މިދިޔަ މަހު ރިލީޒްވި "ޖަވާން"އަށް ލިބެމުން އަންނަ ކާމިޔާބީއާ ގުޅިގެން ޑައިރެކްޓަރު އެޓުލީގެ އަމާޒަކީ، ދެވަނައަށް އުފައްދާ ފިލްމަށް ބޮކްސް އޮފީހުގައި ތިން ހާސް ކްރޯރް ރުޕީސްގެ އާމްދަނީ އެއް ހޯދުން ކަމަށް ބުނެފިއެވެ.

މި ފިލްމަށް ކާސްޓް ކުރަން ބޭނުން ވަނީ ސައުތު ސިނަމާގެ ސުޕަ ސްޓާ ވިޖޭ އާއި ބޮލީވުޑްގެ ކިންގް ޚާން ޝާހްރުކް ކަމަށް ވަނީ ބުނެފައެވެ.

ފިލްމު "ޖަވާން" އަކީ ޑައިރެކްޓަރު އެޓުލީގެ އަލަތު ހިންދީ ފިލްމަށް ވުމުގެ އިތުރުން ޝާހްރުކް ޚާން އާއެކު އޭނާ މަސައްކަތްކުރި ފުރަތަމަ ފިލްމުވެސް މެއެވެ. ނަމަވެސް އެޓުލީ ވަނީ ސައުތު އެކްޓަރު ވިޖޭ އާއެކު މީގެކުރިން ވެސް މަސައްކަތް ކޮށްފައެވެ.

އިންޑިއާގެ ޚަބަރުތައް ގެނެސްދޭ އިންޑިއާ ޓުޑޭ އަށް ދިން އިންޓަވިއުއެއްގައި ވިޖޭ އާއި ޝާހްރުކް ޚާންގެ ތެރެއިން ކޮންމެވެސް އެއް އެކްޓަރެއް ހޮވަން އެދުމުން ޒުވާން ޑައިރެކްޓަރު ބުނީ ދެ އެކްޓަރުން ވެސް ހޮވަން ބޭނުން ކަމަށެވެ.

ފިލްމު "ޖަވާން" އުފެއްދުމުގެ ތެރޭ ޝާހްރުކް ޚާންއާ ވަރަށް ބޮޑަށް ގުޅުން ބަދަހިވެފައިވުމާއެކު ދެ އެކްޓަރުން ވެސް ވަނީ އެޓުލީގެ ދިރިއުޅުމުގެ ވަރަށް މުހިއްމު ބަޔަކަށް ވެފައިކަމަށް އޭނާ ވަނީ ބުނެފައެވެ. އެހެންވެ ޝާހްރުކް އާއި ވިޖޭ ހިމަނައިގެން ފިލްމެއް އުފައްދަން ބޭނުން ކަމަށާއި ބޮލްކްބާސްޓާ އެއްގެ ރެސިޕީ އަކީ އެ ދެ އެކްޓަރުން ކަމަށް އެޓުލީ ވަނީ ބުނެފައެވެ.

އެޓުލީ އަކީ ބޮލީވުޑަށް މުޅިން އާ ޑައިރެކްޓަރަކަށް ވެފައި ފިލްމު "ޖަވާން" ޝާހު ހުށަހެޅުމާއެކު ފިލްމަށް އެއްބަސްވީ އެޓުލީ އަށް އޮތް އިތުބާރެއްގެ ބޮޑުކަމުން ކަން ދެކޭ ކަމަށް 37 އަހަރުގެ ޑައިރެކްޓަރު ވަނީ ބުނެފައެވެ.

މި ފިލްމަށް ލިބުނު ޖުމްލަ އާމްދަނީގެ އަދަދު އެއްހާސް ކްރޯރް ރުޕީސް އަށް އަރާފައިވާއިރު ފިލްމު "ޖަވާން"އާއެކު ތިއޭޓަރުތަކަށް ފިލްމު ބަލަން ވަންނަ މީހުންގެ ޢަދަދު އިހުނަށްވުރެ ބޮޑަށް އިތުރުވި ކަމަށް އެޓުލީ ވަނީ ބުނެފައެވެ.

އިތުރު ފިލްމެއްގެ މަސައްކަތް ފަށަން އަދި ވިސްނާފައި ނުވާ ކަމަށް ބުނަމުން އެޓުލީ ބުނީ މިވަގުތު ބޭނުން ވަނީ "ޖަވާން" ގެ ކާމިޔާބީ އާއެކު ދުވަސްކޮޅެއް ހޭދަކޮށްލަން ކަމަށެވެ.