07 Oct 2023, 11:57
"އަރުޝާ ބުނީ ދޭބަލާށޯ ކަނަމަދު ހޮވަން... އެދިމާލުގަ ވެއްޖެ..." އާޔަތު އިޝާރާތްކުރީ ވަލާއި ދިމާއަށެވެ.
********
ނިޔަމް ހިނގައިގަތް މަންޒަރު ބަލަން ހުރި އާޔަތުގެ ތުންފަތުގައި ދުވެލީ ކާމިޔާބީގެ ހިނިތުންވުމެކެވެ. އޭނާ ލޮލުގެ އިޝާރާތުން ސޮބާހަށް ނިޔަމް ދިޔަ ދިމާ ދައްކައިލިއެވެ. ސޮބާހު ހުރީ އާޔަތުގެ އިޝާރާތަކަށް ބަލަބަލައެވެ. ދެކޮޅު ހޯދައި ބަލައިލުމަށްފަހު، ވަގުތުން ނިޔަމްގެ ފަހަތުން ހިނގައިގަތެވެ.
"ޔަމް..." އަރުޝާއަށް ނިޔަމް ފެނުނީ ވަލަށް ވަންނަނިކޮށެވެ. އޭނާ ދެތިން ފަހަރަކު ގޮވާލި ނަމަވެސް، ނިޔަމްއަށް އަޑު އިވޭގޮތެއް ނުވިއެވެ. ނިޔަމްގެ ފަހަތުން ވަލަށް ވަން ސޮބާހް އަރުޝާއަށް ފެނުނީ ފުރަގަހުންނެވެ.
އަރުޝާ ހިފައިގެން ހުރި ފޮށިގަނޑު ތިރީގައި ބަހައްޓާފައި ނިޔަމްގެ ކައިރިއަށް ދާން އުޅުނެވެ.
"ފިލައިގެންދޯ ތިއުޅެނީ؟..." ޝަރަފްގެ އަޑަށް އަރުޝާ ދިޔައީ ސިއްސައިގެންނެވެ. ފޮށިގަނޑު ބަހައްޓަން ގުދުވެގުދުވެ ހުރެފައި އަވަހަށް ހަށިގަނޑު ސީދާކޮށްލިއެވެ. "އަހަރެންގެ އިންވިޓޭޝަން ގަބޫލުކޮށް، މިތަނަށް އައީތީ ތޭންކްސް..."
"އަހަރެންގެ ބެސްޓް ފްރެންޑާ އެއްގޮތަކަށްވެސް އެކަށީގެންވާ މީހެއް ނޫން ތީކީ..." އަރުޝާ ފުސްމޫނު ހަދައިލިއެވެ. "އަދި ބުނެލަން... އަހަރެން މިއައީ އަހަރެންގެ ބެސްޓީ އަންނާތީ އޭނަޔާ އެކީ... އޭނަޔަށް ތިމީހާ ހަދާލަފާނެގޮތެއް ނޭނގޭތީ ކޮންމެހެން އަންނަން މަޖުބޫރުވެގެން..."
"ވަރަށް ބަރުތަ؟... ގެނޭ ހިފައިދޭނަން..." ޝަރަފް އުޅުނީ އަރުޝާގެ އަތުން ފޮށިގަނޑު އަތުލާށެވެ.
ޝަރަފަށްވުރެ ބާރަށް އަރުޝާ ފޮށިގަނޑުގައި ހިފެހެއްޓިއެވެ. ދެމީހުން ފޮށިގަނޑުގެ ދެފަރާތުގައި ހިފައިގަނެގެން އުޅުނު މަންޒަރު ބަލަން ޒައިލް ހުރީ ވާނުވާ ނޭނގިފައެވެ. އަރުޝާ ކުއްލިއަކަށް ފޮށިގަނޑުން އަތް ދޫކޮށްލިއެވެ. ޝަރަފް ފޮށިގަނޑާއިއެކު، ވެލިގަނޑުގެ މައްޗަށް ވެއްޓުނެވެ. ފޮށިގަނޑުގައި ހުރި ތަކެތި ބަންޑުންވީ ޝަރަފްގެ ގަޔަށެވެ. ޒައިލް އަވަހަށް ދާވިއަންގެ ލޯމަތީގައި އަތް އެޅިއެވެ.
