނާގެ ދަބަހުން ނެގީ ކުޑަ ފޮށްޓެކެވެ. ބޭހާއިގުޅޭ ސާމާނު އަޅާފައިވާ އެ ފޮށްޓަކީ ކަމެއް ޖެހިދާނެކަމަށް ނިޔަމް ދާ ކޮންމެ ތަނަކަށް ގެންދާ އެއްޗެކެވެ.

"ބައެއް މީހުން ދާންއަށްވުރެވެސް ކުޑަ..." ނިޔަމް މަޑުމަޑުން ބުނެލިއެވެ.

ޒައިލްގެ ތޫނު ދެލޯ ހުއްޓިފައިވީ ސީދާ ނިޔަމްގެ ދެލޮލަށެވެ. ދާދި ކައިރިން ނިޔަމްގެ މޫނަށް ބަލާލަން ލިބުމަކީ މަދުން ނޫނީ ލިބޭނެ ފުރުސަތެއް ނޫންކަން އޭނާއަށް އެނގެއެވެ. ޒައިލްގެ ހިތް ގޮވަމުން ދިޔައީ، އެ އަންހެންކުއްޖާގެ މޫނުގައި ބީހިލުމަށެވެ. ވަޔާއިއެކު މޫނަށް ގޯނާކުރަމުންދިޔަ އިސްތަށިކޮޅުތައް އެއްފަރާތްކޮށްލަދޭން ހިތް އެދުނެވެ. އަތް އުފުލާލާފައިވެސް ޒައިލް އަތް ތިރިކޮށްލީ، ނިޔަމް ކަފަކޮޅުގައި ބޭސްޖަހާފައި ޒައިލްގެ މޫނަށް ބަލައިލިތަން ފެނުމުންނެވެ.

ޒައިލް ކަޅިޖަހާނުލައި ބަލާތީ، ނިޔަމް އިނީ ނޭވާލާންވެސް އުނދަގޫވެފެވެ. އެ ނަޒަރުން ބުނެދޭ ވާހަކަތައް އެނގުނު ނަމަވެސް، ހިތްމަތީގައި އަތް އަޅައިލަން ނިޔަމްއަށް މަޖުބޫރުވިއެވެ. ނިޔަމް އަމިއްލަ ނަފުސަށް ވިސްނައިދިނީ އޭނާއަކީ ނަރުހެއްކަމެވެ. އޭނާ ޒައިލްއާއިމެދުގައި ދެކެން ޖެހޭނީ ބަލިމީހެއްގެ ގޮތުގައި ކަމެވެ. ދެމީހުން އެހާ ކައިރީގައި ތިބި އިރުވެސް، ޒައިލްގެ މޫނުގައިވާ ޒަހަމު ނޫން ތަނަކަށް އޭނާ ނުބަލައެވެ. އެ ހިތުގެ އަޑު އިވުނަސް، ނިޔަމް ދިނީ ބީރު ކަންފަތެކެވެ. އަމިއްލަ ޖަޒުބާތުތައް ސިއްރުކުރުމަށް އެނޫން މަގެއް އޭނާއަށް ނުފެނުނީއެވެ. ޒައިލްގެ ދެލޮލަށް ބަލައިފިނަމަ ނިޔަމް ބޭޒާރުވާނެއެވެ. އެހުރިހާއިރު ކުރި މަސައްކަތް ބޭކާރުވާނެއެވެ.

"އާހް!... ތަދުވޭ..." ނިޔަމް ކަފަކޮޅު ޖައްސާލުމުން، ޒައިލް ތަދުވެގެން ކުޑަކޮށް ދުރަށްޖެހިލިއެވެ. ކޯމަތީގައި އަތްއަޅައި ޒަހަމު ފޮރުވިއެވެ.

"ތަދުކޮށްލަންވީއޭ ހަމަ..." ޒައިލްގެ އަތް ދުރުކޮށްލަމުން ނިޔަމް ބުނެލިއެވެ. "ކުޑަކުއްޖެއްހެން ގޮސް މީހުންގެ ގައިގަ ހިފައިގަނެގެން އުޅެންޏާ، ތިއަށްވުރެ ބޮޑަށްވެސް ތަދުވާނެ..." ނިޔަމް ކަފަކޮޅު ޖައްސައިލީ ކުރިއަށްވުރެ ބާރަށެވެ.

