އެމެރިކާގެ ރައްޔިތެއް ކަމަށްވާ ފްރޭންކް ސަގޯނާ, އެއް ގަޑިއިރުތެރޭ، އެންމެ ގިނަ ފަހަރު ޗިންއަޕް އެކްސަސައިޒު ހެދުމުގެ ދުނިޔޭގެ ރެކޯޑް މުގުރާލައިފިއެވެ.

ފްރޭންކް ވަނީ އެއް ގަޑިއިރު ތެރޭގައި 1،010 ފަހަރު ޗިންއަޕް ހަދާފައެވެ. ކުރިން މި ރިކޯޑް އޮންނަ މީހާއަށް އެއް ގަޑިއިރު ތެރޭގައި ޗިންއަޕް ހެދިފައިވަނީ 993 ފަހަރުއެވެ. އެއީ 2011ވަނަ އަހަރުއެވެ.

އޭގެ ފަހުން ވަރަށް ގިނަ މީހުން އެކި ފަހަރު މަތިން މި ރެކޯޑް މުގުރާލުމަށް މަސައްކަތްކޮށްފައިވީ ނަމަވެސް އެކަން ކާމިޔާބުވެފައިނުވާ ކަމަށް ގިނިސް ވާރލްޑް ރިކޯޑުން ހާމަކޮށްފައިވެއެވެ. އަދި، އުމުރުން 45 އަހަރުގެ ސަގޯނާގެ ރެކޯޑް އަދަދާ އެކު މިހާރު އެންމެ ގިނަ ފަހަރު ޗިންއަޕް އެކްސަސައިޒް އެއް ގަޑިއިރުތެރޭ ހެދުމުގެ ރެކޯޑް އޭނާއަށް ލިބިފައިވާ ކަމަށް ގިނިސް ވާލްޑް ރެކޯޑުން ބުނެއެވެ.

މި ރެކޯޑް މުގުރާލުމުގެ މަސައްކަތް ސަގޯނާ ފަށާފައިވަނީ މީގެ ދިހަ އަހަރުން ކުރިން ކަމަށާއި، ވޭތުވެތިދަ އަހަރުތަކުގައި އޭނާގެ ކަސްރަތުގެ ރޫޓިން ބައްޓަންކޮށްފައިވަނީ، ވެއިޓްލިފްޓިން ފަދަ ކަސްރަތުގެ ބަދަލުގައި، ބޮޑީވެއިޓްގެ ކަސްރަތުތައް ކަމަށްވާ ޕުޝްއަޕްސްއާއި ޗިންއަޕްސްއަށް އިސްކަންދީގެން ކަމަށް އޭނާ ބުނެފައިވެއެވެ.