"ޔަމްގެ ލައިފަށް ކީއްކުރަން، އެ ގެ ހުންނަ ހިސާބަށް ވައި އެޅިލިޔަސް ތިއަށްވުރެ ބޮޑުވަރު ކޮށްލާނަން..." އަރުޝާ އިންޒާރު ދީފައި އެތަނުން ދިޔައެވެ.
"ތީ ކޮން ކަމެއް؟..." ޒައިލް ހެމުން ހެމުން ޝަރަފަށް އަތް ދިއްކޮށްލިއެވެ.
އަނގައިން ވެލި ފޮޅަމުން ޝަރަފް ދެލޯ ހުޅުވައިލިއެވެ. ފޮށިގަނޑުގައި ހުރި ހަވާދު ތަށިތަކުން ބައެއް ތަށިތަކުގެ މަތި ނެއްޓިގެން، ޝަރަފްގެ މުޅި ގަޔަށް އޮތީ ބަންޑުންވެފައެވެ.
"ކޮންތާކުން ހޯދި މަންޖެއެއްތަ އެއީ؟... އޭނަޔާ އިނދެގެން ދަރިއަކު ލިބުނޭ ބުނީމަ ހަމަ އަޖައިބުވޭ..." ޒައިލްގެ އަތުގައި ހިފައިގެން ތެދުވަމުން ޝަރަފް ބުންޏެވެ. "ކަލެއަށް އެނޫން މަންޖެއެއް ނުލިބުނީ؟... ތިދެމީހުން ގުޅުވަން ހަދައިގެން ހުރިހާ ހިތާމައެއް އަހަންނަށް މިލިބެނީ..."
"ކީކޭ ތި ކިޔަނީ؟..." ޒައިލް ހުރީ ވާނުވާ ނޭނގިފައެވެ.
"ވަރުގަދަ އެކްސްވައިފެއް ލިބިފަ ހުރި މީހެއްތީ... ކަލޭގެ އެކްސްވައިފް ނޫން މީހެއްގެ ވާހަކަ ދެއްކޭނެތަ؟... މަށަށް ހީވަނީ މިވަރުން ދަންޏާ، މަ ވަރަށް އަވަހަށް އަންހެންކުދިންދެކެ ފޫހިވެދާނެހެން..." ހަވާދު އެޅިފައި އޮތް ޓީޝާޓު ބާލަމުން ޝަރަފް ބުންޏެވެ. "ނަސީބެއް އެހެން ޓީޝާޓުގަނޑެއްވެސް ގެނެވުނުކަން..."
"އެމަންޖެގެ ވާހަކަތަ ތިކިޔަނީ؟..." ޒައިލް އިޝާރާތްކޮށްލީ އަރުޝާ ދިޔަ ދިމާއަށެވެ. " އެއީ ޏަމްގެ ބެސްޓް ފްރެންޑް... އަރުޝާ..."
"ވަޓް..." ޝަރަފް ދެލޯ ބޮޑުކޮށްލަމުން އަރުޝާއަށް ބަލައިލިއެވެ.