ޒައިލް ދެލޯ މަރައި ބާރުކޮށްލިއެވެ. ދޭތެރެއަކުން ތަދުގެން ނިޔަމްގެ އަތް ދުރުކޮށްލައެވެ. ހަގީގަތަކީ އެވަރުގެ ކުޑަކުޑަ ޒަހަމަކުން އޭނާއަށް މާ ބޮޑު ތަދެއް އިހުސާސްނުވާކަމެވެ. އެއަށްވުރެ މާބޮޑެތި ވޭންތަކަށްވެސް އޭނާ ކެތްކުރިއެވެ. ހަސްފަތާލަށް ދިއުމެއްނެތި އަމިއްލަ ފަރުވާއިން އެތައް ކަމެއް ނިންމާލައެވެ. ޒައިލްގެ މަގުސަދަކީ ނިޔަމްގެ އަޅާލުން ހޯދުމެވެ. ޒައިލް މަސައްކަތްކުރީ ނިޔަމްގެ ހިތް އޮތްގޮތް ބަލާށެވެ. ހިތް ހަރު ހިލަގަނޑަކަށް ހަދައިގެން އުޅުނަސް، ނިޔަމްގެ ހިތުގައި ޒައިލްއާއި މެދުގައި އޮތް ލޯބި ފަނޑު ނުވާކަން ޒައިލްއަށް ޔަގީންވީ އެވަގުތުއެވެ.

ޒައިލްގެ މޫނުގައި ކަފަކޮޅު ޖައްސައިލިގޮތަށް ނިޔަމްއަށް އިނދެވުނީ، ދެލޯ މަރާލައިގެން އިން ޒައިލްއަށް ބަލާށެވެ. ކުރިން އެ މޫނުން ފެނުނު ދިރުން މިއަދަކު ފެންނާކަށް ނެތެވެ. ހަށިގަނޑުވެސް ކުރިއަށްވުރެ ނިކަމެއްޗެވެ. ކެއުމަށް ނުބަލާކަށް ބަލައިލުމުންވެސް އެނގެއެވެ. އަވީގައި އުޅުމުން، އެ މޫނު ވަނީ ކޮންމެވެސް ވަރަކަށް ރަތްވެފައެވެ. ހަންގަނޑުގައި ކުރަކި ކަމެއް ހުއްޓެވެ. ނިޔަމް ނޫނީ ޒައިލްއަށް އޯގާތެރިވާނެ އެހެން މީހަކު ނުހުންނާނެކަން އޭނާއަށް އެނގެއެވެ. މައިންބަފައިންވެސް ޒައިލް ބާކީކޮށްލާފައިވާކަމީ، ނިޔަމްއަށް އެނގޭ ހަގީގަތެކެވެ. އެކަނި އުޅޭނަމަ، ޒައިލް ފަރުވާކުޑަވާނެއެވެ. އަމިއްލަ ހަށިގަނޑަށް ނުބަލާނެއެވެ. ނިޔަމްގެ ހިތަށް ތަދުވިއެވެ. އުނދަގޫ ގޮތަކަށް ހިންދިރުވައިލެވުނެވެ. ޒައިލް އޭނާ ދޫކޮށްނުލިނަމަ، ދާވިއަންއާއިއެކު ދެމީހުން މިއަދު އުޅޭނީ ކިހާ އުފާވެރި ދިރިއުޅުމެއް ހެއްޔެވެ؟

