14 May 2012, 10:21
ކެރޭނެއްގެ ޑިއުޓީ އަގު ކުޑަކުރި މައްސަލައިގައި ކަސްޓަމްސްގެ ކުރީގެ ވެރިޔާ އިބްރާހިމް ޝާފިއުގެ މައްޗަށް މަގާމުގެ ނުފޫޒު ބޭނުންކޮށްގެން އެހެން ފަރާތަކަށް ނާޖާއިޒު ފައިދާއެއް ހޯދައިދިން ކަމުގެ ދައުވާ ދައުލަތުން މިއަދު އުފުލައިފި އެވެ.
ކްރިމިނަލް ކޯޓުގައި މިއަދު އޮތް ޝަރީއަތުގެ މަޖިލީހުގައި ދައުވާ އިއްވަވަމުން ދައުލަތުގެ ވަކީލު ވިދާޅުވީ ޕްރިންސިޕަލް ކަލެކްޓާ އޮފް ކަސްޓަމްސްގެ މަގާމުގައި 2008 ވަނަ އަހަރު ޝާފިއު ހުންނެވި އިރު އެ އަހަރު ސެންޓާ އެންޓަޕްރައިޒަސް އިން ރާއްޖެ ގެނައި ކުރޭނެއްގެ ޑިއުޓީ އަގު އެކަމަށް ކަނޑައަޅާފައިވާ އުސޫލުތަކާ ޚިލާފަށް ކުޑަކޮށްދީފައި ވާތީ، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ބަޔަކަށް ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ކުށުގެ ދައުވާ އޭނާގެ މައްޗަށް އުފުލާ ކަމަށެވެ.
ދައުވާ ހުށަހެޅުމުން ޝާފިއު ވިދާޅުވީ ދައުވާ އަށް އިންކާރު ކުރައްވާ ކަމަށާއި ދައުވާ އަށް ޖަވާބުދާރީ ވެވޭނީ ދައުލަތުން ހެކި ހުށަހެޅުމުން ކަމަށެވެ.
ދައުލަތުގެ ވަކީލު ވިދާޅުވީ އެ މައްސަލައިގައި ޝާފިއުގެ އިތުރުން އެހެން ބައެއްގެ މައްޗަށް ވެސް ދައުވާކޮށްފައިވާ ކަމަށާއި އަދި އެމީހުންގެ މައްޗަށް ވެސް ހެކި ހުށަހަޅާފައި ނުވާ ކަމަށެވެ. އަދި ވިދާޅުވީ އެ އެންމެންގެ މައްޗަށް ވެސް ތަފާތު ހެކި ހުރެދާނެތީ ދިރާސާ ކުރުމަށް ފަހު ކޮންމެ މީހެއްގެ މައްޗަށް ވެސް ވަކިވަކިން ހެކިހުށަހަޅުމަށް ފަހު އޭގެ ސަބަބާއި ތަފްސީލު ހުށަހެޅުމަށް އެހެން ދުވަހަކަށް ފުރުސަތު ބޭނުންވާ ކަމަށެވެ.
ކްރިމިނަލް ކޯޓުގެ ގާޒީ މިއަދުގެ ޝަރީއަތުގެ މަޖިލީސް ނިންމަވާލެއްވީ ދެން އޮންނަ ޝަރީއަތުގެ މަޖިލީހެއްގައި ހެކި ހުށަހެޅުމަށް ދައުލަތަށް ފުރުސަތު ދިނުމަށް ފަހު އެވެ.
އެ މައްސަލައިގައި ޝާފިއުގެ އިތުރުން ދައުވާކޮށްފައި ވަނީ މ. ރީޒަން، އަބްދުﷲ ވަހީދު އާއި ގ. ސިނަމާލެ، މުހައްމަދު އަންވަރު އަދި ހ. މާފާގާ، އިބްރާހިމް ޝިޔާމް ގެ މައްޗަށެވެ.
މި ދައުވާގެ އިތުރުން 2007 ވަނަ އަހަރު ސަލްޓަންސް އޮފްދަ ސީސް އިން ދެ ލޯންޗް ރާއްޖެއެތެރެކުރި މައްސަލައާ ގުޅިގެން ވެސް ޝާފިއުގެ މައްޗަށް ވަނީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން އެހެން ފަރާތަކަށް ޖާނާއިޒު ފައިދާއެއް ހޯދައިދިން ކަމުގެ ދައުވާކޮށްފަ އެވެ.