މި އަހަރުގެ އޮގަސްޓް މަހު ރިލީޒްވެ ބޮޑު ކާމިޔާބީއެއް ހޯދި ފިލްމު "ގަދަރު2" މިއަދުން ފެށިގެން ސްޓްރީމް ކޮށްގެން ބެލޭނެ ކަމަށް ފިލްމު ސްޓްރީމް ކުރުމުގެ ހުއްދަ ލިބިފައިވާ ޒީ5އިން ބުނެފިއެވެ.

ޒީ5 އިން ފިލްމު "ގަދަރު2" ސްޓްރީމް ކުރެވޭނެ ކަމަށް ބުނެފައި ވާއިރު މި ފިލްމަކީ، މި އަހަރު މިހާތަނަށް ރިލީޒް ކުރި ފިލްމުތަކުގެ ތެރެއިން އެންމެ ބޮޑު ކާމިޔާބީއެއް ހޯދި ފިލްމުތަކުގެތެރޭ ހިމެނޭ ފިލްމެކެވެ.

ޒީ ސްޓޫޑިއޯއިން ޕްރޮޑިއުސްކޮށް އަނިލް ޝަރުމާ ޑައިރެކްޓް ކޮށްފައިވާ މި ފިލްމަކީ، އެންމެ 60 ކްރޯރް ރުޕީސްގެ ބަޖެޓަކުން އުފެއްދި ފިލްމެކެވެ. ފިލްމު ތިއޭޓަރުތަކުން ނެގިއިރު ޖުމްލަ 690.54 ކްރޯރް ރުޕީސްގެ ވިޔަފާރި, ފިލްމަށް ވަނީ ކުރެވިފައެވެ. ސަނީ ޑިއޯލް އާއި އަމީޝާ ޕަޓޭލް ލީޑް ރޯލް ކުޅެފައިވާ "ގަދަރު2" އަކީ 2001 ވަނަ އަހަރު ރިލީޒްކޮށް ބޮޑު ކާމިޔާބީއެއް ހޯދި ފިލްމު "ގަދަރު:އެކް ޕްރޭމް ކަތާ"ގެ ސީކުއަލް އެކެވެ.

ސަނީ ޑިއޯލްގެ ފިލްމީ ކެރިއަރުގެ އެންމެ ބޮޑު ކާމިޔާބީއެއް ހާސިލުކުރި ފިލްމަކީ، "ގަދަރު2" އަށް ވެފައިވާއިރު މި ފިލްމުގެ ކާމިޔާބީއާއެކު އެކްޓަރަށް އިތުރު ފިލްމީ ފުރުސަތުތަކާއެކު ހުށަހެޅުންތައް އަންނަނީ ލިބެމުންނެވެ.

ސަނީއެކޭ އެއްގޮތަށް ފިލްމީ ދާއިރާގައި ތަރި އޮއްސިފައިވާ ބަތަލާ އަމީޝާ ޕަޓޭލްއަށްވެސް އާއްމުންގެ ސަމާލުކަންވަނީ "ގަދަރު2" ރިލީޒް ވުމާއެކު ލިބެން ފަށާފައެވެ. ސަނީ ޑިއޯލްއަށް އެކްޓަރު އާމިރު ޚާން އާއެކު ފިލްމެއް ކުޅުމުގެ ފުރުސަތު ލިބިފައިވާއިރު "ލާހީރު1947" ގެ ނަމުގައި އުފައްދާ މި ފިލްމުގެ މަސައްކަތް ވަރަށް އަވަހަށް ފަށަން ސަނީ ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓުތަކުން ވަނީ ބުނެފައެވެ.