06 Oct 2023, 12:29
ކެބިނެޓާއި ސަރުކާރުގެ އިސް މަގާމުތައް އެކުލަވައިލާއިރު، އެ މަނިކުފާނުގެ ބަސް ވިކޭ، ފުރިހަމައަށް ތަބާވާނެ ދަ އެންމެހައި ބޭފުޅުންނަށް ވެސް ފުރުސަތު ދެވެން އޮތް މިންވަރަކުން ދެއްވާނެ ކަމަށާއި ވަކި ފިކުރަކަށް ވީތީ ބާކީކޮށްނުލާނެ ކަމަށް އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
"ސަން"އަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައި ޑރ. މުއިއްޒު ވިދާޅުވީ އެއްްބަސްވުމެއް ނެތް ނަމަވެސް ޑިމޮކްރެޓުން އެކުގައި ކުރި މަސައްކަތް ބަލައިގަންނަ ކަމަށެވެ.
"ޑިމޮކްރެޓްސްގެ ބޭފުޅުންނާ އަޅުގަނޑުމެންނާ އެއްވެސް ކަހަލަ އެއްބަސްވުމެއް ނެތް. ނުރަސްމީ ލެވެލްއެއްގައި ވެސް މި ދެންނެވީ އަޅުގަނޑުމެންގެ ވަކި އެއްބަސްވުމެއް ނެތް. އެހެންނަމަވެސް މި ދެންނެވީ ވަރަށް މަސައްކަތް ކުރެއްވެވި. މާލޭގައި ވެެސް އަދި ރަށްރަށުގަައި ވެސް އެކީގައި ހަމަ ޖަގަހަތަކުގައި ވެސް މަސައްކަތްކުރައްވަމުން ދިޔައީ. ހަމަ އެ ކަން އަޅުގަނޑު ބަލައިގަންނަން،" ޑރ. މުއިއްޒު ވިދާޅުވިއެވެ.
އެއާއެކު ގާބިލް ބޭފުޅުން 'ހިމެނެން އޮތް މިންވަރަކުން' ހިމަނައިގެން 'ސާފު ސަރުކާރެއް' އެކުލަވައިލާނެކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
"އެހެންވީމާ ހަމަ އިރާދަކުރެއްވިއްޔާ އެ ބޭފުޅުންގެ ވެސް ގާބިލް ބޭފުޅުން ރަނގަޅު ބޭފުޅުން ހިމަނައިގެން، ހިމެނެން އޮތް މިންވަރަކުން ހިމަނައިގެން އަޅުގަނޑުމެން ވީހާ ވެސް ގިނަ ރައްޔިތުން، ވީހާ ވެސް ގިނަ ބޭފުޅުންގެ ޝާމިލުވުން ހިމެނޭ ސަރުކާރެއް، ސާފު ސަރުކާރެއް، ރައްޔިތުންގެ ކުރިމަތީގައި ރައްޔިތުންނަށް އެ ބޭފުޅުން ފެނުނީމާ އެއީ އެ ކަން ކުރެވޭވަރު ބައެއް ކަމުގައި ގަބޫލުކުރާ ބަޔަކު ތިބޭނޭ،" ޑރ. މުއިއްޒު ވިދާޅުވިއެވެ.
ޑރ. މުއިއްޒު ވިދާޅުވީ އެ މަނިކުފާނުގެ ކެބިނެޓް އެކުލަވައިލާނީ ތައުލީމީ، ގާބިލް، ދެ ޖިންސުގެ ބޭފުޅުން ހިމެނޭ ގޮތަށް ކަމަށެވެ.
އަދި އައްްޔަންކުރައްވާނީ ގައުމަށް ޚިދުމަތްކުރާއިރު، އެ މަނިކުފާނު އެދޭ މިންވަރަށް، އެދޭ ގޮތަށް އެ ބޭފުޅުންނަށް މަސައްކަތްކުރެއްވޭނެ ކަމަށް ފެނިވަޑައިގަންނަވާ ބޭފުޅުންކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.
ހަމައެއާއެކު އެކުގައި މަަސައްކަތްކުރާ ސިޔާސީ ޕާޓީތަކަށް ވެސް ފުރުސަތު އޮންނާނެ ކަމަށް ޑރ. މުއިއްޒު ވިދާޅުވިއެވެ.