ޒައިލް ކުއްލިއަކަށް ލޯ ހުޅުވައިލީ ނިޔަމް އެހެން އިންދައެވެ. ނިޔަމް ދިޔައީ ސިއްސައިގެންނެވެ. ވައްކަމެއް ކުރުމުން ފަޅާއަރާހެން އޭނާ އަވަހަށް މަލަންކޮޅު އަޅާފައި އަތް ދުރުކޮށްލަން އުޅުނެވެ. ޒައިލް އެ އަތުގައި ހިފެހެއްޓިއެވެ. އޭރު ދެމީހުންގެ ހަތަރުކަޅިވަނީ ބައްދަލުވެފައެވެ. ޒައިލް އޭނާގެ މޫނު، ނިޔަމްގެ މޫނާއި ކައިރިކޮށްލިއެވެ. ދެމީހުންގެ ހޫނު ނޭވާ އެކަކު އަނެކެއްގެ މޫނަށް އެޅެމުން ދިޔައެވެ. ޒައިލް ކައިރިވަމުންދިޔަ ވަރަކަށް ނިޔަމްގެ ހިތުގެ ތެޅުން ދިޔައީ އިތުރުވަމުންނެވެ. އޭނާއަށް ދެލޯ މަރައިލެވުނެވެ. ޒައިލް ހުއްޓުނީ، ނިޔަމްގެ މޫނުގައި ކިރިޔާ ޖެހޭނުޖެހޭހައި ކައިރިއަށް ގޮސްފައެވެ. އޭނާގެ މަގުސަދަކީ ނިޔަމް ތަޅުވައިލުމެވެ. އެކަން ކާމިޔާބުވުމަށްވުރެ ބޮޑު އުފަލެއް އޭނާއަށް ލިބުނީ، ނިޔަމް ދިން ފުރުސަތުންނެވެ. ޒައިލްގެ ތުންފަތަށް ވެރިވީ ލުއި ހިނިތުންވުމެކެވެ.

"ދާންއަށް ލިބިފަ ހުރީ ހަމަ މަންމަގެ ސިފަތައް..." ނިޔަމްގެ ނޭފަތުގައި ހިފައިލަމުން ޒައިލް ލާނެތް ގޮތަކަށް ބުނެލިއެވެ.

ނިޔަމް އަވަސްއަވަހަށް ލޯ ހުޅުވައިލިއެވެ. ކުރެވުނު ކަންތައް އިހުސާސްވުމުން، އޭނާ އިނީ ލަދުން މޮޔަވާވަރުވެފައެވެ. ޒައިލް ކައިރިވުމުން އޭނާއަށް ލޯ މަރައިލެވުނީ ކީއްވެ ހެއްޔެވެ؟ ނިޔަމްއަށް އޭނާގެ އަމިއްލަ ނަފުސު ކުށްވެރި ކުރެވުނެވެ. ހަމަ ރަނގަޅަށްވެސް އޭނާ ބޭޒާރުވެއްޖެއެވެ. މިހާރު ޒައިލް ހީކުރާނީ ކީކޭ ހެއްޔެވެ؟ ނިޔަމްގެ އިހުސާސްތަކަށް ބަދަލެއް ނާންނަކަން ޒައިލްއަށް އެނގޭނެއެވެ.

ނިޔަމް އުޅުނީ ޒައިލް ދުރުކޮށްފައި އެތަނުން ދާށެވެ. ޒައިލް ކުއްލިއަކަށް ނިޔަމްގެ އުނގުގައި ބޯ އަޅައިލިއެވެ. ނިޔަމް ޒައިލްއާއި ދުރުވާން އުޅުމުން، ޒައިލް އެނބުރިލާފައި، ނިޔަމްގެ އުނަގަނޑުގައި ދެއަތް ވަށައިލިއެވެ. ނިޔަމް ލާންއުޅުނު ނެވާވެސް ހީވީ ތާށިވި ހެންނެވެ. އެތައް ދުވަހަކަށްފަހު ޒައިލްގެ އެފަދަ ގާތްކަމެއް އިހުސާސްކުރެވުމުން، ތަފާތު ވިންދެއް އެހިތުގައި ޖަހައިލިކަން ގައިމެވެ.

"ކުޑައިރުކޮޅަކު މިހެން އިނދެލަދީބަލަ..." ޒައިލް އެދުނެވެ. "އަހަރެން ޏަމްގެ ކައިރީ ބުނަން ބޭނުންވާ ހާދަ ގިނަ ވާހަކައެއް އެބަހުއްޓޭ..."

