14 May 2012, 11:48
އެމްޑީޕީގެ ސިޔާސީ ހަރަކާތްތައް ކުރިން ކުރިއަށް ގެންދިޔަ ލޮނުޒިޔާރާތްކޮޅު ކޭމްޕާ ހިލާފަށް މިހާރު އެ ހަރަކާތްތައް އޮންނަ އުސްފަސްގަނޑަށް ދޭތެރެ ދޭތެރެއިން އަރަން ޖެހެ އެވެ. އުސްފަސްގަނޑުގެ ބޮޑުތަކުރުފާނު މަގާ ދިމާއަށް ހުންނަ ގަހެއްގައި އެލުވާފައިވާ ކާޅު ކޮއްޓެއް ހުރެ އެވެ. ކާޅަކީ ކޮށީގައި ބަންދުކޮށްގެން މީހުން ގެންގުޅޭ ދޫންޏެއް ނޫނެވެ.
އުސްފަސްގަނޑުގެ ކާޅުކޮށީގައި ހަތަރު ކާޅު އިނދެ އެވެ. އެ ސަރަހައްދުގެ ގާޑިޔަލެއް ކައިރިއަށް މީހުން ޖަމާވާ ވަރަށް އެ ސޮރުމެނަށް ސަމާލުކަން ދީގެން މީހުން މަޑުކޮށްލައިގެން ތިބެ އެވެ. ކާޅަކީ ޒާތުގައި ވެސް އެއީ ހަލަނި ދޫންޏެކެވެ. އަޑުގަދަ ދޫންޏެވެ. ނަމަވެސް އުސްފަސްގަނޑުގެ ކޮށީގައި ތިބި ހަތަރު ކާޅު އަޑެއް ބަޑެއްވެސް ލައްވައި ނުލަ އެވެ. "ކާ.. ކާކާ" އޭ ގޮވައިވެސް ނުލަ އެވެ. ނަމަވެސް ކޮށި ބަހައްޓާފައި ބަޔަކު ވަނީ އެ ކާޅުތައް ވަގަށް ގެންގޮސްފަ އެވެ.
އުސްފަސްގަނޑުގައި އެމްޑީޕީގެ ހަރަކާތްތައް ތަރުތީބުކުރުމުގައި އުޅޭ މީހަކު ބުނީ ކާޅުކޮއްޓެއް އުސްފަސްގަނޑަށް ގެނައި ކުޅުދުއްފުށިން ކަމަށެވެ. އުސްފަސްގަނޑަށްދާ އެމްޑީޕީގެ މީހުން، ބަންދުކޮށްގެން އުޅުނު ކާޅުތައް ސިފަކުރަނީ ސަރުކާރާ އިއްތިހާދުވެފައިވާ ބައެއް ސިޔާސީ ބޭފުޅުންގެ ގޮތުގަ އެވެ. އެމީހުން ނަންތަކެއް ވެސް ކިޔަ އެވެ.
"ކާޅަކީ އޭގެ ޒާތުގައި ވެސް ލަދެއް ހަޔާތެއް ނޯންނަ އެއްޗެއް. ޖަހައިގަނެފާނެ ހަމަ ކޮންމެ އެއްޗެއްވެސް، އެއްވެސް ހަމައެއް ލަމައެއް ނޯންނާނެ،" އުސްފަސްގަނޑުގައި އެމްޑީޕީ މީހަކު ކާޅު ކޮށީގެ ވާހަކަތައް ކިޔައިދެމުން ބުންޏެވެ. "ކާޅުތައް ވަގަށް ގެންދިޔައަސް އަދި ކޮއްޓަށް ކާޅުލާނެ،"
އުސްފަސްގަނޑުން ދެން އަޅައިގަތީ ގަހެއްގައި ހަރުކޮށްފައި ހުރި ރީނދޫ ބޯޑެކެވެ. އެއީ އިންޒާރެއް ފަދަ ނޯޓިހެކެވެ. އެބޯޑުގައި ލިޔެފައި ވަނީ " ކެތްތެރިކަމުގެ ނިމުން ކައުންޓްޑައުން ފަސް ދުވަސް!" މިހެންނެވެ. އޭގެ ހަގީގަތް ކިޔައިދޭ މީހުން ވެސް ވަރަށް ގިނަ އެވެ. ދެމީހަކު އެއްގޮތަކަށް ނުކިޔަ އެވެ.
އުސްފަސްގަނޑުގެ ކާޅުކޮށީގެ އިތުރުން އެތަނުން އަޅައިގަންނަ އަނެއް ކަމަކީ އަބަދުވެސް މީހަކު ހައްޔަރު ވެގެން އޮންނަ އަނދަގޮޑިއެކެވެ. ކުރީ ޒަމާނުގައި ހައްޔަރުކުރާ މީހުންނަށް އަދަބު ދިނުމުގެ ގޮތުން ބޭނުން ކުރަން ގެންގުޅޭ ޒާތުގެ އެ އަނދަގޮޑިއަކީ އެމްޑީޕީގެ މެންބަރުން އަމިއްލައަށް ހަދައިގެން އުސްފަސްގަނޑަށް އަރުވާފައިވާ އަނދަގޮނޑިއެކެވެ.
އެމްޑީޕީގެ ލޮނު ޒިޔާރާތްކޮޅު ކޭމްޕުގައި ތަރުތީބު ކުރެވުނު އާދާޔާ ހިލާފު ޖަގަހަތަކާއި ހަރަކާތްތަކުގެ ފެންވަރުގައި ނޫނަސް އުސްފަސްގަނޑު ސަހަލައެއް ނޫނެވެ. އުސްފަސްގަނޑަކީ މަގުބޫލު ތަނަކަށް ހެދުމަށް ޕާޓީގެ ސަޕޯޓަރުން ވަނީ މަސައްކަތްތަކެއް ކޮށްފަ އެވެ.
އެގޮތުން ބޮޑުތަކުރުފާނު މަގާވީ ފަޅީގެ ގަސްތަކުގައި ރީނދޫ ކުލައިގެ އުނދޯލިތައް ވަނީ އެލުވާލާފަ އެވެ. ޖަލްސާތަކުގައި ބައިވެރިވާ މީހުންނަށް އިށީނދެވޭ ގޮތަށް ދަނގަނޑު ބޭނުންކޮށްގެން ދިގު ގޮނޑިބަރިތައް ވަނީ ޖަހާފަ އެވެ. މިވަގުތު ކާޅު ނެތަސް ރީނދޫ ކުލައިގެ އުސްފަސްގަނޑުން އެންމެ އަޅައިގަންނަނީ ކާޅު ކޮއްޓެވެ.