05 Oct 2023, 23:02
ސިނަމާލެ ބްރިޖުގެ ހުޅުލެއާވީ ދިމާއިން ބްރިޖުގެ ލައިޓުތައް ރޭގަނޑު ނުދިއްލި ހުންނަތާ ދޮޅު މަހަށްވުރެ ގިނަ ދުވަސްވެ، ގިނަ ބަޔަކު ޝަކުވާ ކުރަން ފަށައިފިއެވެ.
ބްރިޖުގެ ލައިޓުތައް މިހާރު ދިއްލިފައި ހުންނަނީ ހަމައެކަނި މާލެއާވީ ދިމާއިން އެކަންޏެވެ.
ހުޅުލެއާވީ ދިމާއިން ލައިޓުތައް ނުދިއްލެނީ ކޮން ސަބަބަކާ ހުރެކަމެއް މިހާތަނަށް އެ ބްރިޖުގެ މެއިންޓެނަންސް ކަންކަން ބަލަހައްޓާ ހައުސިން މިނިސްޓްރީން ހާމަކޮށްފައެއް ނުވެއެވެ.
ލައިޓުތައް ނުދިއްލޭތީ މިހާރު އެ ހިސާބުން އޮންނަނީ ވަރަށް އަނދިރިކޮށެވެ. މަގުން ދުއްވާފައި ދާއިރު، މަގު މެދުގައި އެއްޗެއް އޮތަސް އެ އެއްޗެއް ފާހަގަކުރަން ވެސް ދައްޗެވެ. އާންމު ގޮތެއްގައި ބާރު ސްޕީޑުގައި ބްރިޖުގައި ދުއްވާއިރު އަނދިރިކޮށް އޮތުން ވާނީ އެކްސިޑެންޓުތަކަށް ވެސް މަގުފަހިވާނެ ކަމަކަށެވެ.
މި ކަމުގެ ކަންބޮޑުވުން ބްރިޖުގައި ދުއްވާ މީހުން ފާޅުކުރެއެވެ.
"އަޅުގަނޑަށް ވަރަށް އުނދަގޫ މިހެން ހުންނާތީ. ކޮންމެ ދުވަހަކު ވެސް ދޭއް ނުވަތަ ތިން ފަހަރު އަޅުގަނޑު ބްރިޖު އެބަ ހުރަސް ކުރަން. ރޭގަނޑު ވެސް ދަތުރުކުރަން، އަނދިރިކޮށް އޮތީމާ ނޭނގޭ ކުނިގަނޑަކަށް ވެހިކަލް އެރެން ދާއިރު ވެސް. އޭގެ އެއްޗަކަށް އެރި ކަހައިލައިފިއްޔާ ކިހިނެއް ވާނީ،" ގަވައިދުން ބްރިޖުގައި ދަތުރުކުރާ މެދު އުމުރުގެ މީހަކު "ސަން"އަށް ކިޔައިދިނެވެ.
މި ކަމާ ގުޅިގެން 'ސަން'އިން ހައުސިން މިނިސްޓްރީއަށް ގުޅައިލުމުން ވަނީ އެ މަސައްކަތް ކުރާ ގޮތުގެ ތަފުސީލު ފަހުން ހާމަކުރާނެ ކަމަށް ބުނެފައެވެ. ނިވިފައި ހުރި ސަރަހައްދު އެހެން ދޫވެފައިވަނީ ކީއްވެ ކަމެއް އެ މިނިސްޓްރީން ހާމަކޮށްފައެއް ނުވެއެވެ.
ފުލުހުން ވަނީ މި ދަނޑިވަޅުގައި ބްރިޖު މައްޗާއި ހައިވޭގައި ދުއްވާއިރު ޚާއްސަ ސަމާލުކަމެއް ދިނުމަށް އެދިފައެވެ. އަދި، ސްޕީޑު ލިމިޓުގެ ތެރޭގައި ވެހިކަލް ދުއްވުމަށް ނަސޭހަތްތެރި ވެފައެވެ.