********
ވަލުތެރެއަށް ވަދެގެންދިޔަ ނިޔަމް އަރުޝާއަށް ގޮވިއެވެ. މިދިލިގަހެއް ފެނޭތޯ އޭނާ ކުޑަކޮށް އެތެރެއަށް ވަނެވެ. އަރުޝާގެ ހިލަމެއް ނުވުމުން، ނިޔަމް އުޅުނީ ވަލުން ނުކުންނާށެވެ. އެވަގުތު ގަސްތަކުގެ ތެރެއިން އެއްޗެއް ހެލިލި އަޑު އިވުނެވެ. ނިޔަމްގެ ހިތުގައި ބިރުވެރިކަން އުފެދުނެވެ. ލޮލުގެ ހިމަކޮޅުން ދެފަރާތް ބަލަމުން އޭނާ އެނބުރި އައިކޮޅަށް ހިނގައިގަތެވެ. ވަކި ހިސާބަކަށް ގޮސްފައި ނިޔަމް ދުއްވައިގަތެވެ. ފަހަތުން އެއްޗެއް އަންނަހެން ނިޔަމްއަށް ހީވިއެވެ. ޔަގީނުންވެސް މުރަނަވެފައިވާ ފަތްތަކާއި އޮފިކޮޅުތައް މުގުރޭ އަޑު އިވެއެވެ. ދުވަމުންދިޔައިރު، ނިޔަމްގެ ހިތް ހީވަނީ ބިރުންގޮސް ބޭރަށް ފުންމައިލަން އުޅޭހެންނެވެ.
ނިޔަމްގެ ފަހަތުން ދުވަމުން އައި ސޮބާހްގެ ފިޔަވަޅުތައް ހުއްޓުނީ، އޭނާގެ ކުރިމައްޗަށް އެރި ލޫކް ފެނުމުންނެވެ. އޭރު ނިޔަމް ދުވެފައި ވަލުން ނުކުމެއްޖެއެވެ. ސޮބާހްގެ މޫނުން ހާސްކަން ފެނުނު ނަމަވެސް އޭނާ އިސާހިތަކު ހަމަޖެހިލިއެވެ. ލޫކް ކުއްލިއަކަށް ސޮބާހުގެ އަތުގައި ހިފެހެއްޓިއެވެ.
"މިތާ ކީއްކުރަނީ؟...." ލޫކްގެ އަޑުގައިވަނީ ހަރުކަށިކަމެވެ.
"ކިހިނެއްވީ؟... މީ ވަކި މީހަކު އަންނަން ހާއްސަކޮށްފަ ހުރި ތަނެއްތަ؟..." ލޫކްގެ އަތް ފޮޅުވައިލަމުން ސޮބާހް ހީގަތެވެ. ސޮބާހް އުޅުނީ ލޫކްގެ ކުރިމަތިން ދުރަށްދާށެވެ. ލޫކް ކުރިބެއްދިއެވެ.
"އަހަންނަށް އެނގޭ ކުރަން ތިއުޅޭ ކަމެއް..." ސޮބާހުގެ ލޮލާއި ހަތަރުކަޅި ހަމަކުރަމުން ލޫކް ބުންޏެވެ.
"ތިއުޅެނީ އަހަރެންގެ ބޮލުގަ އިލްޒާމެއް އަޅުވަންތަ؟..." ސޮބާހް ރުޅި އައިސްފައި މޭދިއްކޮށްލިއެވެ.
"އެ އަންހެންކުއްޖާގެ ގައިގަ އިނގިލިކުރި ޖައްސާލިޔަސް ނިމުނީ... ހަނދާންކުރާތި!..." ސޮބާހްގެ މޭގައި އަޅައި، ކޮށްޕައިލަމުން ލޫކް އަމުރުކުރިއެވެ.
ލޫކް ދިޔަ މަންޒަރު ބަލަން ހުރި ސޮބާހްގެ ނޭވާ ވަނީ އަވަސްވެފައެވެ. ރުޅި އައިސްގެން ގޮސް އޭނާގެ ދެލޮލަށް ކަރުނަ ޖަމާވިއެވެ. އެނޫނީ ދުވަހަކުވެސް ސޮބާހް ކުރަންއުޅުނު ކަމަކަށް ހުރަސްއެޅިފައެއް ނެތެވެ. ސޮބާހް އައި ރުޅީގައި ބިންމަތީގައި އޮތް ކާށީގައި ފައިންޖެހިއެވެ.
"ތިކުޅެވުނީ އަލިފާނާ..." ސޮބާހް ދަތްކުނޑި ވިކައިލިއެވެ.
