ނިއުދިއްލީން: ހުސައިން ހަސަން

ވެރިކަން ބަދަލުވި ގޮތް ބެލުމަށް ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ އިންކުއަރީ ކޮމިޝަން ރިވިއު ކުރުމަށް ސިޔާސީ ޕާޓީތަކާ އެކު ސަރުކާރުން މަޝްވަރާ ކުރަމުން އަންނަ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު މިއަދު ވިދާޅުވެއްޖެ އެވެ.

އިންޑިއަން ކައުންސިލް އޮފް ވޯލްޑް އެފެއާޒްގައި މިއަދު ހެނދުނު ތަގުރީރު ކުރެއްވުމަށް ފަހު އިންޑިއާގެ ނޫސްވެރިއަކު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވަހީދު ވިދާޅުވީ ރާއްޖެ ވަޑައިގެންއުޅުންވާ ކޮމަންވެލްތުގެ މަންދޫބު ޑޮން މެކިނަންއާ އެކު ސަރުކާރުން ވާހަކަތައް ދެކެވިފައިވާ ކަމަށާއި އެ ވާހަކަތަކުގައި އިންކުއަރީ ކޮމިޝަން ރިވިއުކުރުމަށް އެއްބަސްވެފައިވާ ކަމަށެވެ. އަދި އިންކުއަރީ ކޮމިޝަނަށް ބަދަލެއް ގެނައުމާ މެދު ސިޔާސީ ޕާޓީތަކުގެ ލަފަޔާއި މަޝްވަރާ ހޯއްދަވަމުން އަންނަ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ ކޮމަންވެލްތުގެ އެންވޯއީއާ އެކު އަޅުގަނޑުމެން އެއްބަސްވެއްޖެ އިން ކޮމިޝަން ރިވިއު ކުރަން. އެކަމުގައި ލަފާއާއި މަޝްވަރާ މިހާރު ސިޔާސީ ޕާޓީތަކާ އެކު ކުރިއަށް ދަނީ،" ރައީސް ވަހީދު ވިދާޅުވި އެވެ.

ކޮމަންވެލްތުގެ ޑިމާންޑާ އެކު އިންކުއަރީ ކޮމިޝަނަށް ބަދަލެއް ގެނައުމަށް ސިޔާސީ ޕާޓީތަކާ އެކު މަޝްރާތަކެއް ކުރިޔަސް، އެ ކޮމިޝަނަކީ މުސްތަގިއްލު ކޮމިޝަނެއް ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި އެ ކޮމިޝަނަށް އައްޔަން ކުރައްވާފައިވާ ބޭފުޅުންނަކީ ސިޔާސީ ޕާޓީއަކަށް ނިސްބަތްނުވާ މިނިވަން ފިކުރުގެ ބޭފުޅުން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ފެބްރުއަރީ މަހުގެ ހަތް ވަނަ ދުވަހު ރާއްޖޭގެ ވެރިކަން ބަދަލުވި ގޮތާއި ޖެނުއަރީ 14، 2012 އިން ފެށިގެން ރާއްޖޭގައި ހިނގި ކަންތައްތައް ބެލުމަށް އުފައްދާފައިވާ ނެޝަނަލް އިންކުއަރީ ކޮމިޝަނަކީ ވަކިފަރާތަކަށް ނުޖެހޭ މިނިވަން ކޮމިޝަނެއް ނޫން ކޮމަންވެލްތުން ވަނީ ބުނެފަ އެވެ. އަދި އެ ކޮމިޝަން މިނިވަން ތަނަކަށް ހަދަން ކޮމިޝަންގެ އެކުލަވައިލުމަށް ބަދަލު ގެނައުމަށާއި ކޮމިޝަންގެ ޓާމްސް އޮފް ރެފަރެންސް ބަދަލު ކުރުމަށް ވެސް ސީމެގުން ވަނީ ގޮވައިލައިފަ އެވެ.