14 May 2012, 11:25
ސެކިއުރިޓީއެއް ނެތި ބޭންކްތަކުން އާންމުންނަށް ލޯނު ދޫކުރަން ކަނޑައަޅާފައިވާ ލިމިޓް ބޮޑުކުރަން މަރުކަޒީ ބޭންކް، (އެމްއެމްއޭ) އިން ނިންމައިފި އެވެ.
ޕެންޝަން އޮފީހުން އިއްޔެ ބަނޑޮސް އައިލެންޑް ރިސޯޓްގައި ބޭއްވި ފައިނޭންޝިއަލް ފޯރަމްގެ ހަވާސާގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެމްއެމްއޭގެ ގަވަރުނަރު ޑރ. ފަޒީލް ނަޖީބު ވިދާޅުވީ 2010ގައި އަމަލުކުރަން ފެށި ބޭންކިންގެ ގާނޫނުގެ ދަށުން ކޮލެޓްރަލް ސެކިއުރިޓީއެއް ނުލައި އެއް ފަރާތްތަކަށް ލޯނެއް ދޫކުރެވެނީ ބޭންކެއްގެ ކެޕިޓަލްގެ 15 ޕަސެންޓާއި ހަމައަށް ކަމަށާއި އެއަށް ވުރެ އިތުރުވާ ނަމަ ސެކިއުރިޓީއެއް ބެހެއްޓުން ލާޒިމް ކުރާ ކަމަށެވެ. ޑރ. ފަޒީލް ވިދާޅުވީ ބޭންކަށް ލޯނު ދޫކުރުމުގެ މިނިވަކަން އޮތުން މުހިންމު ކަމަށާއި އޭރުން ބޭންކުތަކުގެ ރައުސްމާލު ވެސް ރަނގަޅު ވާނޭ ކަމަށެވެ.
"އެމްއެމްއޭގެ ބޯޑަށް ގަބޫލުކުރެއްވޭ، އިގްތިސޯދުގައި މިހާ ދަތިތަކެއް އުޅޭ އިރު ރަނގަޅު ކަމަކަށް ވެދާނޭ ވީއެންމެ އަވަހަކަށް މަޖިލީހަށް އިސްލާހެއް ހުށަހެޅުން. ބޭންކިން އެކްޓްގައި ބުނާ ސިންގަލް ބޮރޯވާ ލިމިޓަށް ލުޔެއް ދޭން. އަޅުގަނޑުމެން އެކަން ފޮނުވަން ޖެހެނީ އެޓާނީ ޖެނެރަލަށް، ވަރަށް އަވަހަށް އިރާދަކުރެއްވިއްޔާ ފޮނުވާނަން އެކަން އެޓާނީ ޖެނެރަލަށް. އެ ޕޮލިސީ އިމްޕްލިމެންޓް ކުރަން އޮތީ ނިމިފައި،" ޑރ. ފަޒީލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މަނިޓަރީ ގަވާއިދު މިހާރު ޑްރާފްޓްކޮށް ނިމިފައިވާ ކަމަށާއި އެ ގަވާއިދު ކުރިއަށް އޮތް ދެތިން މަހެއްހާ ދުވަހުގެ ތެރޭގައި އަމަލުކުރެވޭ ވަރުވާނޭ ކަމަށެވެ. އަދި އެ ގަވާއިދުގެ މަގުސަދަކަށް ވާނީ ރާއްޖޭގައި ކުރެވޭ ބޭރު ފައިސާގެ މުއާމަލާތް ކުރެވޭނޭ އިދާރީ މެކޭނިޒަމް ވަރުގަދަ ކުރުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި އެ ގަވާއިދަށް ގިނަ ފަރާތްތަކުގެ ހިޔާލު ހޯއްދެވި ކަމަށް ވެސް ވިދާޅުވި އެވެ.
ޑޮލަރުގެ މައްސަލައިގައި ފަޒީލް ވިދާޅުވީ މިހާރު ކުރަން ޖެހިފައިވާ މަސައްކަތަކީ ކިތަންމެ އުނދަގޫވިޔަސް އަވަސް ފިޔަވަޅުތަކެއް އަޅައިގެން ދައުލަތުގެ ހަރަދުތައް ކުޑަކުރުން ކަމަށާއި އެކަމަށް ހޯދަން ޖެހެނީ ދާހިލީ ހައްލެއް ކަމަށް ވެސް ވިދާޅުވި އެވެ.
"އަޅުގަނޑުމެން އެކަން ނުކުރަންޏާ ދެން އޮތް ގޮތަކީ ބޭރުގެ ގައުމަކުން ގިނަ އަދަދެއްގެ ފައިސާ ފަހުން ދައްކާ ގޮތައް ގެނައުން. އެކަމަކު ދުނިޔޭގެ ހާލަތު ވެސް އޮތްގޮތުން އެއީ ވާނެ ކަމެއް ނޫން. އެހެންވީމާ ހަމަޖެހޭނީ ހުރިހާ ދިމާލަކުން ވެސް ތަދު އިހުސާސްކޮށްގެން އުނދަގޫ ފިޔަވަޅުތަކެއް އަޅަން،" ޑރ. ފަޒީލް ވިދާޅުވި އެވެ.