14 May 2012, 10:49
މަސްތުވާތަކެތީން ދުރުހެލިވެގެން މުޖުތަމުއިގައި އުޅޭ ފަރާތްތަކަށް އެހީތެރިވުމަށް ހުނަރު ދަސްކޮށް ދިނުމަށް ސޮސައިޓީ ފޯ ވުމެން އެންޑް އެގައިންސްޓް ޑުރަގްސް (ސްވޯޑް) ޖަމިއްޔާ އިން ހިންގާ ހަރަކާތްތަކަށް ބޭންކް އޮފް މޯލްޑިވްސް އިން ކޮމިޕިއުޓާ ލެބެއް ހަދިޔާކޮށްފި އެވެ.
ނަމަވެސް އެއީ ކިތައް ކޮމްޕިއުޓގެ ލެބެއް ކަމެއް އެ ޖަމިއްޔާ އަކުން ނުބުނެ އެވެ.
ސުވަޑް ޖަމިއްޔާ އިން ބުނީ އެ ޖަމިއްޔާގެ ކޮމްޕިއުޓާ ލެބަކީ މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުންގެ ތެރެއިން އެކަމުން ސަލާމަތްވެ އަނބުރާ މުޖުތަމައުއަށް އަންނަން ބޭނުންވާ ފަރާތްތަކަށް ތަމްރީންތައް ދިނުމަށް ހުޅުވި ލެބެއް ކަމަށާއި ލެބް އަމާޒުކޮށްފައި ވަނީ އެފަދަ މީހުންނަށް ކޯސްތައް ހިންގައި ދިނުމަށް ކަމަށެވެ.
އެ ލެބްގައި ހިންގާ ކޯސްތަކަކީ މަސްތުވާތަކެތީގެ ވަބާއިން ސަލާމަތް ވުމަށް ބޭނުންވާ ފަރާތްތަކަށް ހިލޭ ހިންގާ އިންފޮމޭޝަން ޓެކްނޮލޮޖީ ކޯސްތަކެކެވެ. ފުރަތަމަ ކޯސް ފަށަން ހަމަޖައްސާފައި ވަނީ މިމަހުގެ 27 ގަ އެވެ.
ސުވަޑަކީ މަސްތުވާތަކެތީގެ ވަބާއިގައި ޖެހިފައިވާ މީހުން އަނބުރާ މުޖުތަމައުއަށް ގެނައުމަށް މަސައްކަތް ކުރާ ޖަމިއްޔާއެކެވެ. އެ ޖަމިއްޔާގެ ލެބް އިއްޔެ ހ. މުނިއުފާގައި ހުޅުވައި ދެއްވީ ބެންކް އޮފް މޯލްޑިވްސްގެ ސީއީއޯ މރ. ޕީޓާ ހޯޓަން އެވެ.