ސިނަމާލެ ބްރިޖާ ގުޅިފައި އޮންނަ ހައިވޭގައި ހާދިސާއެއް ހިނގައިފިނަމަ ޓްރެފިކް ބްލޮކްވާ މައްސަލައަށް ހައްލު ހޯދުމަށް ޓަކައި އަމަލުކުރެވިދާނެ ގޮތް ތަކަކާމެދު މަޝްވަރާކުރަމުން އަންނަކަމަށް ފުލުހުން ބުނެފިއެވެ.

ދުވާލަކު އެތައް ހާސް ދަތުރެއް ހައިވޭގައި ކުރެއެވެ. ޚާއްސަކޮށް ރަސްމީ ދުވަސްތަކުގައި ރަސްމީ ވަގުތުތަކުގައާއި، ބަންދު ދުވަސްތަކުގައި ހައިވޭގެ ޓްރެފިކް އެތައް ގުނައެއް އިތުރުވެއެވެ.

އާންމު ގޮތެއްގައި ހައިވޭގައި ޓްރެފިކް ބްލޮކްވާން މެދުވެރިވަނީ އެކްސިޑެންޓެއް ހިނގުމުންނެވެ. އެގޮތުން އެކްސިޑެންޓުވާ ވެހިކަލް ނެގުމުގައި ހޭދަވާ ވަގުތާހެދި ކާރު ލޭން ގިނަ ވަގުތުތަކަކަށް ބްލޮކްވެއެވެ. އަދި ދެން ފަހަތުން އަންނަ ވެހިކަލްތައް ވެސް މަގުގައި ކުރިއަށް ނުދެވި މަޑުކޮށްގެން ތިބެން ޖެހެއެވެ.

ބޮޑު އެކްސިޑެންޓެއް ހިނގައިފިނަމަ އެތައް ގަޑިއިރަކު ވެސް ޓްރެފިކް ބްލޮކްވެއެވެ. އެގޮތުން އިއްޔެ ހިނގި އެކްސިޑެންޓުގެ ސަބަބުން ވެސް އެތައް ކާރަކާއި، ޕަބްލިކް ޓްރާންސްޕޯޓް ބަސް، ދިގު ކިއުއެއްގައި ކުރިއަށް ނުދެވި, ތާށިވެފައި އޮތެވެ.

މި ކަމާ ގުޅިގެން "ސަން"އާ ވާހަކަދައްކަވަމުން ހުޅުމާލެ، ހުޅުލެ ހައިވޭގެ ޓްރެފިކް ބެލެހެއްޓުމުގައި އިސްކޮށް ހަރަކާތްތެރިވާ ޗީފް އިންސްޕެކްޓަރު މުޙައްމަދު ލުތުފީ ވިދާޅުވީ ފުލުހުންގެ ތެރޭގައި ވެސް މިހާރު އެ ފަދަ ހާލަތްތަކުގައި ޓްރެފިކް މައްސަލަ ހައްލުކުރުމަށް ޓަކައި އަމަލުކުރާނެ ގޮތަކާ މެދު މަޝްވަރާކުރަމުން އަންނަ ކަމަށެވެ.

"އިއްޔެ އެކްސިޑެންޓުން ވެސް ފޯކްލިފްޓަށް އައިސް، އެ ނެގުމަށް ގާތްގަނޑަކަށް ދެގަޑިއިރެއް ހާއިރު ހޭދަވި. ވަރަށް ވަގުތު މިއީ. މި ފަދަ ހާލަތްތަކުގައި ވަގުތީ ގޮތުން ހައްލެއް ހޯދަން މި މަޝްވަރާކުރެވެނީ،" ލުތުފީ ފާހަގަކުރެއްވިއެވެ.

ނަމަވެސް ދާއިމީ ހައްލެއް ހޯދުމަކީ ދަތިވާނެ ކަމެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

"ހައްލަކަށް މިއޮތީ އެއްކޮޅުން ބްލޮކްވެއްޖެޔާމުން އަނެއްކޮޅުން ވަގުތީ ގޮތުން ދެކޮޅަށް ދުއްވާ ގޮތް ހެދުން. ހުޅުމާލެ ކޮޅުން ވެއްޖެއާ ހުޅުމާލެ ކޮޅުން. މާލެ ކޮޅުންނަމަ ވެހިކަލް އެރުވުން މަޑު ޖެއްސުން،" ލުތުފީ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެ ފަދަ ހާލަތުގައި އެއްކޮޅަށް ދުއްވާ ލޭނެއް ދެކޮޅަށް ދުއްވާ ގޮތަށް ވަގުތީ ގޮތުން ބަދަލުކުރާއިރު ފުލުހުން ތިބޭނެ ކަމަށެވެ. ނަމަވެސް ހައިވޭއަކީ ބާރު ސްޕީޑުގައި ދުއްވާ ތަނަކަށްވާތީ އެ ކަން ކުރާނީ ކޮންމެހެން ކުރަން ޖެހިއްޖެނަމަ ކަމަށް އޭނާ ވިދާޅުވިއެވެ.