07 Oct 2023, 10:18
ބޭނުންވަނީ އޯޑިއަންސްއަށް ތަފާތު ފެންނާނެ ކަހަލަ ސްކްރިޕްޓް ތަކުގައި މަސައްކަތް ކުރުމަށް ކަމަށާއި ހަމައެކަނި ހުސްތަން ފުރާލާ ރޯލްތައް ހުށަ ނޭޅުމަށް ބަތަލާ ޝެފާލީ އެދެފިއެވެ.
މިހާތަނަށް ވެސް ޝެފާލީ ކުޅެފައިވާ ކޮންމެ ރޯލަކީ ވެސް އަމިއްލަ އަށް ބޭނުންވެގެން ކުޅެފައިވާނެ ރޯލްތައް ކަމަށް ޝެފާލީ ވަނީ މީޑިއާއަށް ދިން އިންޓަވިއުގައި ބުނެފައެވެ.
ނަމަވެސް ކުރި މަގުގައި ބޭނުންވަނީ ޕްރައިމަރީ ކާސްޓުންގެތެރޭ ހިމެނޭ ރޯލްތައް ކުޅެން އިސްކަން ދިނުމަށް ކަމަށް ޝެފާލީ ވަނީ ބުނެފައެވެ.
ޓެލެވިޒަން ސިނަމާއިން އެކްޓިންގް ފެށި ބަތަލާ ފިލްމީ ދާއިރާއިން ފުރަތަމަ ފެންނަން ފެށީ ސަޕޯޓިންގް ރޯލް ތަކުންނެވެ. އެހެންނަމަވެސް ޝެފާލީގެ އެކްޓިންގް ހުނަރާއެކު ފިލްމުތަކުގެ ނުފޫޒު ގަދަ ރޯލްތަކުން ބަތަލާ ވަނީ ފެންނަން ފަށާފައެވެ.
ޝެފާލީގެ ކެރިއަރުގެ އެންމެ މަގުބޫލު އަދި ކާމިޔާބު މަސައްކަތަކީ ނެޓްފްލިކްސްގެ ވެބް ސީރީސް "ދެއްލީ ކްރައިމް"އެވެ. އިންޑިއާގެ ވެރިރަށް ނިއު ދެއްލީގެ ކުށުގެ ވެށީގައި ހިންގާ ބޮޑެތި ޖަރީމާތައް ގެނެސްދޭ މި ވެބް ސީރީސްގެ ފުރަތަމަ ސީޒަންއިން ޝެފާލީއަށް ވަނީ އޭޝިއަން އެކަޑަމީ އެވޯޑްސްގެ އެންމެ މޮޅު ބަތަލާގެ އެވޯޑު ވެސް ލިބިފައެވެ. ހަމަ އެއާއެކު 2020ވަނަ އަހަރުގެ އިންޓަނޭޝަނަލް އެމީ އެވޯޑްސްގެ އެންމެ މޮޅު ޑްރާމާ ސީރީސްގެ އެވޯޑްވެސް "ދެއްލީ ކްރައިމް"ގެ ފުރަތަމަ ސީޒަންއަށް ވަނީ ލިބިފައެވެ.
"ދެއްލީ ކްރައިމް"ގެ ދެވަނަ ސީޒަންއިން ބަތަލާ ޝެފާލީ ޝާހް ވަނީ މި އަހަރުގެ އިންޓަނޭޝަނަލް އެމީ އެވޯޑްސްގެ އެންމެ މޮޅު ހުށަހެޅުމެއް ދެއްކި ބަތަލާގެ ރޯލަށް ނޮމިނޭޓް ވެފައެވެ.
އިންޑިއާއިން ބޭރު ޤައުމުތަކުން މި ސީރީސްއަށް ލިބެމުން އަންނަ ތަރުހީބާ އެކު ޝެފާލީ އަކީ ބޭރު ޤައުމުތަކުގައި ވަރަށް މަގުބޫލު ބަތަލާ އެކެވެ. ހާއްސަކޮށް ސްޓްރީމް ކޮށްގެން ސީރީސްތައް ބަލާ އޯޑިއަންސްތަކުގެ މެދުގައެވެ.
ފިލްމު "ޖަލްސާ"، "ޑާލިންގްސް"، "ޑޮކްޓަރ ޖީ" އަދި "ދިލް ދަޅަކްނޭ ދޯ" ފަދަ ފިލްމު ތަކުން ފެނިފައިވާ ބަތަލާ ދެކޭ ގޮތުގައި ކެރިއަރާ މެދު ދެކޭގޮތް މުޅިން ބަދަލުކޮށްލީ "ދެއްލީ ކްރައިމް"އެވެ. މި ސީރީސްގެ ތިން ވަނަ ސީޒަން އަކަށް ނެޓްފްލިކްސްއިން ތައްޔާރު ވަމުން އަންނަ އިރު ބައިނަލް އަޤްވާމީ ޕްލެޓްފޯމްތަކުން ލިބެމުން އަންނަ ސަމާލު ކަމާއެކު ސީރީސްގެ ކޮލިޓީއަށް ވެސް ވަރަށް ބޮޑު ބަދަލެއް އަންނާނެ ކަމަށް ޝެފާލީ ވަނީ ބުނެފައެވެ.