06 Oct 2023, 13:34
އިންޑިއާއާއި ރާއްޖޭގެ އެކުވެރިކަމުގެ ގުޅުމުގައި އަބަދުވެސް އެންމެ އިސްކަން ދެމުން އައި ދެ ކަމަކީ ގާބިލުކަން އިތުރުކުރުމުގެ މަސައްކަތާއި، ދެ ގައުމަށް ވެސް ކުރިމަތިވެދާނެ ގޮންޖެހުންތަކާއި ދެ ގައުމަށް މުހިންމު ކަންކަމުގައިި އެކުގައި މަސައްކަތްކުރުމަށް ކަމަށް އިންޑިއާ ސަރުކާރުން ބުނެފިއެވެ.
އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގެ ތަރުޖަމާނު އަރިންދަމް ބަގްޗީ ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުވުމާ ގުޅޭގޮތުން އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްކެވި ވާހަކަފުޅާ ގުޅޭގޮތުން ސުވާލުކުރުމުން ބަގްޗީ ވިދާޅުވީ، އަވައްޓެރިންގެ ހައިސިއްޔަތުން، ސަރަހައްދީ ގޮތުން ކުރިމަތިވާ ނުރައްކާތަކާ ވެސް ދެ ގައުމު ގުޅިގެން ކުރިމަތިލާން ޖެހޭކަމަށެވެ.
އެގޮތުން މި ސަރަހައްދުގައި ހިންގާ އެކި ކުށްތަކާއި، ކާރިސާތަކާ ގުޅިގެން އިންސާނީ އެހީ ފޯރުކޮށްދިނުން ފަދަ ކަންކަން ހިމެނޭކަމަށް އޭނާ ވިދާޅުވިއެވެ.
ނަމަވެސް އިންޑިއާ ސިފައިންނާ ގުޅޭގޮތުން ސީދާ ޖަވާބެއް ނުދެއްވައެވެ.
"އިންޑިއާއިން ރާއްޖެއާ ބާއްވަމުން އަންނަ ގުޅުމުގައި އަބަދުވެސް އެންމެ އިސްކަމެއް ދީފައިވަނީ ކެޕޭސިޓީ ބިލްޑިންއަށާއި، ދެ ގައުމަށް ކުރިމަތިވާ އެކި ގޮންޖެހުންތަކާއި ދެ ގައުމަށް ވެސް މުހިންމުވާ ކަންކަމުގައި އެކުގައި މަސައްކަތްކުރުމަށް،" ބަގްޗީ ވިދާޅުވިއެވެ.
ބަގްޗީ ވިދާޅުވީ އިންޑިއާއިން އޮތީ ހުރިހާ ބޮޑެތި މައްސަލަތަކެއްގައި އައު ސަރުކާރާއެކު މަސައްކަތްކުރުމަށް ތައްޔާރަށް ކަމަށެވެ.
މީގެ އިތުރުން އެ ބައްދަލުވުމުގައި ޑރ. މުއިއްޒު ހުވައިކުރައްވާ ހަފުލާއަށް އެ ގައުމުން ވަޑައިގަންނަވާނެ ބޭފުޅަކީ ކޮބައިތޯ ސުވާލުކުރުމުން ވަކި ޖަވާބެއް ނުދެއްވައެވެ. ދެހާސް އަށާރަވަނަ އަހަރު ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު ހުވައިކުރެއްވި ހަފުލާއަށް ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަޑައިގެންފައިވެއެވެ.
ބުދަ ދުވަހު އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވައިފައި ހުންނަވާ ހައިކޮމިޝަނަރު މުނޫ މަހާވަރުވަނީ އިންތިޚާބީ ރައީސް ޑރ. މުއިއްޒާ ބައްދަލުކުރައްވައިފައެވެ. އަދި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ޑރ. މުއިއްޒުއަށް މަރުހަބާ ވިދާޅުވެ ފޮނުއްވެވި ސިޓީފުޅެއް ވެސް ވަނީ ރައްދުކޮށްދެއްވައިފައެވެ.
މި ބައްދަލުވުމުގައި އައު ސަރުކާރާއެކު ގުޅުން އިތުރަށް ބަދަހިކުރުމުގައި މަސައްކަތްކުރާނެ ގޮތާ ގުޅޭގޮތުންވަނީ މަޝްވަރާކޮށްފައެވެ.
ދިވެހިރައްޔިތުންގެ ވިންދާ ދެކޮޅަށް ބޭރުގެ އެއްވެސް ސިފައިންގެ މީހަކަށް ރާއްޖޭގައި ނުހުރެވޭނެކަމަށާއި، ވެރިކަމުގެ ފުރަތަމަ ދުވަހު ރާއްޖޭގައި ތިބި ބޭރުގެ ސިފައިން ބޭލުވުމުގެ މަސައްކަތް ފައްޓަވާނެކަމަށް އިންތިޚާބީ ރައީސް މުއިއްޒު ވިދާޅުވީ، ލިބުނު މޮޅަށްފަހު ރައްޔިތުންނާ ފުރަތަމަ ފަހަރަށް ބައްދަލުކުރައްވަމުންނެވެ.
މިއީ ރާއްޖޭގައި ތިބިކަމަށް ޕީޕީއެމް ޕީއެންސީން ބުނާ އިންޑިއާ ސިފައިިންނަށް އަމާޒުކުރައްވައި ވިދާޅުވި ވާހަކަފުޅެކެވެ.
އެ މަނިކުފާނު ވިދާޅުވީ ދިވެހީންގެ އިހުސާސްތަކާ ދެކޮޅަށް ބޭރުގެ އެއްވެސް އަސްކަރީ ސިފައިިންގެ މީހަކަށް ރާއްޖޭގައި ނުތިބެވޭނެ ކަމަށެވެ.
އިންޑިއާއާއެކު ގުޅުން ބަދަހިކުރާނީ އެ އަސާސްތަކުގެ މަތިންކަމަށް ޑރ. މުއިއްޒު އެ ރޭ ވިދާޅުވިއެވެ.