"އަހަރެން ނެތް ދައްކާނެ ވާހަކައެއް...." ހަރުކަށިކަން އަޑަށް ގެނުވަމުން ނިޔަމް ބުނެލިއެވެ.

"އަހަންނަށް އެނގޭ ޏަމްވެސް އަހަރެން ބޭނުންވާކަން..." ޒައިލްގެ އަޑުގައިވީ ޔަގީންކަމެވެ. "ދެމީހުންނަށް އުފަލުގަ އުޅެވެން އޮއްވާ، ކީއްކުރަން އުމުރުން ބޭކާރު ދުވަސްތަކެއް ދުއްވާލަންވީ؟... ދާންއާއެކީ އުފަލުގަ އުޅެން އަހަރެން ހާދަ ބޭނުމޭ... އަހަންނަށް އެނގޭ ޏަމްވެސް ބޭނުންވާނެކަން..."

"އަހަރެމެން އެކީ ނޫޅުނަސް، ދާންއާއެކީ ވަގުތު ހޭދަކުރަން ޒައިލްއަކަށް ހުރަހެއް ނޯންނާނެ... އަހަރެން މަނައެއް ނުކުރާނަން..." ނިޔަމް ދޫކޮށްލީ ފުން ނޭވާއެކެވެ. އޭނާގެ ދުލުން ބޭރުކުރީ، ހިތާއި ދެކޮޅަށް ބުނި ޖުމުލައެކެވެ.

"އަހަންނަށް ހަމަ އެންމެ ފުރުސަތެއްވެސް ނުދޭނަންތަ؟..." ޒައިލް ދެރަވިއެވެ.

"ޒައިލް ބޭނުމެއްނުވޭދޯ މަސައްކަތް ކުރާކަށް..." ނިޔަމް ބުނެލިއެވެ.

ޒައިލްގެ ހަނދާނަށް އައީ، ނިޔަމް ޕޮއިންޓްގެ ވާހަކަ ބުނިކަމެވެ. އޭނާއަށް ހިނިތުންވެލެވުނީ ދެނެވެ.

"ޏަމް!... އައި ލަވް ޔޫ..." ޒައިލް ކުޑަކޮށް އެނބުރިލާފައި ނިޔަމްގެ މޫނަށް ނަޒަރު ހުއްޓައިލިއެވެ. "އަހަރެން ބޭނުން ޏަމް އަހަރެންގެ މީހަކަށް ހަދަން..."

ޒައިލް ނިޔަމްގެ ދެކޯތާފަތުގައި ހިފެހެއްޓިއެވެ. އެވަގުތު ދެމީހުންގެ ހަތަރުކަޅި ބައްދަލުވިއެވެ. ދެމީހުންގެ ނަޒަރުންވެސް ބުނެދިނީ އެންމެ ކަމެކެވެ. ދެހިތުގެ ވިންދު އެކުވެގެންދިޔަކަމުގެ އިހުސާސް އެކަކު އަނެކަކަށް ކުރެވުނެވެ. ޒައިލްއަށް ނިޔަމްގެ ތުންފަތުގައި ބޮސްދެވުނީ އަމިއްލަ އިހުތިޔާރުން ބޭރުގައެވެ. ހުދު ނިޔަމްއަށްވެސް އަމިއްލަ ހިތުގެ މައްޗަށް ބާރުފޯރުވުނީ އިރުކޮޅެއް ފަހުންނެވެ. ނިޔަމް ކުއްލިއަކަށް ތެދުވެގެން ދުއްވައިގަތެވެ. ޒައިލްގެ ބޯ ގޮސް ޖެހުނީ ވެލިގަނޑުގެ މަތީގައެވެ. ދެލޯ މަރާލުމާއިއެކު، ޒައިލްގެ ތުންފަތަށް ވެރިވީ ލުއި ހިނިތުންވުމެކެވެ. ދެމީހުންކުރެ އެކަކަށްވެސް ނޭނގުނީ އެމަންޒަރު ކޮންމެވެސް މީހަކު ފޯނުގައި ރައްކާކުރިކަމެވެ.

