އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުއިއްޒު އެދިވަޑައިގަންނަވާ ގޮތަށް އިންތިގާލީ މުއްދަތުގައި ސަރުކާރުގެ ކަންކަން ބައްޓަންކުރުމުގައި ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށް ސަރުކާރުން ބުނެފިއެވެ.

އިއްޔެ ޑރ. މުއިއްޒުވަނީ ސަރުކާރު ބަދަލުވާ އިންތިގާލީ މުއްދަތުގައި ހަތް ކަމެއް މަޑުޖައްސައިލުމަށް އެދި، ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަށް ސިޓީފުޅެއް ފޮނުއްވައިފައެވެ.

އެ ސިޓީފުޅުގައި ވަނީ ސަރުކާރު ބަދަލުކުރުމުގެ ކަންކަން ފަަސޭހަ ކަމާއެކު ކުރިއަށް ގެންދިއުމަށް ޓަކައި، އެ ކަންކަން މަޑު ޖައްސައިލުން މުހިއްމު ކަމަށެވެ.

އެ ސިޓީފުޅާ ގުޅިގެން "ސަން"އިން ސުވާލުކުރުމުން ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުޙައްމަދު ވިދާޅުވީ މި މުއްދަތުގައި ސަރުކާރުން ގާނޫނާ އެއްގޮތަށް އަމަލުކުރާނެ ކަމަށެވެ.

އަދި އިންތިގާލީ މަރުހަލާ ކުރިއަށްދާއިރު އިންތިޚާބީ ރައީސް ބޭނުންވެވަޑައިގަންނަވާ ގޮތަށް ކަންކަން ކުރިއަށް ގެންދިއުމުގައި އެއްބާރުލުން ދެއްވާނެކަމަށް މިއުވާން ވިދާޅުވިއެވެ.

"ސަރުކާރުން ގާނޫނުތަކާ އެއްގޮތަށް އަމަލުކުރަމުން ދާނެ. އަދި އިންތިޚާބީ ރައީސަށާއި ޓްރާންސިޝަނަށް އެއްްބާރުލުން ދޭނެ،" މިއުވާން ވިދާޅުވިއެވެ.

އިއްޔެ ޑރ. މުއިއްޒު ރައީސަށް ފޮނުއްވެވި ސިޓީފުޅުގައި ވަނީ އިންތިޚާބު ނިމުމާއެކު، ރައީސް ދެއްކެވި ޑިމޮކްރެސީގެ ނަމޫނާއަށް ޝުކުރު އަދައިކުރައްވާފައެވެ. އަދި، ސަރުކާރު ބަދަލުކުރުމުގައި، އެއްބާރުލުން ދެއްވުމަށް ޔަގީންކަން ދެއްވިކަމަށް ޓަކައި ވެސް ޝުކުރު އަދައިކުރެއްވިއެވެ.

މިހާރު ހިނގަމުން އަންނަނީ ޓްރާންސިޝަންގެ މަސައްކަތްތަކެވެ. އެ ކަމަށް ޚާއްސަ ކޮމިޓީއެއް ޑރ. މުއިއްޒު އެކުލަވައިލައިފައިވާއިރު ކޮމިޓީ ލީޑުކުރައްވަނީ ޑިރެކްޓަރު ޖެނެރަލްގެ ގޮތުގައި ހުންނެވި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲއެވެ.

އާދިއްތަ ދުވަހު އެ ކޮމިޓީން ސަރުކާރުގެ މިނިސްޓްރީތަކަށް މައުލޫމާތު އެއްކުރުމަށް ޒިޔާރާތްކުރާނެއެވެ.