އާޖެންޓީނާ ތަރި ލިއޮނެލް މެސީގެ ކެރިއަރު ނިންމާލުމަށް އާޖެންޓީނާގެ ނެވެލްސް އޯލްޑް ބޯއީސްއާ ގުޅޭނެ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ރިޕޯޓުތައް ބުނެފައިވާ ގޮތުގައި ކެރިއަރު ނިންމާލުމަށް ނެވެލްސް އޯލްޑް ބޯއީސްއާ މެސީ ގުޅުމަށް ނިންމާފައިވަނީ އިންޓަ މަޔާމީއާ އެކު ހަދާފައިވާ ކޮންޓްރެކްޓް ނިމުމަކަށް އައުމުން 2025 ވަނަ އަހަރުއެވެ.

ނެވެލްސް އޯލްޑް ބޯއީސްއަކީ މެސީގެ ފުރަތަމަ ކްލަބެވެ. އެ ކްލަބާ އެކު ދުވަސްތަކެއް ހޭދަކުރުމަށް ފަހު ބާސެލޯނާއާ މެސީ ގުޅުނީ އުމުރުން 13 އަހަރުގައެވެ. އަދި، ބާސާގެ ޔޫތު ސިސްޓަމްގެ ތެރެއިން ތަމްރީނުވެގެން އައި މެސީ ވެގެން ގޮސްފައިވަނީ ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ކުޅުންތެރިޔާއަށެވެ.

ބާސާގެ ޔޫތު ޓީމުގައި ތިން އަހަރު ހޭދަކުރުމަށް ފަހު، ސީނިއާ ޓީމަށް މެސީ ފުރަތަމަ މެޗެއް ކުޅެފައިވަނީ އޭނާގެ އުމުރުން 16 އަހަރުގައެވެ. ބާސާގެ ސީނިއާ ޓީމަށް 18 އަހަރު ކުޅުމަށް ފަހު، ޕެރިސް ސެއިންޓް ޖާމައިން (ޕީއެސްޖީ)އާ މެސީ ގުޅުނީ 2021 ވަނަ އަހަރުއެވެ. އަދި، ޕީއެސްޖީގެ ކޮންޓްރެކްޓް ހަމަވުމާ އެކު އިންޓަ މަޔާމީއާ މެސީ ގުޅުނީ މި އަހަރުއެވެ.

މެސީގެ ކެރިއަރުގައި އޭނާ އެންމެ ގިނަ ކާމިޔާބީތައް ހޯދާފައިވަނީ ބާސާގައެވެ. އެ ކްލަބާއެކު އޭނާ ވަނީ 11 ސްޕެނިޝް ލަލީގާ އާއި ހަތަރު ޔޫއެފާ ޗެމްޕިއަންސް ލީގު އަދި ހަތް ކޮޕާ ޑެލްރޭ ކާމިޔާބުކޮށްފައެވެ. އާޖެންޓީނާއާއެކު މިދިޔަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރި މެސީ ވަނީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ދޭ ބެލޮންޑިއޯ ހަތް ފަހަރަކު ހޯދައިފައެވެ. އޭނާ ވަނީ މިއަހަރުގެ ބެލޮންޑިއޯ އެވޯޑަށް ވެސް ނޮމިނޭޓުވެފައެވެ.