********

ހަލުވި ފިޔަވަޅުތަކެއްގައި ޔާމީން ގޮސް ގެއަށް ވަންއިރު، ނުޒުހަތު ހުރީ ސިޓިންގްރޫމުގައި ދެކޮޅަށް ހިނގާލަހިނގާލައެވެ. މޫނުމަތިން ފެންނަމުންދިޔައީ ރުޅިވެރިކަމެވެ. ނުޒުހަތުގެ އަތުގައި ބޮޑު ސިޓީއުރައެއް އޮތެވެ. އޭނާ ހުރީ ޔާމީން އެތެރެއަށް ނުވަދެގެންނެވެ. ރަނގަޅަށް ދޮރުވެސް ލައްޕައިނުލެވިގެން އުޅެނިކޮށް، ސިޓީއުރަ ޔާމީނާއި ދިމާއަށް ހޫރާލާފައި ހަޅޭއްލަވައިގަތެވެ.

"ލަދެއްނުގަނޭތަ އަހަރެން ކުރިމައްޗަށް އަންނާކަށް؟..." ބޮލުގައި ދެއަތުން ހިފަހައްޓައިގެން ހުރި ނުޒުހަތުގެ ރުޅި ގަދަވެގެންގޮސް މުޅި ހަށިގަނޑުވެސް ތުރުތުރުއަޅައެވެ. މާނޭވާލަމުން ވާހަކަދެއްކިއިރު، ހީވަނީ މޮޔަވެފައިވާ މީހެއް ހެންނެވެ.

ޔާމީން ދިޔައީ ސިއްސައިގެންނެވެ. އޭނާ ހުރީ އެފަދަ ކަމަކަށް ތައްޔާރުވެގެނެއް ނޫނެވެ. ނުޒުހަތު ގުޅާފައި އަވަހަށް އައިސްދިނުމަށް އެދުމުން އޭނާ ހީކުރީ ނުޒުހަތަށް ބޮޑު ކަމެއް ދިމާވީކަމަށެވެ. ކޮށީގައި އިން ގުރާވެސް އުދުހިގަނެފައި ގޮވަން ފެށިއެވެ. ވެރިމީހާއަށް ނުރައްކަލެއް ކުރިމަތިވީކަން އެސޮރަށްވެސް އެނގުނީ ކަހަލައެވެ.

"ނުޒޫ!... ހަމަޖެހިބަލަ..." ޔާމީން ކުރިއަށް ހިނގައިގަތެވެ. ނުޒުހަތުގެ ގައިގައި އަތްލަން އުޅުނެވެ.

"އަތްލައިގެން ނުވާނެ!..." ނުޒުހަތު އަމުރުކުރިއެވެ.

"އިހަށް މިތާ އިށީނދެބަލަ..." ސޯފާއަށް އިޝާރާތްކުރަމުން ޔާމީން އެދުނެވެ.

"ކީއްކުރަން އިށީންނަންވީ؟... މިގޭން ނުކުމެގެން ދާންވެފަ ހުރި މީހެއްނު މީ..." ނުޒުހަތު ކުރިއަށްވުރެ ބާރަށް ހަޅޭއްލަވައިގަތެވެ. އޭރު އޭނާއަށް ރޮވެން ފަށައިފިއެވެ.

"ތި ވެގެން އުޅޭގޮތެއް އެނގުނީމައެއްނު އެއްޗެއް ބުނަންވެސް އެނގޭނީ..." ޔާމީން ހުރީ ގޮތް ހުސްވެފައެވެ.

"އިތުރަށް އެއްޗެއް ބުނުމުގެ މާނައެއް އެބައޮތްތަ؟..." ކަރުނައިން ފުރިގެންވީ ދެލޮލުން ޔާމީނަށް ބަލައިލަމުން ނުޒުހަތު ބުންޏެވެ.

"ނުޒޫ ބުނީމައެއްނު އެނގޭނީ..." ޔާމީން ވާހަކަދެއްކީ މަޑުމައިތިރިކޮށެވެ.

"މީހަކު އަޖައިބެއް ނުވާނެތަ؟..." ނުޒުހަތުގެ ރުޅި ހައްތަހާ ގަދަވާގޮތްވިއެވެ. "ކާކުގެ ސަބަބުންތަ ކަންކަން ގޯސްވެގެން މިއުޅެނީ؟... ބުނެބަލަ!... ޖަވާބުދީބަލަ!..."

