06 Oct 2023, 18:52
އެމެރިކާގެ މޭޖާ ލީގް ސޮކާ (އެމްއެލްއެސް)ގެ ދެ އެވޯޑަކަށް އިންޓަ މަޔާމީގެ އާޖެންޓީނާ ތަރި ލިއޮނެލް މެސީ ނޮމިނޭޓުވެއްޖެއެވެ.
އުމުރުން 36 އަހަރުގެ މެސީ، އެމްއެލްއެސްގައި އެންމެ ހަތަރު މެޗު ކުޅެފައިވީ ނަމަވެސް، އޭނާ ވަނީ ލީގުގައި އެންމެ ފައިދާހުރި ކުޅުމެއް ދެއްކި ކުޅުންތެރިޔާ އަދި އަލަށް ލީގާ ގުޅޭ ކުޅުންތެރިންގެ ތެރެއިން އެންމެ ރަނގަޅު ކުޅުމެއް ދައްކާ ކުޅުންތެރިޔާއަށް ދޭ "ނިއުކަމާ" އެވޯޑަށް ނޮމިނޭޓުވެފައެވެ.
އެ އެވޯޑުތަކަށް މެސީ ނޮމިނޭޓުވެފައިވަނީ އެންމެ 247 މިނެޓު ކުޅެގެންނެވެ. ނަމަވެސް އޭނާ ކުޅުނު މެޗުތަކުގައި މޮޅު ކުޅުމެއް ދައްކައި، 11 ގޯލު ޖަހައި ފަސް އެސިސްޓް ވަނީ ހަދައިފައެވެ.
މުބާރާތްތަކުގައި އިންޓަ މަޔާމީން އެންމެ ފަހުން ކުޅުނު ހަ މެޗުގެ ތެރެއިން މެސީއަށް ވަނީ އަނިޔާގެ ސަބަބުން ފަސް މެޗެއް ގެއްލިފައެވެ. މެސީގެ ފަޔަށް ލިބުނު އަނިޔާއާ ގުޅިގެން އޭނާ ކުޅުމާ ދުރުގައި ހުންނަން ޖެހުނު ނަމަވެސް، ވޯލްޑް ކަޕް ކޮލިފައިންގައި އާޖެންޓީނާ އިން ޕެރަގުއޭ އަދި ޕެރޫއާ ދެކޮޅަށް ކުޅޭ މެޗުތަކަށް ނެގި ސްކޮޑުގައި އޭނާ ވަނީ ހިމަނައިފައެވެ.
މެސީއަށް އަނިޔާވުމުގެ ސަބަބުން އިންޓަ މަޔާމީއަށް ވަނީ އެކަމުގެ ބޮޑު އަސަރެއް ކޮށްފައެވެ. އެގޮތުން އިންޓަ މަޔާމީއަށް އޭނާއާ ނުލައި ކުޅެން ޖެހުނު އެއްވެސް މެޗަކުން މޮޅެއް ހޯދިފައެއް ނުވެއެވެ.