ޓްރީ ޓޮޕް ހޮސްޕިޓަލުން ދާއިމީ ހިތުގެ ސިގްނަލް ފޮނުވައިދޭ ނިޒާމުގެ ޕޭސިން ރާއްޖޭގައި މުޅިން އަލަށް ތައާރަފުކޮށް ޕޭސްމޭކާ އިމްޕްލާންޓް ކުރުމުގެ ޕްރޮސީޖާ ކާމިޔާބު ކޮށްފިއެވެ.

މިއަދު އެ ހޮސްޕިޓަލުން ނެރުން ނޫސް ބަޔާނެއްގައި ވާގޮތުން، އެ ޕްރޮސީޖާ ކާމިޔާބުކަމާ އެކު ފުުރިހަމަ ކޮށްފައިވަނީ ޓްރީ ޓޮޕް ހޮސްޕިޓަލުގެ ކާޑިއޮލޮޖިސްޓުން ކަމަށްވާ ޑރ. މިޤްދާތު ޝަރީފް އަދި ޑރ.އަމިތު އަގަރްވާލްއެވެ.

މި ޕޭސިން ޕްރޮސީޖަރަކީ ހިތުގެ ސިގްނަލް ފޮނުވައިދޭ ނިޒާމަށް ސީދާ ބާރުފޯރުވައިގެން ހިތުގެ ވިންދު ރެގިއުލޭޓް ކުރުމަށް އާޓިފިޝަލް އިލެކްޓްރިކަލް ސްޓިމިއުލޭޝަން ބޭނުން ކުރުމެވެ.

އޮޕަރޭޝަނަށް ވަކި ޕްރޮސީޖާއެއް ހޮވުން ބިނާވެފައިވަނީ އެ މީހެއްގެ ހިތުގެ ހާލަތާއި ހިތުގެ ވިންދު ބެލެހެއްޓުމަށް އެންމެ އެކަށީގެންވާ ގޮތަށް ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.

މީގެ އިތުރުން، މި ޕްރޮސީޖަރުތައް އާންމުކޮށް ކުރިއަށް ގެންދަނީ ހިތުގެ ވިންދު ޑިސްއޯޑަސް މެނޭޖްކުރުމުގެ ތަމްރީނު ލިބިފައިވާ އިންޓަވެންޝަނަލް ކާޑިއޮލޮޖިސްޓުން ނުވަތަ ކާޑިއަކް އިލެކްޓްރޯފިޒިއޮލޮޖިސްޓުންނެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުން ޕޭސިން އޮޕަރޭޝަން ކުރާ މީހުންނަށް އަފްޓާކެއާ (އޮޕަރޭޝަން ކުރުމަށް ފަހު ދެވޭ ފަރުވާ) ފޯރުކޮށްދިނުމަށް ބޭނުންވާ ވަސީލަތްތައް ބެހެއްޓުމަށް މަގުފަހިވެފައިވާ ކަމަށާއި، މި ވަސީލަތްތަކުގެ ހަރަކާތް ކުރަމުންދާ މިންވަރު ބެލެހެއްޓުމަށް ގަވާއިދުން ފޮލޯއަޕްތަކަށް ހާޒިރުވެ، ފަރުވާ ބެހެއްޓުމަށް އެ ހޮސްޕިޓަލުން ވަނީ އިލްތިމާސް ކޮށްފައެެވެ.

ޑޮކްޓަރުން ދޭ އިރުޝާދުތަކަށް ފަރުވާ ބަހައްޓައި އިރުޝާދުތަކާއި އެއްގޮތައް އަމަލުކޮށްފިނަމަ، ޕޭސިން ޑިވައިސް ފަސޭހަކަމާ އެކު ފުރިހަމައަށް މަސައްކަތް ކުރުމުގައި ދެމިހުރުމަށް އެހީތެރިވެދޭ ކަމަށް އެ ބަޔާނުގައިވެއެވެ.

ފުރަތަމަ ފަހަރަށް ކުރެވުނު މި އޮޕަރޭޝަން ކާމިޔާބުކަމާ އެކު ފުރިހަމަ ކުރެވިގެންދިޔުމާއި އަަލަށް ތައާރަފު ކުރެވުނު ފިޒިއޮލޮޖިކަލް ޕޭސިން މޮޑެލިޓީއެއްގެ ގޮތުގައި އުފެދިފައިވާ މި ޕޮޓެންޝަލް އަލްޓަނޭޓިވް އެޕްރޯޗަކީ ޓްރީ ޓޮޕް ހޮސްޕިޓަލްގެ ހިދުމަތްތަކަށް ލިބިގެންދިޔަ ކުރިއެރުމެއް ކަމަށް ވެސް އެ ހޮސްޕިޓަލުން ވަނީ ބުނެފައެވެ.