"ތިހެން ހަޅޭއްލަވައިގެން ކަންކަން ހައްލެއް ނުވާނެއޭ ނުޒޫ..." ޔާމީންގެ ކެތްތެރިކަން ކޮޅުންލާން ފެށިއެވެ.

"ހައްލުވާކަށް ދެން ނެތް އެއްކަމެއްވެސް..." ޔާމީންގެ ފައިދަށުގައި އޮތް ސިޓީއުރައަށް ބަލައިލަމުން ނުޒުހަތު ބުންޏެވެ. "ތީ މަކަރުވެރި ނުލަފާ މީހެއް... އޭގެ ހެކި ތިއޮތީ ފެންނަން... އަދި އެބައުޅެއެއްނު އަހަރެންގެ ލޮލުގަ އަނދުން އަޅުވަން... ތި ހީކުރަނީ އަހަރެން މީ އެހާ މޮޔަ މީހެއް ކަމަށްތަ؟..."

ނުޒުހަތު ގޮސް ވަނީ ކޮޓަރިއަށެވެ. ބަންލާފައި ދޮރުޖެހިއެވެ. ޔާމީން ހުރީ ގޮތް ހުސްވެފައެވެ. އޭނާގެ ސިކުނޑި ހީވަނީ ފަޅައިގެން ހިނގައިދާނެ ހެންނެވެ. ފަންކާގެ ފިޔަތައް އެނބުރޭތަން ފެނުމުން އުނދަގޫވިއެވެ. ބޮޑު ސިޓިންގްރޫމު ކުއްލިއަކަށް ފަޅުވުމުން ކުރެވޭ ޒާތުގެ އުނދަގޫ އިހުސާސެއް ޔާމީނަށް ކުރެވެން ފެށުނެވެ. އެ ފަޅުކަން ފަދައިން އޭނާގެ ހަޔާތް ހިމޭންވާން އުޅެނީ ހެއްޔެވެ؟ ނުޒުހަތުގެ ބަހުރުވަ ހުރިގޮތުން، ދިރިއުޅުން ދެން ސަލާމަތް ކުރެވިދާނެކަމާއިމެދު އޭނާއަށް ޝައްކެވެ. ދެމީހުން ދުރުވުމަކީ ފަހަރެއްގައިވެސް ޔާމީން ބޭނުންވާ ގޮތެއް ނޫނެވެ.

********

"އަހަރެން ހީކުރީ ސޮބާހް ތީ ވަރަށް ކުޅަދާނަ މީހެއް ކަމަށް..." އާޔަތު ހުރީ ރުޅިގަދަވެފައެވެ.

"އަހަންނަށް އަދި ވަގުތުކޮޅެއް ދީ..." ސޮބާހް އެދުނެވެ.

"ބުނީމެއްނު އެއްޝޮޓުން ނިންމާނަމޭ... ތިމަންނައަށް އިތުބާރުކުރާށޭ..." އާޔަތު ހިތްހަމަނުޖެހިފައި ޝަކުވާކުރިއެވެ.

"އެ ލޫކެއް އައީމަ ހުރިހާ ކަމެއް ފަނިވީ... އަހަރެން ބޭނުންވާގޮތަށް ހުރިހާ ކަމެއް ގޮސްގޮސް ހުއްޓާ..." ސޮބާހް ވާހަކަ ދައްކަދައްކާ ހުއްޓާ، އާޔަތު އެވާހަކަ ހުއްޓުވިއެވެ.

