07 Oct 2023, 09:48
ޝާހްރުކް ޚާންގެ ދޮށީ ދަރިފުޅު އަރްޔަން ޚާން ލިޔެ ޑައިރެކްޓް ކުރާ ވެބް ސީރީސް "ސްޓާޑަމް"ގެ ކާސްޓަށް ބަތަލާ މޯނާ ސިންގް ހޮވާފައިވާ ކަމަށް ރިޕޯޓުތަކުން ބުނެފިއެވެ.
މި ވެބް ސީރީސްގެ ފަރާތުން ވާހަކަދެއްކި ފަރާތަކުން މޯނާ ސިންގް "ސްޓާޑަމް"އާ ގުޅުނު ކަން ކަށަވަރު ކޮށްދީފައިވާއިރު ސީރީސްގެ ފުރަތަމަ ޝެޑިއުލް މޯނާ ނިންމާފަ ވާކަމަށްވެސް އެ ފަރާތުން ވަނީ މީޑިއާ ރިޕޯޓުތަކުގައި ބުނެފައެވެ.
މި ވެބް ސީރީސް އަކީ އަރްޔަން ޚާންގެ ފުރަތަމަ ޑައިރެކްޝަނަށް ވެފައި "ސްޓާޑަމް"ގެ ކާސްޓުންގެ ރޯލް ތަކާ ބެހޭ ތަފުސީލުތައް ވަނީ ވަރަށް ބޮޑަށް ސިއްރު ކުރެވިފައެވެ.
މީޑިއާ ރިޕޯޓަރުންގެ ލޯތައް އަރްޔަންއަށް އަމާޒުވެފައި ވާއިރު ސީރީސްގެ އެއްވެސް ތަފްސީލެއް ޢާއްމުވިޔަ ނުދިނުމަށް އަރްޔަން ވެސް ވަނީ ސަލާމަތީ ފިޔަވަޅު އަޅާފައެވެ. މިހާތަނަށް މީޑިއާއަށް އެނގިފައިވާ މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށް އެނގޭ ކަމަކީ، މި ސީރީސްގެ ވަރަށް ހާއްސަ ފެނިލުމަކުން އަރްޔަންގެ ބައްޕަ އެކްޓަރު ޝާހްރުކް ޚާން، ރަންބީރު ކަޕޫރު، ކަރަން ޖޯހަރު އަދި ރަންވީރު ސިންގް ފެންނާނެ ކަމެވެ.
ހަ އެޕިސޯޑުގެ މައްޗަށް ބިނާކޮށްގެން އުފައްދާމި ވެބް ސީރީސް އަކީ ބޮލީވުޑް ފިލްމު އިންޑަސްޓްރީގެ ގިނަ ވާހަކަ ތަކެއް ކިޔައިދޭނެ ސީރީސް އެކެވެ.
"ސްޓާޑަމް" ފައިނަލް ސެގްމެންޓުގެ ވަރަށް ބޮޑު ބައެއް މުމްބާއިގައި ހުންނަ ނަރީމަން ކަލްޗަރަލް ސެންޓަރުގައި ޝޫޓް ކުރުމަށް ވަނީ ނިންމާފައެވެ.
ޓެލެވިޒަން ސީރީސް 'ޖެސީ ޖެސީ ކޮއި ނެހީ' އިން ބޮޑު މަގުބޫލު ކަމެއް ހޯދި ބަތަލާ މޯނާ ސިންގް އަކީ، ޓީވީ ސިލްސިލްތާކުގެ އިތުރުން ފިލްމުތަކުން ވެސް ފެނިފައިވާ ބަތަލާ އެކެވެ. މޯނާ ސިންގް އެންމެ ފަހުން ފެނިފައި ވަނީ ދާދިފަހުން ސްޓްރީމް ކުރަން ފެށި ސީރީސް "ކަފަސް" އަދި "މޭޑް އިން ހެވަން 2" އިންނެވެ.