ޑާކްރެއިން އެންޓަޓެއިންމެންޓުން އަންނަނީ ވަރުގަދަ ފިލްމެއް ނެރުމަށް ތައްޔާރުވަމުންނެވެ. ދިވެހި ރާއްޖޭގެ މުޖުތަމައުގެ ތަފާތު އެކި މައްސަލަތަކަށް އަލިއަޅުވާލައި ނެރުމަށް ތައްޔާރުވަމުންދާ ފިލްމަކީ މިދުވަސްވަރުގެ ރާއްޖޭގެ ހާލަތާ ވެސް ވަރަށް ގުޅޭ ފިލްމެކެވެ. މިފަހަރު ޑާކްރެއިން އިން ސިނަމާއަށް އަރާނީ "ފުރޭތަ" އެވެ.

ޑާކްރެއިންގެ ފުރޭތަ ފިލްމުގެ ޓްރެއިލާއެއް ވަނީ މީގެކުރީން އާންމުކޮށްފައެވެ. މި ޓްރެއިލާއިން ތަފާތު އެކި ކަންތައްތައް ފެނެއެވެ. އެގޮތުން އާންމު މީހެއްގެ ދިރިއުޅުން އެކި ސަބަބުތަކާ ހެދި ބަދަލުވެގެން ގޮސް މީހާ އަކީ އަނިޔާވެރި ނުރައްކާތެރި މީހަކަށް ވެގެންދާ ތަން ޓްރެއިލާއިން ވެސް ފެނިގެން ދެއެވެ.

ޓްރެއިލާއިން އެންމެ ބޮޑަށް ފެންނަ އަނެއް ކަމަކީ ރާއްޖޭގައި އިންތިޚާބެއް އޮންނަ ދުވަސްވަރުގެ ސަގާފަތުގެ ވާހަކައެވެ. އޭގެތެރޭގައި އިންތިޚާބާ ގާތް ކޮށްފައި ވޯޓު ހޯދަން އަންނަ ވާހަކަ އާއި އާންމުންގެ އުދާސްތަކަށް ބީރު ކަންފަތެއް ދިނުމުގެ ވާހަކަތައް ފިލްމުން ދައްކައެވެ. މިއީ ގިނަ ދިވެހީން ތަޖުރިބާ ކޮށްފައިވާ ކަންތައްތަކެވެ.

މި ފިލްމުގައި ލީޑުން ފެންނާނީ އިންޑަސްޓްރީގައި މިހާރު ބޮޑު މަގުބޫލުކަމެއް ހޯދަމުން އަންނަ ތަރި އަބްދުﷲ ޝަރަފެވެ. ފިލްމުގެ އިތުރު ރޯލުތަކުން ރަވީ ފާރޫގާއި މުހައްމަދު މަނިކާއި އަހުމަދު ސައީދު އަދި މުހައްމަދު ރިފްޝާނާއި އަލީ ނަދީހާއި އާމިނަތު އަސީލާ ފަދަ އެކްޓަރުން ފެންނާނެއެވެ.

މި ފިލްމުގެ ސްކްރީންޕްލޭގެ މަސައްކަތް އަހުމަދު ތޮލާލު ކުރިއިރު ފިލްމުގެ ޑައިރެކްޓަރަކީ އަހުމަދު ޝިފާއު (ޗިއްޕެ) އެވެ. މި ފިލްމަކީ މުހައްމަދު އަލީ (މޮގާ) ޕްރޮޑިއުސް ކުރާ ފިލްމެކެވެ. މި ފިލްމުގެ މަންޒަރުތައް ނަގާފައިވަނީ އަހުމަދު ޒިފާފެވެ.

ޑާކްރެއިންގެ ފުރޭތަ އޮލިމްޕަހުގައި ދައްކަން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރު ޑިސެމްބަރު މަހުގެ އަށް ވަނަ ދުވަހުން ފެށިގެންނެވެ. މި ފިލްމު ކުރީން އެޅުވުމަށް ހަމަޖެހިފައިވަނީ ޑިސެމްބަރު ހަތަރެއްގައެވެ. ނަމަވެސް އެ ތާރީހުގައި މިހާރު ދައްކާނީ ކޮންޓްރޮވާޝަލް ފިލްމު "ނޮވެމްބަރު" އެވެ.