********
ދުވެފައި ދިޔަ ނިޔަމްއަށް ރަނގަޅަށް ނޭވާވެސް ނުލެވެއެވެ. އޭނާއަށް ޒައިލް ފެނުނީ އެދިމާއަށް އަންނަނިކޮށެވެ. ނިޔަމް ގޮސް ޒައިލްގެ ގައިގައި ބައްދައިލިއެވެ. ގަނެފައިވާ ބިރެއްގެ ސަބަބުން، ވަށައިގެން ތިބި މީހުންނާއިމެދުގައިވެސް އޭނާއަށް ވިސްނައެއް ނުލެވުނެވެ. އަރުޝާ އާއި ޝަރަފްވެސް ހުރީ ހަރަކާތް ހުއްޓިފައި އެމަންޒަރު ބަލާށެވެ.
"ކިހިނެއްވީ؟..." ޒައިލް ހާސްވެފައި ސުވާލުކުރިއެވެ. ބޭއިހުތިޔާރުގައި އޭނާއަށް ނިޔަމްގެ ގައިގައި ދެއަތް ވަށައިލެވުނެވެ.
"އެތާ އެތާ... އެއްޗެއް..." ނިޔަމްއަށް ރަނގަޅަށް ވާހަކަވެސް ނުދެއްކުނެވެ.
"ޏަމް!..." ޒައިލް ވަރަށް ލޯބިން ގޮވައިލިއެވެ. "އަހަރެން މިހުރީ ޏަމްއާ އެކީއޭ... ޏަމްއަށް އެއްވެސް ކަމެއް ނުވާނެ..." ނިޔަމް އައި ދިމާއަށް ޒައިލް ނަޒަރު ހުއްޓައިލިއެވެ. ތަފާތު ކަމެއް ނުފެނުނެވެ.
ޒައިލް ދެއްކި އެއްވެސް ވާހަކައަކުން ނިޔަމްގެ ހިތުގެ ތެޅުމަކަށް ބަދަލެއް ނައެވެ. އޭނާގެ ހިތް ވަނީ އަވަސްވެފައެވެ. ވަލުތެރެއިން ފަތްތައް މުގުރޭ އަޑު އޭރުވެސް އިވޭހެން ނިޔަމްއަށް ހީވިއެވެ.
ނިޔަމް އިޝާރާތްކުރި ދިމާއިން ލޫކް ނުކުތީ ޒައިލް ބަލަން ހުއްޓައެވެ. ކަންތައް ވީގޮތް ޒައިލްއަށް ކޮންމެވެސް ވަރަކަށް ފަހުމުވިއެވެ. ޒައިލްގެ ދެއަތް މުށްކެވުނެވެ. ލޭ ކެކެން ފެށިއެވެ. އަރުޝާއާއިއެކު ނިޔަމް ދިޔުމުން، ޒައިލް އެދިޔަ ބާރުމިނުގައި ލޫކް ގޮވައިގެން މީހުންގެ ނަޒަރުން ދުރަށްދިޔައެވެ.
"ހީނުކުރައްޗޭ ޏަމްގެ އެއްވެސް މީހަކު ނެތޭ..." ޒައިލް ދަތްކުނޑި ވިކައިލިއެވެ. "އަހަރެން ދުނިޔޭގަ ހުރިހާ ދުވަހަކު އޭނަ ހިމާޔަތްކުރާނަން..."