"އެކަންވެސް ނިންމާލާކަށް ނޭނގުންތަ؟..." އާޔަތުގެ ހިތުގައި އުފެދުނު ނަފުރަތުގެ އަލިފާނުގެ ތެރޭގައި އަމިއްލަ ނަފުސު އަނދަމުންދިޔަކަން ކުޑަކޮށްވެސް ރޭކާނުލައެވެ. "އަހަރެން ބޭނުންވީ މިއަދުން މިއަދަށް އެކަން ނިންމާލަން... އެކަމަކު، ސޮބާހަށް އެއްކަމެއްވެސް ނުވި... ސޮބާހުގެ ސަބަބުން އަހަރެން ކުރި ހުރިހާ ކަމެއް ބޭކާރުވީ... ސޮބާހު ބޭނުންވި އެއްޗެއްވިއްޔާ ކޮންމެތާކުން ހޯދައިގެންވެސް އަހަރެން ގެނެސްދިނިން... އެނގޭތަ ކިހާ ބޮޑު ރިސްކެއް ނަގާފަކަން އެހުރިހާ ކަމެއް ކުރީ؟..."

"އެންމެ ރަނގަޅު... އަދިވެސް ވަގުތު ފާއިތެއް ނުވެއެއްނު... މިދަތުރު ނިމުމުގެ ކުރިން އަހަރެން އެކަން ނިންމާނަން... އޯކޭ؟..." ސޮބާހު މަސައްކަތްކުރީ އާޔަތު ހަމައަކަށް އަޅުވާށެވެ.

އާޔަތުގެ ފޯނު ރިންގްވާން ފެށިއެވެ. ފޯނުގެ އިސްކްރީނަށް އަރާފައިވާ ނަން ފެނުމުން އާޔަތުގެ މޫނުމަތީގެ ކުލަވަރު ބަދަލުވިއެވެ. އަވަސްއަވަހަށް ސޮބާހުގެ ކައިރިން ދުރަށް ދިޔައެވެ.

"ކީކޭ މަންމާ؟..." ފޯނު ކަންފަތުގައި ޖަހަމުން އާޔަތު ސުވާލުކުރިއެވެ.

********

ދެއަތުން މޫނު ފޮރުވާލައިގެން އިން ޔާމީން ލޯ ހުޅުވައިލިއެވެ. އަތުގައި އޮތް ސިޓީއުރައިގައިވާ ލިޔުން ނެގިއިރު، އޭނާގެ ހިތް ތެޅެނީއެވެ. ޔާމީން އިނީ ދެފިކުރެއްގައެވެ. ލިޔުމުގައި އޮތް އެއްޗެއް ބަލަންވީ ހެއްޔެވެ؟ ނޫނީ ނުބަލައި ދޫކޮށްލަންވީ ހެއްޔެވެ؟ ޔަގީނުންވެސް އެއީ އޭނާގެ ދިރިއުޅުމަށް ބަދަލުތަކެއް ގެނުވާނެ އެއްޗެކެވެ. ނުޒުހަތަށްވީގޮތަކީ އޭގެ އަސްލެވެ. ޔާމީން ވިސްނައިލިއެވެ. ކިތަންމެ ބޭނުންނުވިޔަސް، ހަގީގަތަކަށް ނުފިލޭނެއެވެ. އެކަން އެނގެންވެސް ޖެހޭނެއެވެ.

ލިޔުމުގައި އޮތް އެއްޗެއް ފެނުމާއިއެކު، ޔާމީންގެ ދެލޯ ބޮޑުވިއެވެ. ސިޓީއުރައާއިއެކު، ލިޔުންވެސް އަތުން ދޫވެގެން ވެއްޓުނެވެ. ޔާމީން ކޮޅަށް ތެދުވިއިރު، ކުރިމަތިން ފެންނަމުންދިޔަ މަންޒަރު ވަނީ ފުސްވެފައެވެ. އޭނާގެ ދެލޮލަށް ވަނީ ކަރުނަ ޖަމާވެފައެވެ. އެތައް ދުވަހަކު ޔާމީންގެ ހިތަށް އުނދަގޫކުރަމުންދިޔަ ވަހުމުތަކާއި ކުށްހީތައް ޔަގީނަށް ބަދަލުވީއެވެ. އެނގިގެން ދިޔައީ އޭނާއަށް ދުވަހަކުވެސް ބަދަލުނުކުރެވޭނެ ހަގީގަތެކެވެ. އެ ހަގީގަތަށް ދުވަހަކުވެސް ނުފިލޭނެއެވެ.

(ނުނިމޭ)