06 Oct 2023, 08:49
އިންޑިއާގެ އެންމެ މަގުބޫލު ދެ ފިލްމީ ތަރިން ކަމަށްވާ އަމީތާބް ބައްޗަން އާއި ރަޖިނީކާންތު 32 އަހަރަށް ފަހު އެކީގައި މަސައްކަތް ކުރާ ފުރަތަމަ ފިލްމަށް ސޮއި ކޮށްފިއެވެ.
ރަޖިނީކާންތުގެ ކުރިޔަށް އޮތް ފިލްމު "ތަލައިވަރު 170" ގައި ރަޖިނީކާންތު އާއެކު އަމީތާބު މަސައްކަތް ކުރާނެކަން ފިލްމު ގެނެސްދޭ ކުންފުނިން ވެސް ވަނީ މީޑިއާތަކަށް ކަށަވަރުކޮށް ދީފައެވެ.
ސައުތު ސިނަމާގެ ގިނަ ފިލްމީ ތަރިން ކާސްޓުގައި ހިމެނޭ "ތަލައިވަރު 170" އަށް އަމީތާބު ބައްޗަން އިތުރު ވެފައިވާއިރު މިއީ އަމީތާބު އާއި ރަޖިނީކާންތަށް ވެސް ނުހަނު ބޮޑު އުފަލެއް ލިބުނު ޚަބަރެކެވެ. މި ދެ ތަރިންނަކީ ވެސް އިންޑިއާގެ ސިނަމާގެ އެންމެ ވިދުން ގަދަ ދެ ނަންކަމަށްވީ ނަމަވެސް ދެ ތަރިންގެ ދެމެދުގައި އެއްވެސް ވާދަވެރިކަމެއް އުފެދިފައެއް ނެތެވެ. ސައުތު ސިނަމާގެ އެންމެ ނުފޫޒުގަދަ ރަޖިނީކާންތު އާއި ބޮލީވުޑްގެ މެގަ ސްޓަރ އަމީތާބް ބައްޗަންއަކީ ފިލްމީ ތަރިންނަށް ވުމުގެ އިތުރުން ވަރަށް ގާތް ދެ ރަޙްމަތްތެރިން ވެސް މެއެވެ.
ރަޖިނީކާންތު އާއި އަމީތާބު ބައްޗަން އެންމެ ފަހުން ބެލުންތެރިންނަށް އެކީ އެއް ސްކްރީނުން ފެނިފައި ވަނީ 1991ވަނަ އަހަރު ރިލީޒްވި ފިލްމު "ހަމް" އިންނެވެ. އަމީތާބް އާއި ރަޖިނީކާންތުގެ އިތުރުން ބޮލީވުޑް އެކްޓަރު ގޯވިންދާ އަދި ކުރީގެ ބަތަލާ ޝިލްޕާ ޝިރޯދުކަރު މުހިއްމު ރޯލްއިން ފެނުނު ފިލްމު "ހަމް"އަކީ ވަރަށް ރީތި ޢާއިލީ ވާހަކައެއްގެ މައްޗަށް ބިނާކޮށްގެން އުފެއްދި ފިލްމެކެވެ.
އަންނަ އަހަރު ސިނަމާތަކަށް ގެންނަށް ނިންމާފައިވާ ފިލްމު "ތަލައިވަރު 170"އަކީ ރަޖްނީކާންތުގެ ކެރިއަރުގެ 170 ވަނަ ފިލްމެވެ. އަމީތާބުގެ އިތުރުން މި ފިލްމުގެ މުހިއްމު ރޯލް ކުޅޭ ސައުތު ސިނަމާގެ ތަރިންގެތެރޭ ފިލްމު "ބަހޫބަލީ" އިން މަގުބޫލުވި އެކްޓަރު ރާނާ ދަގޫބަތީ އަދި ފަހަދު ފާސިލް ހިމެނެއެވެ.