ލޫކް ގަދަކަމުން ކަހަލަގޮތަކަށް ޒައިލްގެ އަތް އޭނާގެ ގަމީހުން ނައްޓުވައިލިއެވެ. ޒައިލްގެ ވާހަކައަށް ރައްދު ދޭކަށް ލޫކް ބޭނުމެއް ނުވިއެވެ. އޭނާ އެތަނުން ދާން ހިނގައިގަތުމުން، ޒައިލް ހިފެހެއްޓިއެވެ. ލޫކަށް އޭނާގެ އިހުސާސްތައް ހިފެހެއްޓުންވީ އުނދަގޫ ކަމަކަށެވެ. ނިޔަމްއާއިމެދު ކަންތައްވީގޮތުން އޭނާގެ ސިކުނޑި ސުމަކަށް ގޮސްފައި ހުރި އެ ދަނޑިވަޅުގައި އިތުރު ކަމަކާއި ކުރިމަތިލާނެ ހިތްވަރެއް އޭނާގެ ނެތެވެ. ލޫކްގެ ކެތްތެރިކަން ކޮޅުންލުމުން، އޭނާ އެފަހަރު ޒައިލްގެ މޫނުމަތީގައި ގޮށްމުށުން ޖެހިއެވެ. ނިޔަމްއަށް އާދެވުނުއިރު، ދެމީހުން އުޅެނީ އެކަކު އަނެކަކުގެ ގައިގައި ހިފައިގަނެގެންނެވެ. އެކަކު އަނެކެއްގެ މެދުގައިވި ނުތަނަވަސްކަން ދެމީހުންމެ ބޭރުކުރަމުން ދިޔައީއެވެ. އަނެއް މީހާގެ ކުށެއް ނެތްކަން އެނގޭ ހާލުގައިވެސް މެއެވެ. ދެމީހުންނަށް ކުރެވެމުން ދިޔައީ، ނިޔަމްއަށް ހިމާޔަތާއި ރައްކާތެރިކަން ނުދެވުމުން ކުރެވޭފަދަ ކުށްވެރިކަމުގެ އިހުސާސެކެވެ. ދެމީހުން ހުއްޓުވަން ނިޔަމް މެދަށް ވަންއިރު، ދާވިއަން ގޮވައިގެން އަރުޝާ ހިނގައިގަތީ އެތަނުން ދުރަށެވެ.
"ސްޓޮޕް އިޓް..." ނިޔަމް ހަޅޭއްލަވައިގަތެވެ.
ދެ ކުޑަކުދިން ފަދައިން ޒައިލްއާއި ލޫކް ހިމޭންވިއެވެ. ވަގުތުން އިސްޖަހައިލިއެވެ. ކުރެވުނު ކަންތައް އިހުސާސްވިއިރު، ވަގުތު ފާއިތުވެއްޖެއެވެ. ދެމީހުންގެ މޫނާއި މުޅި ގައިގައި ވެލި ހުއްޓެވެ. ބޮލުގެ އިސްތަށިގަނޑުގައި ތަރުތީބެއް ނެތެވެ. ހީވަނީ ހާލުގައި ޖެހިފައި ތިބި ދެމީހުން ހެންނެވެ. ޒައިލްގެ މޫނުގައި ހަލާކުވެފައިވާ ތަންކޮޅުން ވަނީ ލޭހިލިފައެވެ. އެހުރިހާ މަންޒަރެއް ބަލަން ހުރި ނިޔަމް ދޫކޮށްލީ ފުން ނޭވާއެކެވެ. ހަށިގަނޑުގައި އެއްވެސް ވަރެއް ނެތް މީހަކު ފަދައިން ނިޔަމް އިސްޖަހައިލިއެވެ. އޭރު އޭނާގެ ލޮލަށް ކަރުނަ ޖަމާވެއްޖެއެވެ. ދިރިއުޅުމުގެ އެކި ކަންކަމާއި ހަނގުރާމަކޮށްކޮށް އޭނާ ވަރުބަލިވެއްޖެއެވެ. އިތުރު ކަންތައްތަކާއި ކުރިމަތިލާނެ ހިތްވަރެއް މިއަދު އޭނާގެ ގަޔަކު ނެތެވެ.
"ޏަމް...." ޒައިލް ގޮވައިލިއެވެ.
"ގޮވާނެ ކަމެއް ނެތް... ތަޅާފޮޅާ... ހުއްޓާނެކަމެއްވެސް ނެތް..." ނިޔަމް ހިތްހަމަނުޖެހިގެން އެތަނުން ދިޔުމަށް ހިނގައިގަތެވެ.
