ސިނަމާލެ ބްރިޖުގައި މިއަދު ހަތަރު ކާރެއް އެކްސިޑެންޓުވުމުގެ ސަބަބުން އުފެދުނު ޓްރެފިކް ބްލޮކް ހައްލުވެފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ބްރިޖު ހައިވޭގެ، މާލެއިން ހުޅުމާލެއަށް ދަތުރުކުރާ ފަޅީގައި ހަތަރު ކާރު ޖެހި އެކްސިޑެންޓުވުމާ ގުޅިގެން ފުލުހުން ވަނީ ހަރަކާތްތެރިވެފައެވެ. އެ އެކްސިޑެންޓުގެ ސަބަބުން ޓްރެފިކް ބަންދުވެ، ހުޅުމާލެއަށް ދަތުރުކުރި ގިނަ ބަޔަކު ގަޑިއިރަކަށް ވުރެ ގިނައިރު ޓްރެފިކުގައި މަޑު ކުރަން ވަނީ ޖެހިފައެވެ.

ފުލުހުން މިރޭ ބުނީ، އެ އެކްސިޑެންޓުގެ ސަބަބުން އުފެދުނު ޓްރެފިކް ބްލޮކް މިހާރު ހައްލު ކުރެވިފައިވާ ކަމަށެވެ. އަދި، އާންމުން އެ ކަމުގައި ދެއްވި އެއްބާރުލުމަށްޓަކައި ފުލުހުން ވަނީ ޝުކުރު އަދާކޮށްފައެވެ.

މިއަދުގެ އެކްސިޑެންޓުގައި އެކަކަށް އަނިޔާވެ ހުޅުމާލޭ ހޮސްޕިޓަލުގައި މިހާރު ފަރުވާ ދެމުންދާ ކަމަށް ވެސް މައުލޫމާތު ލިބެެއެވެ. ނަމަވެސް، އޭނާއާ ބެހޭ މައުލޫމާތެއް ފުލުހުން ހިއްސާ ކޮށްފައެއް ނުވެއެވެ.

އެ ސަރަހައްދުގައި ހުރި މީހަކު ކިޔައިދިން ގޮތުގައި 100އެއްހާ ކާރުގެ ދިގު ކިޔޫއެއް ބްރިޖާއި ހައިވޭގައި މިއަދު ހަދައިފައި އޮތެވެ. އެކަމުގެ ސަބަބުން ދަތުރުފަތުރުކުރުމުގައި ގިނަ ގޮންޖެހުންތަކެއް ކުރިމަތިވި ކަމަށް ކިޔައިދިނެވެ.