"ރަސްމީ ކޯލިޝަން އަދި ނުރަސްމީކޮށް އެހީތެރިކަން ދޭ ގޮތަށް ވެސް މަސައްކަތްކުރާ ބޭފުޅުންނާއެކީގައި ކުރިއަށްދާން އަަޅުގަނޑުު ބޭނުން. އެއީ ގައުމަށް އެންމެ ރަނގަޅު ގޮތަށްވާނެ އެ ގޮތް. އަޅުގަނޑުމެންގެ މި ހުރި ބޮޑެތި ގައުމީ މައްސަލަތައް ހައްލުކުރުމުގައި ކުރަންޖެހޭ މަސައްކަތުގައި ވީހާ ވެސް ގިނަ ބަޔަކު އެއްކޮށް މަސައްކަތްކުރާ ކަމުގައި ވަންޏާމުން އެ ދެވޭ ޕުޝް ވަރުގަދަވާނެ،" ޑރ. މުއިއްޒު ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ ގައުމަށް ޓަކައި ވިސްނުންފުޅު ބަހައްޓަވާއިރު ވީހާ ވެސް ގިނަ ބަޔަކު ގޮވައިގެން އެކުގައި މަސައްކަތްކުރުމަކީ މުހިންމު ކަމެއް ކަމަށެވެ.
ނަމަވެސް ކިތަންމެ ގިނަ ބޭފުޅުންގެ ބައިވެރިވުން ހިމެނި ނަމަވެސް އެ މަނިކުފާނު ކަނޑައަޅުއްވާ ޝަރުތުތަކާއި، އަސާސީ ސިފަތައް އެ ބޭފުޅަކު ގަބޫލުކުރަންވާނެކަމަށް ޑރ. މުއިއްޒު ވިދާޅުވިއެވެ.
"އަޅުގަނޑަށް އެ ބޭފުޅެއްގެ މައްޗަށް ބަސް ނުކިޔޭ ކަހަލަ ބޭފުޅަކު ނުބަހައްޓާނަން. އެ އަަޅުގަނޑު މި އުޅެނީ ސީރިއަސް މަސައްކަތެއް ކުރަން. އަޅުގަނޑު މިހެން ގެންދާށޭ ދެންނެވީމާ އަދި އެ ބޭފުޅާ ގޮސް އަދި އެހެން ބޭފުޅެއް، މިސާލަކަށް އެހެން ޕާޓީއަކުން އަޅުގަނޑު ގެންނަ ބޭފުޅެއް، އެ ބޭފުޅާގެ ލީޑަރު ކައިރި އަހައިފައި ހުއްދަ ނަގައިގެން ނޫނީ ކަމެއް ކުރަންޖެހެންޏާ އެ ބޭފުޅަކު އައްޔަނެއް ނުކުރާނަން އަޅުގަނޑެއް،" ޑރ. މުއިއްޒު ވިދާޅުވިއެވެ.
އެއާއެކު އެ މަނިކުފާނު ވަނީ ކެބިނެޓާއި އިސް މަގާމުތަކަށް މެމްބަރުން އައްޔަންކުރާއިރު ދެވަނަ ބުރުގައި އެކުގައި މަސައްކަތް ފެށި އެމްއެންޕީއާއި، ފަހުން ގުޅުނު އެމްޑީއޭގެ ޝާމިލުވުން ވެސް ހިމެނޭނެ ކަމުގެ އުންމީދު ދެއްވައިފައެވެ.
މިހާރު ހިނގަމުން އަންނަނީ ޓްރާންސިޝަންގެ މަސައްކަތްތަކެވެ. އެ ކަމަށް ޚާއްސަ ކޮމިޓީއެއް އެ މަނިކުފާނު އެކުލަވައިލައިފައިވާއިރު ކޮމިޓީ ލީޑުކުރައްވަނީ ޑިރެކްޓަރު ޖެނެރަލްގެ ގޮތުގައި ހުންނެވި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމެވެ.
އާދިއްތަ ދުވަހު އެ ކޮމިޓީން ސަރުކާރުގެ މިނިސްޓްރީތަކަށް މައުލޫމާތު އެއްކުރުމަށް ޒިޔާރާތްކުރާނެއެވެ.
ޑިމޮކްރެޓުންގެ ބައިވެރިވުން ހިމެނޭނެކަމުގެ އުންމީދު ޑރ. މުއިއްޒު ދެއްވިއިރު މީގެ ކުރިން ބުދަ ދުވަހު ޑިމޮކްރެޓްސްގެ ބާނީ ރައީސް މުޙައްމަދު ނަޝީދުވަނީ އަލަށް އުފެދޭ ސަރުކާރުގައި އެ މަނިކުފާނުގެ ހިއްސާ އޮންނާނެކަމަށް ވިދާޅުވެފައެވެ.
އެ ފަދަ މޭރުމަކުން އެ މަނިކުފާނު ވާހަކަފުޅު ދެއްކެވީ އުފެދެން އުޅޭ ސަރުކާރާމެދު މިހާރުގެ ބައެއް ވަޒީރުން ނުރުހުން ފާޅުކޮށް ބޭރުގެ ފަރާތްތަކަށް މެސެޖު ކުރާކަމަށް ވިދާޅުވެ އެ ކަން ނުކުރެއްވުމަށް އެދެމުންނެވެ.