ސިވިލް ކޯޓާއި ހައި ކޯޓުގެ އިސް ގާޒީ ކަމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.

ސިވިލް ކޯޓުގެ އިސް ގާޒީކަން ހުސްވެފައިވަނީ އެ މަގާމުގައި ކުރިން ހުންނެވި އަހުމަދު ނިމާލު ޖުނައިދު ކުއްލި ގޮތަކަށް މިދިޔަ މަހު އަވަހާރަވުމާ ގުޅިގެންނެވެ. އެ ކޯޓުގެ ހިންގުން ވަގުތީ ގޮތުން މިހާރު ހަވާލުކޮށްފައިވަނީ، އެ ކޯޓުގެ ގާޒީ ފަރުހާދު ރަޝީދާއެވެ.

ހައި ކޯޓުގެ އިސް ފަނޑިޔާރު ހާތިފް ހިލްމީ މިދިޔަ އަހަރު ފަނޑިޔާރު ކަމުން ރިޓަޔާ ކުރެއްވުމާ ގުޅިގެން އެ ކޯޓުގެ ހިންގުން ވަގުތީ ގޮތުން ހަވާލު ކޮށްފައިވަނީ ފަނޑިޔާރު ހުސައިން ޝަހީދާއެވެ.

އެހެންވެ، ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ވަނީ އެ މަގާމު ތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައެވެ.

ޖޭއެސްސީން މިއަދު އިއުލާން ކޮށްފައިވަނީ:

  • ސިވިލް ކޯޓުގެ އިސް ގާޒީކަމަށް

  • ސިވިލް ކޯޓުގެ ގާޒީކަމަަށް
  • ހައި ކޯޓުގެ އިސް ފަނޑިޔާރުކަމަށް

ސިވިލް ކޯޓުގެ އިސް ގާޒީއެއްގެ އަސާސީ މުސާރައަކީ 31،000 ރުފިޔާއެވެ. އޭގެ އިތުރުން، ލިވިން އެލަވަންސްގެ ގޮތުގައި 15،000 ރުފިޔާ އަދި ރިސްކް އެލަވަންސްގެ ގޮތުގައި 1،650 ރުފިޔާގެ އިތުރުން، މެޑިކަލް އިންޝުއަރެންސާއި ފޯން އެލަވަންސް ވެސް ލިބޭނެއެވެ.

ސިވިލް ކޯޓުގެ ގާޒީއެއްގެ އަސާސީ މުސާރައަކީ 30،000 ރުފިޔާއެވެ. އޭގެ އިތުރުން، ލިވިން އެލަވަންސްގެ ގޮތުގައި 15،000 ރުފިޔާ އަދި ރިސްކް އެލަވަންސްގެ ގޮތުގައި 1،650 ރުފިޔާގެ އިތުރުން، މެޑިކަލް އިންޝުއަރެންސާއި ފޯން އެލަވަންސް ވެސް ލިބޭނެއެވެ.

ހައި ކޯޓުގެ އިސް ފަނޑިޔާރެއްގެ އަސާސީ މުސާރައަކީ 38،000 ރުފިޔާއެވެ. އޭގެ އިތުރުން، ލިވިން އެލަވަންސްގެ ގޮތުގައި 15،000 ރުފިޔާ އަދި ރިސްކް އެލަވަންސްގެ ގޮތުގައި 3،300 ރުފިޔާގެ އިތުރުން، މެޑިކަލް އިންޝުއަރެންސާއި ފޯން އެލަވަންސް ވެސް ލިބޭނެއެވެ.

މި މަގާމުތަކަށް ކުރިމަތިލާން ހުށައެޅުމުގެ ފުރުސަތު ހުޅުވާލައިފައިވަނީ މި މަހު 19 ވަނަ ދުވަހުގެ މެންދުރު 12ގެ ކުރިންނެވެ. މަގާމަށް އެދި ހުށައަޅާނީ ޖޭއެސްސީގެ ފަހިރެސް ޕޯޓަލް މެދުވެރިކޮށެވެ.