ޒައިލް ނިޔަމްގެ ފަހަތުން ހިނގައިގަތްއިރު، ލޫކް ހުރިގޮތަށް ހުރީއެވެ. ނިޔަމްގެ ދިރިއުޅުމުން އޭނާއަށް ޖާގައެއް ދެވެން ނެތްކަން އެނގޭއިރުވެސް އޭނާގެ ހިތް ނިޔަމްއަށް އެދެވެނީއެވެ. ދުރަށްދާން އޭނާއަށް އުނދަގުލެވެ. ނިޔަމްގެ ކައިރީގައި ހުރެ، ހިމާޔަތާއި ރައްކާތެރިކަން ދޭން އޭނާ ބޭނުންވެއެވެ. އެކަމަކު، ނިޔަމް އުޅޭގޮތުން އޭނާއަށް އެފުރުސަތު ނެތްކަން ލޫކަށް އެނގެއެވެ. ނިޔަމް ހިތްހަމަނުޖެހުމުން ލޫކްގެ ހިތަށް ތަދުވިއެވެ. ކުރެވުނު ކަންތަކާއިމެދު ވިސްނި، ސިކުނޑި ސުމަކަށް ދިޔައެވެ. އެއީ ދުވަހަކުވެސް ލޫކް އުޅުނުގޮތެއް ނޫނެވެ. ލޯބި ހަމަ ރަނގަޅަށްވެސް އޭނާ މޮޔަކޮށްލައިފިއެވެ.
"ޏަމް ވެއިޓް..." ޒައިލް ދުވެފައި ގޮސް ނިޔަމްގެ އަތުގައި ހިފެހެއްޓިއެވެ.
"އަންނާނެކަމެއް ނެތް... ދޭ، ގޮސް މީހުންގެ ގައިގަ ޖަހާ..." ނިޔަމް ހުރީ ހިތްހަމަނުޖެހިފައެވެ.
"ސޮރީ..." ޒައިލް ކުޑަކުއްޖެއްހެން މާފަށް އެދުނެވެ. "ދެން އެހެން ނޫޅޭނަން..."
"ޕޮލިހުން އުޅޭ ފާޑެއްވެސް ނޫނޭ..." ޒައިލްގެ އަތް ފޮޅުވައިލަމުން ނިޔަމް ބުންޏެވެ.
"ސޮރީއޭ ޏަމްޏަމް..." ޒައިލް މައުސޫމުގޮތަކަށް އެހެން ބުނެލާފައި، ނިޔަމްގެ ފުރަގަހުން ބައްދައިލިއެވެ.
ނިޔަމްގެ ހިތުގެ ހިނގުން މަޑުޖެހިލިއެވެ. އައިސްފައިވާ ރުޅި ފިނިވި ގޮތްވެސް އޭނާއަށް ނޭނގުނެވެ. ޒައިލްގެ ކޮންމެ އަދާއަކުން އޭނާގެ ހިތާއި ކުޅެލަނީ ޖާދުވީ ގޮތަކަށެވެ. ނިޔަމްއަށް އަމިއްލަ ހިތުގެ މައްޗަށް ބާރެއް ނުފޯރުވެއެވެ. ޒައިލްދެކެ އޭނާ އަދިވެސް އިންތިހާއަށް ލޯބިވެއެވެ. ދެމީހުން އެކުގައި ގޮސް އިށީނީ ރާޅުފަށުގައެވެ. މީހުންގެ ހިލަމެއް ނުވާހާ ދުރުގައެވެ. ވެލިގަނޑަށް ބީއްސާލާ ރާޅުގެ އަޑު ފިޔަވާ އިތުރު އަޑަކަށް އިވެމުން ދިޔައީ، ތަންކޮޅެއް ދުރުން އިވެމުންދިޔަ ދޫނިތަކުގެ އަޑެވެ.
(ނުނިމޭ)