07 Oct 2023, 11:24
މާލޭ އަމީނީ މަގުގައި ރަސްމީ ވަގުތުތަކާއި، ސްކޫލު ސެޝަންތައް ފެށި، ނިމޭ ވަގުތުތަކުގައި ތޮއްޖެހި ބާރު ބޮޑުވުން އިންތިހާއަށް އިތުރުވާތީ އެ މަގުގައި ވެހިކަލް ޕާކުކޮށް, ނުބޭއްވުމަށް ފުލުހުން އަނެއްކާ ވެސް އިލްތިމާސްކޮށްފިއެވެ.
މާލޭ އަމީނީ މަގަކީ މިހާރު އަލަށް ތާރު އަޅައި ޒަމާނީ ކުރަމުން އަންނަ މަގެކެވެ. އިއްޒުއްދީން މަގާ ގުޅޭ ހިސާބަށް މިހާރު ތާރުއަޅައިފައިވާއިރު އެހާ ހިސާބަށް މަގު އޮތީ އާންމުންނަށް ހުޅުވައި ވެސް ލައިފައެވެ.
އެ މަގު ހުޅުވައިލުމާއެކު މަގުގެ އެއް ފަރާތެއްގައި އެއް ލޭން ބްލޮކްވާ ގޮތަށް ކާރާއި ޕިކަޕު، އަދި ސައިކަލު ވެސް ބަހައްޓައިފައި ހުރެއެވެ. ކައިރި ކައިރީގައި ދެ ލޭން އެކީގައި ބްލޮކްވާހެން ކާރާއި ޕިކަޕު ވެސް ބާއްވައެވެ.
އެ ކަން ބޮޑުވެގެން މީގެ ކުރިން ވެސް ފުލުހުންވަނީ އަމީނީ މަގުގައި ޕާކުކުރުމުގެ މައްސަލަ ބޮޑުވެ އެ ކަން ނުކުރުމަށް އެދިފައެވެ.
ނަމަވެސް އަނެއްކާ ވެސް ފާއިތުވި ދެ ހަފުތާއެއްހާ ދުވަހު ރަސްމީ ގަޑިތަކާއި، ސްކޫލުކުދިންގެ ގަޑި ފެށޭ އަދި ނިމޭ ވަގުތުތަކުގައި އެ މަގުގެ ޓްރެފިކް ބާރު ބޮޑުވާތީ ފުލުހުންވަނީ ވެހިކަލް މަގުގައި ބާއްވައިގެން ނުތިބުމަށް އިލްތިމާސްކޮށްފައެވެ. އަދި މަގުގައި ޕާކުނުކުރުމަށް ވެސް އެދިފައެވެ.
އެގޮތުން "ސަން"އާ ވާހަކަދައްކަވަމުން ފުލުހުންގެ ތަރުޖަމާނު ޔޫނުސް ސޮބާހު ވިދާޅުވީ މަގުގެ ޓްރެފިކް މައްސަލަ ހައްލުކުރުމަށް ޓަކައި ގަވައިދަށް ކަމޭހިތުން މުހިންމު ކަމަށެވެ.
މާލޭ އަމީނީ މަގުގައި ސައިކަލްތަކެއްގައި މަޑުކޮށްގެން -- ސަން ފޮޓޯ/ މުޙައްމަދު ނާއިލް ހަފީޒް
މިހާރު ވެސް ޓްރެފިކް ފުލުހުން މަގު ބަލަހައްޓަމުން އަންނަކަމަށް އޭނާ ވިދާޅުވިއެވެ.
"ނަމަވެސް އަޅުގަނޑުމެން މި ވަގުތު އަދި ފިޔަވަޅު އެޅުން ކުޑަކޮށް މަޑުޖައްސައިލައިގެން މި ތިބީ އަމީނީ މަގު ހެދުމުގެ މަސައްކަތް އެއްކޮށް ނުނިމޭތީ. އެ ކަމު މިހާރު ވެސް އުނދަގޫ ވާގޮތަށް ހުންނަކަން ފާހަގަވާނަމަ އެ ކަން ކުރަން،" ޔޫނުސް ވިދާޅުވިއެވެ.
އަމީނީ މަގުގައި މާލޭގެ ބޮޑު ހަތަރު ސްކޫލެއް ހުރެއެވެ. ހަމައެއާއެކު ރަސްމީ އޮފީސްތައް ވެސް މި މަގުގައި ގިނައެވެ. އެހެންކަމުން މި މަގު ގިނަ ބަޔަކު ބޭނުންކުރެއެވެ.